20 May 2018, 14:23
އިދިކޮޅު އެމްޑީޕީއަކީ ޑިމޮކްރެސީގެ ހަމަތައް ހިފަހައްޓާ ކަމަށް އެންމެ ދައުވާ ކުރާ އެއް ޕާޓީ އެވެ. ޕާޓީގެ ނަމުގެ ތެރޭގައި 'ޑިމޮކްރެޓިކް' މި ބަސް ހިމެނޭތީ ކަމަށް ވެސް ވެދާނެ އެވެ. އަދި ޑިމޮކްރެސީގެ ހަމަތައް ގެންގުޅުމަށް އެމްޑީޕީން އަބަދު ވެސް އަޑު އުފުލާ ހަދަ އެވެ.
ނަމަވެސް އެމްޑީޕީގެ ޑިމޮކްރެޓިކް ހަމަ ނުފެންނަ އެއް ދުވަސް ވަރަކީ ކޮންމެ އަހަރަކު ވެސް ރިޔާސީ އިންތިހާބަށް ޕްރައިމެރީ ބާއްވާ ހިސާބަށް ދިޔުމުންނެވެ. އެމްޑީޕީ އުފަންވި ފަހުން އަންނަ މިއީ ތިން ވަނަ ރިޔާސީ އިންތިހާބެވެ. ތިން ބުރު ވެސް ރިޔާސީ ކެންޑިޑޭޓަކަށް ކުރިމަތިލީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
ކުރީގެ ރައީސް ނަޝީދު: އެމްޑީޕީ ޕްރައިމެރީގައި ވާދަކުރަން މިފަހަރުވެސް ނަން ހުށަހެޅީ ނަޝީދު އެކަނި --- ސަންފައިލް ފޮޓޯ
އިއްޔެ އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގައި ވާދަ ކުރުމަށް ހުޅުވާލި ފުރުސަތު ބަންދުވި އިރު ނަން ހުށަހެޅުއްވީ ހަމަ އެކަނި މުހައްމަދު ނަޝީދެވެ. އެހެން އެއްވެސް ބޭފުޅެއްގެ ނަން ވެސް ހުށަހަޅުއްވާފައެއް ނުވެ އެވެ.
އަބަދުވެސް އެމްޑީޕީއާ ދެކޮޅު ފަރާތްތަކުން "އެމްޑީޕީ އަކީ ނަޝީދު، އަދި ނަޝީދަކީ އެމްޑީޕީ" ކަމަށް ބުނާ ވާހަކަ މިފަހަރު ވެސް ތެދަކަށް ވެއްޖެ އެވެ. އަދި އެހެން މީހަކަށް ފުރުސަތު ނުލިބޭނެ ކަަމަށް ބުނާ ވާހަކަ ވެސް ގަބޫލުކުރެވޭ ހިސާބަށް ހިނގައްޖެ އެވެ.
"ޕްރައިމެރީގައި ވާދަކޮށްލާނެ މީހަކު ވެސް އެމްޑީޕީގައި ނެތް" މަޖިލީހުގެ މެޖޯރިޓީ ލީޑަރު ނިހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.
ނިހާނު އެކަންޏެއް ނޫނެވެ. އެމްޑީޕީގެ ޑިމޮކްރެޓިކް އުސޫލުތަކުގެ ވާހަކަ އެންމެ ބާރަށް ދައްކަވާ އެއް ބެފުޅަކީ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކެވެ. މޫސަކީ އެމްޑީޕީ އުފެއްދުމުގައި އިސްކޮށް އުޅުއްވި އެމްޑީޕީގެ ޗެއާޕާސަންކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ކުރީގެ ރައީސް ނަޝީދު އަދި މަޖިލީހުގެ ރައީސް މޫސާ މަނިކު -- ސަންފައިލް ފޮޓޯ
މޫސަ ވިދާޅުވާ ގޮތުން އޭނާ އެމްޑީޕީން ވަކިކުރީ ރިޔާސީ ޕްރައިމެރީގައި ވާދަ ކުރަން ނިންމި ހިސާބުންނެވެ. އެހެންވީމަ އެމްޑީޕީން ނަޝީދު ނޫން މީހަކަށް ފުރުސަތު ނުދޭނެ ކަމަށް މޫސަ ފާޅުގައި ބުނަމުން ދަނީ ތަޖުރިބާތަކެއް ހުރީމަ ކަމަށް ބެލެވެ އެވެ.
ޖަޒީރާ ރައީސްގެ ނަމުގައި ނަޝީދު ކެމްޕޭން ކުރައްވަން ފެއްޓެވި ހިސާބުން މޫސަ ޓްވީޓެއް ކުރެއްވި އެވެ.
"ރަށު ގޮނޑުދޮށުގައި ވެސް އެސޮރު. އަތޮޅު ދުނިން ބޭރުގައި ވެސް އެސޮރު. ރާއްޖޭގެ އަސްދަނޑިން ބޭރުގައި ވެސް އެސޮރު. ޖަޒީރާއާ ހަމައަށް ދިޔައިރު ވެސް އެސޮރު. ސަލާމަތެއް ނެތެއްނު؟." މޫސަ ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެ އެވެ.
އެމްޑީޕީން ބޭއްވި މުޒާހަރާއެއްގެ ތެރެއިން -- ސަން ފޮޓޯ/ފަޔާޒު މޫސާ
ދެން އޮތީ ނަޝީދަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެތޯ ކުރިމަތި ކުރުވާ ސުވާލެވެ. ނަޝީދު ވިދާޅުވާ ގޮތުން އެފުރުސަތު އެންމެ ފަހު ވަގު ލިބި ވަޑައިގަންނަވާނެ އެވެ. އަދި ވޯޓު ކަރުދާސްކޮޅުގައި ނަޝީދުގެ ނަން އޮންނާނެ ކަމަށް އެމްޑީޕީގެ ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
މިހާރު 13 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ނަޝީދަށް ރިޔާސީ އިންތިހާބުގަިއ ވާދަކުރުމުގެ ފުރުސަތު ގާނޫނު އަސާސީން މަނާ ކުރާ އިރު ދެން އެ ފުރުސަތު ލިބޭނެ ގޮތަކާ މެދު ސުވާލު އުފެދެ އެވެ.
އޭގެ އިތުރުން އަނެއް ކަމަކީ އެމްޑީޕީގެ މަގާމުތައް ފުރާ ފަރާތްތަކަށް ކުރިމަތި ކުރުވާފައި އޮންނަ އަހުލާގީ މިންގަނޑެވެ. އެމްޑީޕީގެ އަސާސީ ގަވައިދު ބުނާ ގޮތުން ޖަލު ހުކުމެއް އޮންނަ އެއްވެސް ކަހަލަ ޖިނާއީ އަމަލެއް ހިންގާފައިވާ ފަރާތަކަށް އެމްޑީޕީގެ މަގާމުތަކެއް ނުފުރޭނެ އެވެ.
އެމްޑީޕީގެ މަގާމުތައް ނުފުރޭ އިރު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ޖަލު ހުކުމް ތަންފީޒު ކުރަމުންދާ ފަރާތެއް ވުމަކީ އަސާސީ ގަވައިދާ ހިލާފަށް އެމްޑީޕީގެ ޕްރައިމެރީގައި ވާދަކުރަން ނަޝީދަށް ފުރުސަތު ދިނުންތޯ ސުވާލު އުފެދެ އެވެ.
ކޮންމެ އަކަސް ޑޮމޮކްރެޓިކް ޕާޓީގެ ފަރާތުން މި ފެންނަނީ ވަރަށް ޑިމޮކްރެޓިކް ނޫން ކަންތައްތަކެކެވެ.