06 Sep 2011, 09:10
އިޒްރޭލުގެ ޖާސޫސީ އިދާރާ ކަމަށްވާ މޮސާޑުގެ އެހީތެރިކަން ހޯދައި، އެގައުމާ އެކު މައުލޫމާތު ބަދަލުކުރުމުގެ އެއްބަސްވުމެއް ގާއިމްކުރަން ރާއްޖެ އިން ހުށަހެޅި ކަމަށް ވިކީލީކްސް އިން ފަޅާއަރުވާލި ލިޔުމަކުން އެނގިއްޖެ އެވެ.
ކޮލޮމްބޯގައި ހުންނަ އެމެރިކާގެ އެމްބަސީން ސެކްރެޓަރީ އޮފް ސްޓޭޓް ހިލަރީ ކްލިންޓަން އަށް ސެޕްޓެމްބަރު 22، 2009 ގައި ފޮނުވާފައިވާ އެ ސިއްރު ލިޔުމުގައިވާ ގޮތުގައި، އެ މަހުގެ 18 ވަނަ ދުވަހު އިޒްރޭލުގެ "ޕޮލިޓިކަލް އޮފިސާ"އަކާ ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް ވަނީ ބައްދަލުކުރައްވައި، އިޒްރޭލާ ގުޅުން ބަދަހިކުރަން ސަރުކާރުން ބޭނުންވާ ވާހަކަ ވިދާޅުވެފަ އެވެ.
އަދި އިޒްރޭލުން އިންޑިއާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރާއްޖެ އަށް ޒިޔާރަތް ކުރެއްވި ކަމަށާއި އިޒްރޭލާ އެކު މައުލޫމާތު ބަދަލުކުރުމުގެ އެއްބަސްވުމެއް ގާއިމްކުރަން ދިވެހި ސަރުކާރުން ހުށަހަޅާފައިވާ ވާހަކަ އިޒްރޭލުގެ އެމްބެސަޑަރު އަރިހުގައި އަމީން ފައިސަލް ވިދާޅުވެފައިވާ ކަމަށް އެ ލިޔުމުން އެނގެ އެވެ.
އިޒްރޭލުގެ ޖާސޫސީ އިދާރާ، މޮސާޑުގެ އެހީތެރިކަން ހޯދުމަށް ރާއްޖެ އިން މަސައްކަތް ކުރާ ކަމަށް ވެސް އަމީން ފައިސަލް ވިދާޅުވެފައިވެ އެވެ.
"ޑިފެންސް މިނިސްޓަރު ވިދާޅުވި، އިޒްރޭލުގެ މޮސާޑުގެ އެހީތެރިކަން ހޯދުމަށާއި އިންފޮމޭޝަން އެގްރިމެންޓެއް ގާއިމްކުރަން ހުށަހަޅާފައިވާ ކަމަށް،" ދުނިޔޭގެ އެކި ގައުމުތަކުގެ ސިއްރު ލިޔެކިޔުންތައް ލީކުކޮށްލަމުންދާ ވިކީލީކްސް އިން ބޭޒާރުކޮށްލި ލިޔުމެއްގައިވެ އެވެ.
މޮސާޑަކީ މުސްލިމުންނާ މެދު ތަފާތު ޖަރީމާތައް ހިންގާ، ޔަހޫދީންގެ ވިސްނުންތައް ޕްރޮމޯޓްކުރަން މަސައްކަތް ކުރާ ކަމަށް ލޭބަލްވެފައިވާ ބަޔެކެވެ.
"ފަލަސްތީނު މީހުންނާއި މިސުރު މީހުންނާއި އެނޫން ފަރާތްތަކުން އިޒްރޭލާ އެކު ގުޅުން ބާއްވާ އިރު ރާއްޖެއަށް ވެސް ގުޅުން ބޭއްވޭނެ. ދީނީ ހަރުކަށި ވިސްނުމާ ގުޅޭ ގޮތުން އަޅުގަނޑުމެންގެ ކަންބޮޑުވުންތަކެއް އެއް އޮތް،" ޑިފެންސް މިނިސްޓަރު ވިދާޅުވެފައިވާ ކަމަށް އެ ލިޔުމުގައިވެ އެވެ.
އަދި އެ އަހަރުގެ އޮކްޓޯބަރުގައި އިޒްރޭލަށް އަމީން ފައިސަލް ކުރައްވާ ދަތުރުފުޅެއްގެ ވާހަކަ ވެސް ވިދާޅުވެފައިވެ އެވެ. ނަމަވެސް، އެ ދަތުރުގެ ވާހަކަ މީޑިއާގައި ހާމަކޮށްފައެއް ނުވެ އެވެ. އަދި އިޒްރޭލާ އެކު އެފަދަ އެއްބަސްވުމެއްގައި ސޮއިކުރިކަމެއް ވެސް އެނގިފައެއް ނުވެ އެވެ.
ހަމަ އެލިޔުމުގައިވާ ގޮތުގައި، ހައުސިންގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ޝާހިދު ޑިސާސްޓާ ސެންޓަރު ހިންގެވިއިރު ވަނީ އިޒްރޭލަށް ދަތުރުކުރައްވައިފަ އެވެ. އަދި އެ ދަތުރުގައި ޑިސާސްޓާ މެނޭޖްމަންޓާއި އިމަޖެންސީ މެޑިސިންގެ ރޮނގުން އިޒްރޭލުގެ އެހީތެރިކަން ހޯދުމަށް މަސައްކަތްކޮށްފައިވާ ކަމަށްވެ އެވެ. މީގެ ކުރިންވެސް އިޒްރޭލުގެ ބަޔަކާ ޝާހިދާ ދެމެދު ކޮމިއުނިކޭޓްކޮށްފައިވާ ކަމަށް ބެލެވޭ ލިޔެކިޔުންތަކެއް ވަނީ ލީކުވެފަ އެވެ.
ޝާހިދުގެ އެ ދަތުރާއި އިޒްރޭލުގެ އެމްބެސަޑަރު ރާއްޖެ އަށް ކުރެއްވި ދަތުރާއި ޑިފެންސް މިނިސްޓަރުގެ އިޒްރޭލު ދަތުރުގެ ވާހަކަ ރާއްޖޭގެ މީޑިއާގައި އެއްވެސް ވަރަކަށް ރިޕޯޓްކޮށްފައިނުވާކަން އެ ލިޔުމުގައި ފާހަގަކޮށްފައިވެ އެވެ.