06 Sep 2011, 07:57
ބެންޣާޒީ (ސެޕްޓެމްބަރ 6) : މަޤާމުން ދުރުކުރެވިފައިވާ ލީބިޔާގެ ކުރީގެ ޒަޢީމް މުޢައްމަރުލްޤައްޒާފީ ގެ ދެ ދަރިކަލުން ކަމަށްވާ ސައިފުލްއިސްލާމް އާއި އައްސާޢިދީ، ޓްރިޕޮލީގެ ކައިރީގައިވާ ބެންވަލީދުގައި ފިއްލަވައިގެން އުޅުއްވުމަށްފަހު އެރަށުން ވެސް މިހާރު ގޮސްފައިވާ ކަމަށް ލީބިޔާގެ އިންތިޤާލީ މަޖިލީހުގެ ވެރިޔާ މުސްތަފާ ޢަބްދުލްޖަލީލް ވިދާޅުވެއްޖެވެ.
ބީ.ބީ.ސީ އަށް ދެއްވި ބަސްދީގތުމެއްގައި ޢަބްދުލްޖަލީލް ވިދާޅުވީ ގައްޒާފީއަށް ވަފާތެރި ސިފައިންގެ އަތްދަށުގައިވާ ބެންވަލީދު ސުލްޙަވެރިކަމާއެކު ފަތަހަ ކުރުމަށް އެރަށުގެ އިސްފަރާތްތާއެކު ދެކެވެމުންދިޔަ ވާހަކަތައް ނާކާމިޔާބުވީ ސައިފުލްއިސްލާމް އާއި އައްސާޢިދީ ގެ ސަބަބުންނެވެ. ޢަބްދުލްޖަލީލުވަނީ ގައްޒާފީއަށް ވަފާތެރި ސިފައިންގެ އަތްދަށުގައިވާ މަދުރައްތައް ސުލްޙަވެރިގޮތުގައި އިންތިޤާލީ މަޖިލީހާ ޙަވާލުކުރުމުގެ މުއްދަތު އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް އިތުރުކުރައްވާފައެވެ.
ހޮނިހިރު ދުވަހަށްފަހު ހަވާލުނުކުރާ ރައްތައް ހިފުމަށްޓަކައި ބާރުގެ ބޭނުންކުރާނެ ކަމުގެ އިންޒާރުވެސް ޢަބްދުލްޖަލީލުވަނީ ދެއްވާފައެވެ. ނަމަވެސް އަންނަ ހަފްތާގައި ޢަބްދުލްޖަލީލާއި އިންތިޤާލީ މަޖިލީހުގެ އިސްވެރިން ބެންޣާޒީން ވެރިރަށް ޓްރިޕޮލީއަށް ބަދަލުވެވަޑައިގަތުމަށްފަހު ވަގުތީ ސަރުކާރުން ކުރާ ފުރަތަމަ ކަމަކީ ހަނގުރާމަ ކުރުންކަމަށް ހައްދަވަން އެބޭފުޅުން ބޭނުންނުވާ ކަމަށާއި ވަގުތީ ސަރުކާރުން އިސްކަންދެނީ ލީބިޔާގެ ދާޚީލީ ސުލްޙައަށްކަމަށް ބީ.ބީ.ސީ ބުނެއެވެ.
އަނެއްކޮޅުން ބެންވަލީދުގެ ކަންތައްތައް ބަލަމުންދާ ލީބިޔާގެ ހަނގުރާމަވެރިންގެ ކޮމާންޑަރަކު ވިދާޅުވިގޮތުގައި ބެންވަލީދުގައި ހުންނެވި ގައްޒާފީގެ ބާރުތަކުގެ އިސްކޮމާންޑަރު މިހާރުވަނީ އެރަށުން ފިއްލަވާފައެވެ. ނަމަވެސް ގައްޒާފީއަށް ވަފާތެރި ސިފައިން ބަރުހަތިޔާރާއެކު އެރަށުގައި ފައިހަރުކޮށްގެން އެބަތިބި ކަމަށް އޭނާ ވިދާޅުވިއެވެ. -- ބީބީސީ