20 May 2018, 10:14
މެލޭޝިއާގެ ބޮޑުވަޒީރި ޑރ. މަހާތީރު މުހައްމަދަށް ނިސްބަތްކޮށް ފޭސްބުކްގައި ބަދުބަސް ރައްދުކުރި މީހަކު ހައްޔަރު ކޮށްފިއެވެ.
އޭނާ ހައްޔަރުކޮށް، ފޭސްބުކްގައި ޕޯސްޓުކުރި މައްސަލަ ތަހުގީގު ކުރަމުންދަނީ މެލޭޝިއާގެ ކޮމިއުނިކޭޝަންސް އެންޑް މަލްޓިމީޑިއާ އެކްޓް 1998ގެ ދަށުންނެވެ.
އޭނާގެ ޕޯސްޓްގައި ޑރ. މަހާތީރަށާއި އިސްލާމްދީނަށް ފުރައްސާރަކޮށް ބަދުބަސްބުނެފައިވާ ކަމަށާއި އެކަމާ ގުޅިގެން މެލޭޝިއާގެ ބައެއް އެންޖީއޯތަކުންވެސް ވަނީ އޭނާގެ އަމަލު ކުށްވެރިކޮށްފައެވެ.
މި މީހާ ދޫކޮށްލުމަށް މެލޭޝިއާގެ ޕޮލިޓީޝަނެއް ކަމަށްވާ ލިމް ކިޓް ސިއަންގް ވަނީ ގޮވާލައިފައެވެ.
ހައްޔަރު ކުރި މީހާގެ ވަނަވަރު އާންމުކޮށްފައި ނުވާއިރު، އަލަށް އިންތިޚާބުވި ސަރުކާރުން އިސްކަންދޭންވީ ގާނޫނު ނަގަހައްޓައި ރައްޔިތުންނަށް ހިދުމަތް ދިނުމަށް ކަމަށާއި، ކުދި ކުށްތަކުގައި މީހުން ހައްޔަރު ކުރަން ނޫންކަމަށްބުނެ ބައެއް ފަރާތްތަކުން ދަނީ އަޑުއުފުލަމުންނެވެ.