20 May 2018, 10:25
ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖެއިން ތައިލެންޑަށް ވިސާއާ ނުލައި ދެވޭނެ ކަމަށް ރާއްޖެއިން ތައިލެންޑަށް ކަޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ނަޝީދު (ކާނަލް ނަޝީދު) ވިދާޅުވެއްޖެއެވެ.
"ސަން'' އަށް ދެއްވި އިންޓަވިއު އެއްގައި ނަަޝީދު ވިދާޅުވީ ވިސާއާ ނުލައި ދިވެހީންނަށް ތައިލެންޑަށް ދެވޭ ގޮތް މެދުވެރިވުމަކީ ވަރަށް ބޮޑު ކުރި އެރުމެއްކަމަށެވެ.
"އިރާދަކުރެއްވިއްޔާ މަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖެއިން ތައިލެންޑަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ވިސާއަކާ ނުލައި ދެވޭނެ ގޮތް ހަމަޖެހިގެން ދާނެ،" ސަފީރު ވިދާޅުވިއެވެ.
ކާނަލް ވިދާޅުވީ ތައިލެންޑުގައި ހުޅުވި އެމްބަސީގެ ސަބަބުން އެކިއެކި ބޭނުން ތަކަށް ރާއްޖެއިން އެ ގައުމަށް ދާ މީހުންނަށް ވަރަށް ގިނަގުނަ ފަސޭހަ ތަކެއް ލިބިގެންދާނެ ކަމަށެވެ.
"ދިވެހި އެމްބަސީ ހުންނާނީ ޖަރުމަން އެމްބަސީ ކައިރީގައި. މި އެމްބަސީގެ ސަބަބުން ދިވެހީންނަށް ވަރަށް ބޮޑެތި ފަސޭހަ ތަކެއް ވެގެން ދާނެ،" ނަޝީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ތައިލެންޑުގައި ދިވެހީންނަށް ގިނަ ފުރުސަތު ތަކެއް އެބަހުރިކަމަށެވެ. އެގޮތުން ކުޅިވަރުގެ ދާއިރާގައި އުޅޭ މީހުން ތައިލެންޑަށް ގެންގޮސް ތަމްރީނު ޕްރޮގްރާމް ތަކެއް ހިންގުމުގެ މަސައްކަތްވެސް ކުރެވެމުން ދާކަމަށް ކާނަލް ވިދާޅުވިއެވެ.
ތަރައްގީ އާއި ތަހުޒީބަށް ހުރަސް އަޅާ ބަޔަކަށް ދިވެހި ރައްޔިތުން ނުވުމަށާއި ދުނިޔޭގެ ކޮންމެ ތަނެއްގައި ތިއްބަސް ދިވެހިން ނަކީ މާތްވެގެންވާ އިސްލާމް ދީނަށާއި ދިވެހި ރާއްޖޭގެ ގަނޫނަށް ބޯލަނބާ ބަޔަކަށް ވުމަށް ކާނަލް ނާޝީދު ވަނީ އިލްތިމާސް ކުރައްވައިފައެވެ.
ތައިލެންޑުގައި ހުންނަ ދިވެހި އެމްބަސީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އުފެއްދެވީ މިދިޔަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ.
ރައީސް އޮފީހުން ބުނީ ދިވެހިރާއްޖޭގެ އެމްބަސީއެއް ތައިލެންޑުގައި ގާއިމްކުރީ، ދިވެހި ސަރުކާރުގެ ޚާރިޖީ ސިޔާސަތާ އެއްގޮތްވާގޮތުގެމަތިން ބޭރު ދުނިޔެއަށް ރާއްޖެ ތައާރުފުކޮށް، ތައިލެންޑާއި ދިވެހިރާއްޖެއާ ދެމެދު ވިޔަފާރިއާއި އިންވެސްޓްމަންޓުގެ ދާއިރާއިން ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކަމަށެވެ.
ދިވެހި ވިޔަފާރިވެރިންނަށް ތައިލެންޑުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ ވެސް އެ އެމްބަސީ އުފެއްދުމުގެ މަގުސަދެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.