20 May 2018, 11:47
ދިއްލީ(މޭ 20): އިންޑިއާގެ ކަރުނާޓަކާގެ ޗީފް މިނިސްޓަރު، ބީއެސް ޔެދްޔުރައްޕާއަށް އެސްޓޭޓުގެ ގާނޫނު ހަދާ މަޖިލީހުގައި އިތުބާރު އޮތްތޯ ބެލުމަށް ވޯޓު ނެގުމުގެ ކުރިން އިއްޔެ އޭނާ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
އިންޑިއާގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)އަށް ނިސްބަތްވާ ޔެދްޔުރައްޕާގެ އިތުބާރު އޮތްތޯ ބެލުމަށް މަޖިލީހުގައި ވޯޓެއް ނެގުމަށް އަމުރު ކުރީ ސުޕްރީމް ކޯޓުންނެވެ. އެއީ ބީޖޭޕީއަށް ކަރުނާޓަކާގައި ސަރުކާރު އެކުލަވައިލުމަށް ބޭނުންވާ ވަރަށް އަޣުލަބިއްޔަތު ލިބިފައި ނުވާ ކަމަށް ބުނެ، އިދިކޮޅު ކޮންގްރެސް ޕާޓީން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.
ކަރުނާޓަކާގައި މިމަހުގެ 12ގައި ބޭއްވި މަޖިލިސް އިންތިހާބުގައި 104 ގޮނޑިއާ އެކު އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރީ ބީޖޭޕީންނެވެ. ނަމަވެސް މަޖިލީހުގެ އަޣުލަބިއްޔަތު ލިބޭނީ 112 ގޮނޑި ކާމިޔާބު ކުރުމުންނެވެ.
އޭގެ ސަބަބުން އިންތިހާބުގެ ނަތީޖާ އިއުލާން ކުރުމާއެކު ކޮންގްރެސް ޕާޓީން ވަނީ ޖަނަތަ ދަލް-އެސް (ޖޭޑީ-އެސް)އާއެކު ކޯލިޝަނެއް ހަދައިފައެވެ. އެއާއެކު އެކޯލިޝަނަށް ނިސްބަތްވާ ގޮނޑީގެ އަދަދު 117 އަށް އެރިއެވެ.
ނަމަވެސް ކަރުނާޓަކާގެ ގަވަރުނަރު، ވަޖުބައި ވާލާ އެ ސްޓޭޓުގެ ސަރުކާރު އެކުލަވާލުމަށް ދައުވަތު އެރުވީ ބީޖޭޕީއަށެވެ. އެހެންކަމުން މިދިޔަ ބުރާސްފަތި ދުވަހު ޔެދްޔުރައްޕާ ކަރުނާޓަކާގެ ޗީފް މިނިސްޓަރުކަމުގެ ހުވާ ކުރެއްވިއެވެ.
އޭގެ ސަބަބުން ގަވަރުނަރު ވާލާއަށް ގިނަ ބަޔެއްގެ ފާޑު ކިޔުން އަމާޒުވެ، އޭނާ އެފަދައިން ނިންމެވީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް އެމީހުން ބުންޏެވެ.
އިއްޔެ ޔެދްޔުރައްޕާ ވިދާޅުވި ގޮތުގައި މަގާމުން އިސްތިއުފާ ދެއްވަން ނިންމެވީ އޭނާއާ އެއްކޮޅަށް މަޖިލީހުގެ އަޣުލަބިއްޔަތު ލިބޭނެ ކަމަށް ގަބޫލު ނުކުރެވޭތީއެވެ. (ބީބީސީ)