20 May 2018, 12:52
އިރާގުގެ ޕާލަމެންޓްރީ އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ހޯދި "ސާއިރޫން" ކޯލިޝަންގެ ޒައީމް މުގްތަދާ އައްސަދްރު އެގައުމުގައި އައު ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް މިހާރު މިވަނީ ފައްޓަވައިފައެވެ.
މިކަމަށްޓަކައި ސަދްރު އެންމެ ފުރަތަމަ ބައްދަލުކުރެއްވީ މަގާމުގެ މުއްދަތު ހަމަވެފައިވާ އިރާގުގެ ބޮޑުވަޒީރު ހައިދަރުލްއަބާދީއާއެވެ. ޝިޔައީ އިލްމުވެރިއެއްކަމަށްވާ ސަދްރު ވިދާޅުވީ އިރާގަށް ބޭނުންވަނީ އަވަށްޓެރި އެއްވެސް ގައުމެއްގެ ބާރާއި ނުފޫޒު ނުހިނގާ މުސްތަގިއްލު ސަރުކާރެއްކަމަށާއި އައު ސަރުކާރު އެކުލަވާލުމަށް މަސައްކަތްކުރާނީ މިވިސްނުން ގެންގުޅޭ ކޯލިޝަންތަކުގެ ލީޑަރުންނާ އެކުގައި ކަމުގައެވެ.
އިރާގުގައި މިދިޔަ ހަފްތާގައި ބޭއްވި ޕާލަމެންޓްރީ އިންތިޚާބުގައި މުގްތަދާ އައްސަދްރުގެ ކޯލިޝަނުން 54 ގޮނޑި ކާމިޔާބުކުރިއިރު ދެވަނައަށް އެންމެ ގިނަ ގޮނޑި (47 ގޮނޑި) ކާމިޔާބުކުރީ "ފަތްޙު" ކޯލިޝަނުންނެވެ. އެކޯލިޝަންގެ ޒައީމަކީ އީރާނާ ގުޅުންބޮޑު ޝިޔައީ ލީޑަރެއްކަމަށްވާ ހާދީ އަލްޢާމިރީ އެވެ. ތިންވަނައަށް އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ މަގާމުގެ މުއްދަތު ހަމަވެފައިވާ ބޮޑުވަޒީރު ހައިދަރުލްއަބާދީގެ "ނަސްރު" ކޯލިޝަނުންނެވެ. އެކޯލިޝަނުން 42 ގޮނޑި ކާމިޔާބުކުރިއެވެ. މިތިން ކޯލިޝަނަކީވެސް ޝިޔަޢީ ކޯލިޝަންތަކެވެ.
މުގްތަދާ އައްސަދްރު އާއި ބޮޑުވަޒީރު ހައިދަރުލްއަބާދީ އަކީ އީރާނާއެކު އާދައިގެ ގުޅުންތަކެއް ބާއްވަން ތާއީދުކުރައްވާ އެހެންނަމަވެސް އީރާނުގެ ނުފޫޒާ ދުރު ދެބޭފުޅުންނެވެ. ނަމަވެސް 47 ގޮނޑި ކާމިޔާބުކުރި "ފަތްޙު" ކޯލިޝަނުގެ ޒަޢީމް ހާދީ އަލްޢާމިރީ އަކީ އީރާނާ އާދަޔާ ޚިލާފަށް ގުޅުންބޮޑު ބޭފުޅެކެވެ. އައިއެސް އާ ދެކޮޅަށް އިރާގު ސިފައިންނާއެކު ހަނގުރާމަކުރި ޝިޔަޢީ މިލީޝިތަކަކީވެސް "ފަތްޙު" ކޯލިޝަނަށް ނިސްބަތްވާ ޖަމާއަތްތަކެކެވެ. އިރާގުގެ ޕާލަމެންޓްގައި 329 ގޮނޑި ހިމެނޭއިރު ސަރުކާރެއް އެކުލަވާލުމަށްޓަކައި 165 ގޮނޑި ހޯދަންޖެހެއެވެ. މިކަންކުރެވޭނީ އެއްކޯލިޝަނަށްވުރެ ގިނަ ކޯލިޝަން ގުޅިގެންނެވެ.
މިދިޔަ ހަފްތާގައި އިރާގުގައި ބޭއްވި ބަރުލަމާނީ އިންތިޚާބަށްފަހު އިރާގުގައި އައު ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް އިރާގުގެ ރައީސުލްޖުމްހޫރިއްޔާ ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ޙަވާލުކުރައްވާނީ އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި ކޯލިޝަން ނުވަތަ ޕާޓީއެއްގެ އިސްވެރިޔާ އާއެވެ. މިގޮތުން އިރާގުގެ މިހާރުގެ ރައީސް ޑރ. ފުއާދު މަޢްސޫމް އެގައުމުގެ ސަރުކާރު އެކުލަވާލުމުގެ މަސައްކަތް ހަވާލުކުރެއްވީ މުގްތަދާ އައްސަދްރު އާއެވެ.
ސަދްރަކީ އިރާގުގެ ޕާލަމެންޓްގެ މެންބަރަކަށް ނުވާތީ އޭނާއަށް ބޮޑުވަޒީރަކަށް ވެވަޑައެއް ނުގެންނެވޭނެއެވެ. އިރާގުގެ ސިޔާސީ ނިޒާމަކީ ޕާލަމެންޓްރީ ނިޒާމެއްކަމުން ބޮޑުވަޒީރަކަށް ވާންޖެހޭނީ ޕާލަމެންޓްގެ މެންބަރެކެވެ. ސަދްރު ޕާލަމެންޓްގެ މެންބަރުކަމަށް ކުރިމަތި ނުލެއްވީ ބޮޑުވަޒީރުކަން ބޭނުންފުޅު ނުވާ ކަމަށް ވިދާޅުވެފައެވެ. ސަދްރު މަސައްކަތްކުރައްވަނީ އީރާނާއެކުވެސް އާދައިގެ ގުޅުންތަކެއް ބާއްވަވާ އަދި އިރާގުގެ ސުންނީންގެ ރުހުން ލިބިވަޑައިގެންފައިވާ ޝިޔައީ ލީޑަރެއްކަމަށްވާ މިހާރުގެ ބޮޑުވަޒީރު ހައިދަރުލްއަބާދީ އާ ކޯލިޝަން ހަދައިގެން އަބާދީ ބޮޑުވަޒީރު ކަމަށް އަލުން ގެނައުމަށެވެ.
އިރާގުގެ ކުރީގެ ބޮޑުވަޒީރު އަދި އީރާނުގެ ގޮނޑިކޮއްކޮ އެއްކަމަށް ސިފަކުރެވޭ ޑރ. ނޫރީ އަލްމާލިކީ އާ ޚިލާފަށް މިހާރުގެ ބޮޑުވަޒީރު ހައިދަރުލް އަބާދީއަކީ އިރާގުގައި މަޛްހަބީ ތަފާތުކުރުންތައް ނައްތާލައްވައި ސުންނީންނާއި ޝިޔައީން ނާމެދު ހަމަހަމަ ނަޒަރަކުން ބައްލަވާ އަދި އެދެމަޒްހަބުގެ މީހުންނާވެސް ގުޅިގެން މަސައްކަތްކުރުމުގެ ސިޔާސަތެއް ގެންގުޅުއްވާ މެދުމިނުގެ ބޭފުޅެކެވެ. އިރާގު ހަލާކުވެގެންދިޔައީ ސުންނީންނާއި ޝިޔައީންގެ ކޯޅުންތަކުގެ ސަބަބުންނެވެ. ސުންނީންގެ އަތުގައި ވެރިކަން އޮތް ދުވަސްވަރު ޝިޔައީން ނިކަމެތިކޮށް ޝިޔައީންނަށް ވެރިކަން ލިބިމުން ސުންނީން ނިކަމެތި ކުރުމުގެ ފަނާކުރަނިވި ސިޔާސަތުގެ ސަބަބުންނެވެ.
އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސައިންއަކީ ޝިޔައީންނާމެދު ތަފާތުކޮށް ޝިޔައީން ނިކަމެތިކޮށް އެމީހުންނަށް ވަރަށްބޮޑަށް އަނިޔާވެރިވި ބޭފުޅެކެވެ. ޝިޔައީ ލީޑަރުން އެމެރިކާއާ ގުޅިގެން ސައްދާމުގެ ވެރިކަން ވައްޓާލީވެސް މިކަމުގެ ސަބަބުންނެވެ. މިއީ ޝިޔައީ ލީޑަރުން ކުރެއްވި އެއަށްވުރެ ބޮޑު އެއަށްވުރެ ބޮޑު ގޯސްކަމެކެވެ.
އެމެރިކާއިން ސައްދާމުގެ ވެރިކަން ވައްޓާލުމަށްފަހު ގާއިމްކުރި ބަރުލަމާނީ ނިޒާމުގައި ދިގުމުއްދަތަކަށް ވެރިކަން ކުރެއްވި ބޮޑުވަޒީރު ޑރ. ނޫރީ އަލްމާލިކީ އަކީ ސުންނީންނާމެދު ތަފާތުކޮށް ސުންނީން ނިކަމެތިކޮށް އެމީހުންނާމެދު އަނިޔާވެރިވި ބޭފުޅެކެވެ. ނަތީޖާއަކަށްވީ އިރާގުގައި ދާޚިލީ ހަނގުރާމަ ފެށި އައިއެސްފަދަ ހައްދުފަހަނަޅާފައިވާ ސުންނީ ގްރޫޕްތައް އުފެދި ޝިޔައީންނާ ދެކޮޅަށް ބޮންގޮއްވައި ވަރުގަދައަށް ބަދަލުހިފަން ފެށުމެވެ.
އަބާދީގެ ވެރިކަމުގައި އައިއެސް ބަލިކޮށް އޭނާ ވަނީ އިރާގުގައި ސުންނީންނާއި ޝިޔައީން ހަމަހަމަ ކުރުމުގެ ސިޔާސަތެއް ގެންގުޅެން ފައްޓަވާފައެވެ. މިއާއެކު އިރާގަށްވަނީ ހަމަޖެހުން މަޑުމަޑުން އަންނަން ފަށާފައެވެ. އަދި އިރާގުގެ އާރާސްތު ކުރުމުގެ މަސައްކަތްވެސް ފަށައި އިރާގުގެ އިގްތިސާދުވެސްވަނީ ހަމައަކަށް އެޅެންފަށާފައެވެ.
އިރާގުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އެންމެ ބޮޑަށް ވަންނަނީ އެމެރިކާއެވެ. ދެން އީރާނެވެ. ދެން ގަލްފުގެ ގައުމުތަކެވެ. މިއިން ކޮންމެ ގައުމަކީވެސް އަމިއްލަ އެޖެންޑާތަކެއް އިރާގުގައި ތަންފީޒުކުރަން ބޭނުންވާ ގައުމުތަކެކެވެ. އިރާގުގެ ޝިޔައީންނަށް އީރާނުން ވާގިވެރިވިއިރު ޝިޔައީންގެ ވެރިކަމާދެކޮޅަށް ޓެރަރިޒަމްގެ އަމަލުތައް ފުޅާދާއިރާއެއްގައި ހިންގި އައިއެސްފަދަ ޖަމާއަތްތަކަށް ސިއްރިޔާތުގައި އެހީތެރިވިކަމުގެ ތުހުމަތު ކުރެވިފައިވަނީ އެމެރިކާއާއި އީރާނާ ދުޝްމަން ގަލްފުގެ އަރަބިގައުމުތަކުގެ މައްޗަށެވެ.
ސޫރިޔާ ހަލާކުވެގެން ދަނީވެސް މިގޮތަށެވެ. ސޫރިޔާގެ ޝިޔައީންނަކީ ބައިމަދުބައެކެވެ. އިރާގަށް ބަލާއިރު ގިނައީ ޝިޔައީންނެވެ. ގާތްގަނޑަކަށް 65 އިންސައްތަ މީހުންނަކީ ޝިޔައީންނެވެ. އިރާގުގަކީ ހުޅަނގުގެ ޑިމޮކްރަސީގެ ބަރުލަމާނީ ނިޒާމު އޮންނަ ގައުމަކަށްވާތީ އިރާގުގެ އިންތިޚާބު ޕާލަމެންޓްރީ އިންތިޚާބު ކާމިޔާބުކުރަނީ ބައިގިނަ ޝިޔައީންނެވެ. އިރާގުގެ ޕާލަމެންޓްރީ އިންތިޚާބުގެ ނަތީޖާ އައިގޮތުން އިރާގުގައި ސަރުކާރެއް އުފެއްދޭނީ އެއްކޯލިޝަނަށްވުރެ ގިނަ ކޯލިޝަން ހިމެނޭގޮތަށް ބޮޑު ކޯލިޝަނެއް ހަދައިގެންނެވެ. މިފަދަ ބޮޑު ކޯލިޝަނެއް އުފެއްދުމަކީ އިރާގުގެ ސިޔާސީ ފަރާތްތަކުގެ މެދުގައި އުފެދިފައިވާ ބައިބައިވުންތަކުގެ ސަބަބުން ދަތި އަދި އުނދަނގޫ ކަމަކަށް ވެގެންދާނެއެވެ.
އިރާގުގެ ޝިޔައީން އީރާނަށް އިތުބާރުކޮށްފައި އީރާނާ ގުޅުންތައް ބަދަހިކުރިޔަސް އިރާގުގެ ސުންނީން ގަލްފުގެ ސުންނީ އަރަބި ގައުމުތަކަށް އެއްވެސް ވަރަކަށް އިތުބާރެއް ނުކުރެއެވެ. ސަބަބަކީ އިރާގުގައި ޒަމާނުއްސުރެ އޮތް ސުންނީންގެ ވެރިކަން ވައްޓާލުމަށް އެމެރިކާއަށް އެހީތެރިވީ ގަލްފުގެ އަރަބި ގައުމުތަކުން ކަމަށްވާތީއެވެ. އަދި ސައްދާމް ޙުސައިންގެ ވެރިކަމުގައި އެމެރިކާއާއި އދ. ން އިރާގާދެކޮޅަށް 10 އަހަރުވަންދެން އެޅި ލާއިންސާނީ ދަތިކުރުމުގެ ފިޔަވަޅުތަކާއި އެމުއްދަތުގައި އެމެރިކާ އިރާގަށް ދިން ޙަމަލާތަކާއި ދިން އަނިޔާތަކަށްވެސް ވާގިވެރިވީ ގަލްފުގެ ގައުމުތަށްކަމަށްވާތީއެވެ. ދަތިކުރުމުގެ ފިޔަވަޅުތަކުގައި އެކަނިވެސް އިރާގުގެ ދެމިލިޔަނަށްވުރެ ގިނަ ކުޑަކުދިން މަރުވެގެންދިޔައެވެ.
އެއަށްފަހު 2003 ގައި އެމެރިކާ ސިފައިން އިރާގަށް އަރައިގަތީވެސް ސައޫދީއާއި ކުވައިތާއި ގަތަރާއި ބަހްރައިންގައި އެދުވަސްވަރު ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކުގެ ބޭނުންކޮށްގެންނެވެ. ސައްދާމަކީ އީރާނުގެ ދުޝްމަނެއްކަމަށްވިޔަސް އެމެރިކާއަކީ އެއަށްވުރެ ނުބައި ގައުމެއްކަމަށްވާތީ އިރާގަށް އެމެރިކާ އަރައިގަތުމަށް އީރާނާވަނީ ދެކޮޅު ހަދާފައެވެ. އެހެންކަމުން އިރާގުގެ ސުންނީން ދެކެނީ އީރާނެކޭ އެއްގޮތަށް އެމެރިކާއަކީވެސް އަދި ގަލްފުގެ ސުންނީ އަރަބި ގައުމުތަކަކީވެސް އެމީހުންގެ ދުޝްމަނުންގެ ގޮތުގައެވެ.
މިދެރަގޮތްތައް އިރާގަށް ދިމާވީ ސައްދާމުގެ ވެރިކަމުގައި އޭނާ ހެއްދެވި ބޮޑެތި ގޯސްތަކާވެސް ގުޅިގެންނެވެ. މީގެތެރޭގައި 8 އަހަރުވަންދެން އީރާނާދެކޮޅަށް ލޭއޮހޮރުވުން ބޮޑު ހަނގުރާމައެއް ކުރުމާއި ކުވައިތަށް އިރާގު ސިފައިން އަރައި ކުވައިތު ހިފުންފަދަ ބޮޑެތި ގޯސްތައް ހިމެނެއެވެ.