ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލްމަޖީދު އަބްދުލްބާރީގެ ހާލުކޮޅު ވަރަށް ސީރިއަސްވެއްޖެ އެވެ. އެނގިފައިވާ ގޮތުގައި ޑރ. މަޖީދު މިވަގުތު އޮންނެވީ ވެންޓިލޭޓަރުގަ އެވެ.

ޑރ. މަޖީދުގެ ހާލުކޮޅު ދެރަވީ ސްރީލަންކާގައި ހުންނަވަނިކޮށް މިދިޔަ ހުކުރު ދުވަހު ސްޓްރޯކެއް ޖެހިވަޑައިގަތުމުގެ ސަބަބުންނެވެ. ޑރ. މަޖީދު ފަރުވާ ހޯއްދަވަމުން ގެންދެވީ ކޮލޮމްބޯގެ ލަންކާ ހޮސްޕިޓަލުގަ އެވެ.

އެނގިފައިވާ ގޮތުގައި ހާލުކޮޅު ސީރިއަސްވުމުގެ ސަބަބުން ޑރ. މަޖީދުގެ އޮޕަރޭޝަންތަކެއް ވެސް ވަނީ ކޮށްފަ އެވެ.

ޑރ. މަޖީދަކީ ރާއްޖޭގެ އެންމެ ފުރަތަމަ މިނިސްޓަރު އޮފް އިސްލާމިކް އެފެއާޒެވެ. އިސްލާމިކް މިނިސްޓްރީއެއް ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނީ 2008 ވަނަ އަހަރު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ތެރޭގަ އެވެ.