ކޮސޯވޯގެ މިނިވަންކަން ގަބޫލުކުރުމަށް ރާއްޖެ އިން ނިންމުމުން އެކަން ބަދަލުކުރޭތޯ ވާހަދަ ދެއްކުމަށް ސާބިޔާގެ ޕާޓީއެއް ކަމަށްވާ އޮޓޯޕޯގެ ވަފުދެއް ރާއްޖެ އައި ކަމަށާއި އެވަފުދުން ދެއްކި ވާހަކައާ ގުޅިގެން އެ މައްސަލައިގާ ސަރުކާރުގެ އެތެރޭގައި ހިޔާލުތަފާތުވުން އުފެދުނު ކަމަށް ވިކިލީކްސް އިން އާއްމުކުރި ލިއުމަކުން ހާމަވެއްޖެ އެވެ.

ސްރީލަންކާގައި ހުންނަ އެމެރިކާގެ އެމްބަސީން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓަށް ފޮނުވާފައިވާ އެ މެސެޖްގައި ވަނީ ކޮސޯވޯގެ މިނިވަންކަން ގަބޫލުކުރުމަށް ރާއްޖެ އިން ނިންމުމާ ގުޅިގެން އޮޓޯޕްގެ ވަފުދެއް ރާއްޖެ އައި ކަމަށާއި އެ ޕާޓީއަކީ ވެރިކަން ކުރާ އެމްޑީޕީއާ ވަރަށް ގާތް ގުޅުމެއް އޮންނަ ޕާޓީއެއް ކަމަށެވެ. އަދި ސާބިޔާ އިން ރާއްޖެ އައި ވަފުދުން ސީދާ ރައީސް ނަޝީދާ ވެސް ވާހަކަ ދައްކާފައިވާ ކަމަށް ޑރ. ޝަހީދާ ހަވާލާދީ އެލިއުމުގައިވެ އެވެ.
އަދި ކޮސޯވޯގެ މިނިވަންކަން ގަބޫލު ނުކުރުމަށް ވެރިކަން ކުރާ އެމްޑީޕީން ވެސް ރައީސް ނަޝީދާ ވާހަކަ ދައްކާފައިވާ ކަމަށް ވެސް ޑރ. ޝަހީދާ ހަވާލާދީ އެލިއުމުގައިވެ އެވެ.