06 Sep 2011, 08:04
ލަންޑަން (ސެޕްޓެމްބަރ 6) އިނގިރޭސިވިލާތުގެ ހަދުފަހަނަޅާފައިވާ ކަނާތުފިޔައިގެ ޖަމާއަތްތަކުން މާތްވެގެންވާ އިސްލާމްދީނަށާއި އިނގިރޭސި މުސްލިމުންނާ ދެކޮޅަށް މުޒާހަރާކޮށް ނަސްލީ އިމްތިޔާޒްގެ ޝިޢާރުތައް އުފުލައި އަޑުގަދަކުރުމުގެ ޢަމަލުތަކެއް ހިންގައިފިއެވެ.
ލަންޑަންގެ އިރުމަތީގައިވާ ޓަވަރ ހެމްލެޓްސް ސަރަޙައްދުގައި މުޒާހަރާކުރި ހައްދުފަހަނަޅާފައިވާ އިނގިރޭސި ޖަމާއަތްތަކުން އުފުލާފައިވަނީ ފަލަސްތީނު އަޅުވެތިކޮށްގެންއުޅޭ ޒަޔަނިސްޓް އިސްރާއީލުގެ ދިދައާއި އިސްލާމީ ޤައުމުތަކަށް އިސްވެ ޙަމަލާދީ އަރައިގަންނަމުންގެންދާ އެެމެރިކާގެ ދިދައެވެ.
މިމުޒާހަރާ އިންތިޒާމްކޮށްފައިވަނީ އިންގްލިޝް ޑިފެންސް ލީގް ނަމަކަށްކިޔާ ކަނާތުފިޔައިގެ ހަރުކަށި އިއްތިޙާދަކުންނެވެ. މިއިއްތިޙާދުގެ ފަރާތުން މުޒާހަރާކުރި ހަރުކަށި މީހުންވަނީ އިނގިރޭސިވިލާތަށް މުސްލިމުން ހިޖްރަކުރާ މައްސަލައާ އަދި އިނގިރޭސި ދޮންމީހުން މާތްވެގެންވާ އިސްލާމް ދީނަށް ވަންނަމުންދާތީ އެކަމާ ދެކޮޅަށް ރުޅިވެރިކަން ފާޅުކުރުމުގެ ގޮތުން އިސްލާމް ދީނަށް ފުރައްސާރަކޮށް އިނގިރޭސި މުސްލިމުންނަށް ޖެއްސުންކުރުމުގެ ޢަމަލުތަކެއް ހިންގާފައެވެ. އަދި ލަންޑަންގައި މުސްލިމުން ގިނަ ޓަވަރ ހެމްލެޓްސްއަކީ "ބްރިޓިޝް އިސްލާމިކް ރިޕަބްލިކް" ކަމަށްވެސް ހަރުކަށި ފަރާތްތަކުން ސިފަކުރިއެވެ.
އިސްލާމް ދީނަކީ ހަރުކަށި ދީނެއް ކަމަށްބުނެ އިނގިރޭސިވިލާތުގައި އިސްލާމް ދީނަށް ގޮވާލާ މައިމަރުކަޒަކީ ޓަވަރ ހެމްލެޓްސް ކަމަށްވެސް ހައްދުފަހަނަޅާފައިވާ އިއްތިޙާދުން ސިފަކުރިއެވެ. ވަނީ އިސްލާމް ދީނުގެ ޝަރީޢަތަކީ އަކީ ހުޅަނގުގެ ޑިމޮކްރަސީއާ ފުށުއަރާ އެއްޗެއް ކަމަށްބުނެ އިސްލާމް ދީނުގައި އަންހެނުންނާ މެދު މުޢާމަލާތްކުރަނީ ވަރަށް އިހާނާތްތެރި ގޮތްތަކަށް ކަމަށްވެސް ހައްދުފަހަނަޅާފައިވާ އިނގިރޭސި އިއްތިޙާދުން ސިފަކުރިއެވެ. އަދި އިސްލާމީ ޝަރީޢަތާ އެއްގޮތަށް ކަންކަންކުރުން އިނިގިރޭސިވިލާތުގައި މަނާކުރުމަށްވެސް ހައްދުފަހަނަޅާފައިވާ ފަރާތްތަކުން ގޮވާލިއެވެ.
އިނގިރޭސިވިލާތުގެ ހައްދުފަހަނަޅާފައިވާ މިއިއްތިޙާދުގެ މުޒާހަރާއަށް ރައްދު ދިނުމުގެ ގޮތުން މެދުމިނުގެ ޚިޔާލުގެ އިނިގިރޭސި ރައްޔިތުންނާއި އިނގިރޭސި މުސްލިމުންނާއި އިނގިރޭސި ނަސާރާއިންނާއި ބުޑިސްޓުންނާއި ސިކުންނާއި މުސްލިމުންނާ ދުޝްމަންކަން ނުގެންގުޅޭ (ޒަޔަނިސްޓް ނޫން) ޔަހޫދީން ގުޅިގެންވަނީ ހަމަ މިސަރަޙައްދުގައި މުޒާހަރާއެއްކޮށް އިނގިރޭސި ހަރުކަށި ޖަމާއަތްތަކާ ދެކޮޅަށް އަޑުއުފުލާފައެވެ.
މިފަރާތްތަކުންވަނީ އިނގިރޭސި މީޑިޔާއަކީ ހައްދުފަހަނަޅާފައިވާ ޖަމާޢަތަތްތަކަށް ހިއްވަރުދޭ އަދި މުސްލިމުންނާ މެދު ނަފްރަތުގެ ޚިޔާލު އުފައްދާ ތިލަފަތް ހަމަނޫން މީޑިޔާއެއް ކަމަށް ސިފަކޮށްފައެވެ. -- ރޮއިޓާސް