މީގެ ހަތަރު އަހަރު ކުރިން ބަނގުރޫޓުވިކަން އިއުލާން ކުރި ޕާމާ އަނެއްކާވެސް އިޓަލީގެ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓު ވެއްޖެއެވެ.

ޕާމާއިން 2015 ވަނަ އަހަރު ކްލަބު ބަނގުރޫޓުވިކަން އިއުލާނުކުރުމުން އެ ކްލަބު ވަނީ އިޓަލީގެ ހަތަރު ވަނަ ޑިވިޝަން، ސެރެއާ ޑީއަށް ރެލިގޭޓުވެފައެވެ. އޭގެ ފަހުން ކޮންމެ އަހަރަކުވެސް ޕާމާއިން ޕްރޮމޯޓްވެފައިވާ އިރު، ޕާމާއިން ވަނީ މި ސީޒަންގެ ސެރެއާ ބީގެ ދެވަނަ މަގާމު ޔަގީންކޮށް، ޖެހިޖެހިގެން ތިންވަނަ އަހަރު ޕްރޮމޯޓުވެފައެވެ.

ޕާމާއަކީ 1990ގެ އަހަރުތަކުގައި އިޓަލީ ފުޓުބޯޅައިގެ ގަދަ ބާރެކެވެ. އެގޮތުން ޕާމާ ވަނީ ޔޫއެފާ ކަޕް (ޔޫއެފާ ޗެމްޕިއަންސް ލީގު) ވެސް ދެފަހަރަށް ކާމިޔާބުކޮށް ކޮޕާ އިޓާލިއާ ތިން ފަހަރަށް އުފުލާލައިފައެވެ.

ޕާމާގެ އިތުރުން އިޓަލީގެ ސެރެއާ އޭއަށް މި ސީޒަންގައި ދެން ޕްރޮމޯޓްވެފައިވާ ކްލަބަކީ އެމްޕޯލީއެވެ. ދެވަނަ ޑިވިޝަންގެ ލީގު ތާވަލުގެ ތިންވަނައިގައި އޮތް ފްރޮސިނޮން ޖެހޭނީ ދެވަނަ ޑިވިޝަންގެ ހަތަރު ވަނައިގައި އޮތް ޕަލޭމޯގެ އިތުރުން ފަސް ވަނައިގައި އޮތް ވެނޭޒިއާއި ހަ ވަނައިގައި އޮތް ބާރީއާއެކު ޕްލޭއޮފް ކުޅޭށެވެ.

އިޓަލީ އަދި ޔުވެންޓަސްގެ ކެޕްޓަން، ޖިއާންލުއީޖީ ބުފަންގެ ކެރިއާ ފަށައިފައިވަނީ ޕާމާއިންނެވެ. 1995 ވަަނަ އަހަރުން 2001 ވަނަ އަހަރާ ހަމައަށް ޕާމާއަށް ކުޅުނު ބުފަން ވަނީ އެޓީމާއެކު ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ. އަދި 2001 ވަނަ އަހަރު ޕާމާއިން ޔުވެންޓަސްއަށް ބުފަން ވިއްކާލީ ރެކޯޑު 51 މިލިއަން ޕައުންޑްގެ އަގަކަށެވެ.