19 May 2018, 14:54
މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އިންޑިއާ އާއި ސްރީ ލަންކާއަށް އެރި ތޫފާން "އޮކްޝީ"ގެ ސަބަބުން ށ. ޅައިމަގުގެ ފަރަށް ގެއްލުން ލިބިފައި ވާތީ، ޅައިމަގު އެކުވެރިންގެ ރޫހްއިން މުރަކަ އިންދުމުގެ ޕްރޮގްރާމެއް ހިންގައިފި އެވެ.
ޅައިމަގު އެކުވެރިންގެ ރޫހުން ބުނާ ގޮތުން، ތޫފާން އޮކްޝީގައި އެންމެ ބޮޑު ގެއްލުމެއް ލިބުނީ އެ ރަށު އިރު އުތުރު ފަރަށް ކަމަށެވެ. އެގޮތުން ތޫފާނާ ގުޅިގެން ވަރަށް ގަދައަށް އުދައެރުމުން އެ ދިމާލު ފަރުގައި ހުރި މުރަކަތަކާއި ބައެއް މަސްތައް އެއްގަމަށް ލައްވި ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ.

ތޫފާން "އޮކްޝީ"ގެ ސަބަބުން ޅައިމަގު އިރު އުތުރު ފަރާތު ފަރުގެ މުަރަކަތައް އެއްގަމަށް ލައްގާފައި --- ފޮޓޯ/ ޅައިމަގު އެކުވެރިންގެ ރޫހް
"އަޅުގަނޑުމެންނަކީ އާންމުކޮށް އެ ސަރަހައްދަށް ޑައިވްކޮށް ފީނާ އުޅޭ މީހުން. ދެން ތޫފާނުގައި އުދަ އަރައި، ފަސްގަނޑު ވެސް ކަނޑައިގެން ގޮސްފައި ހުރުމުން، ފަރުގެ އެއްފުށުން އަނެއް ފުށަށްޖެހި ގެއްލުންވި،" ޅައިމަގު އެކުވެރިންގެ ރޫހުގެ ރައީސް އާދަމް އާޒިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ތޫފާނުގެ ސަބަބުން އެ ރަށު އިރު އުތުރު ފަރާތުގެ ގާތްގަނޑަކަށް 70 ވަރަކަށް ފޫޓުގެ ސަރަހައްދުގެ ފަރަށް ގެއްލުންތަކެއް ލިބުނެވެ.
ތޫފާން އޮކްޝީގައި އެ ރަށު އިރު އުތުރު ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށް އެ ރަށު ކައުންސިލުން ބުންޏެވެ. އަދި އެތަނުގައި މުރަކަ އިންދީ، ލޯކަލް ޓޫރިޒަމް ޅައިމަގަށް ތައާރަފް ވުމުގެ ކުރީން އެ ރަށު ވަށައިގެންވާ ފަރަކީ ރީތި ހިތްފަސޭހަ ތަނަކަށް ހެދުމަށް ކަމަށް އެ ޖަމިއްޔާ އިން ބުނެ އެވެ.
ޅައިމަގުގައި ހިންގި މުރަކަ އިންދުމުގެ ޕްރޮގްރާމްގެ ތެރެއިން --- ފޮޓޯ/ ޅައިމަގު އެކުވެރިންގެ ރޫހް
ޅައިމަގުގެ ބައެއް ވިޔަފާރިވެރިންނާއި އާންމުންގެ އެހީތެރިކަމާ އެކު ޅައިމަގު އެކުވެރިންގެ ރޫހުގެ މެމްބަރުންނާއި ޅައިމަގު ޒުވާނުން ކުރި އެ މަސައްކަތުގެ ފުރަތަމަ ފޭސްގައި 50 ފޫޓާއި 30 ފޫޓުގެ ސަރަހައްދެއްގައި މުރަކަ އިންދި އިރު ދެވަނަ ޕްރޮޖެކްޓެއް ހިންގުމަށްދަނީ ތައްޔާރުވަމުންނެވެ.
އެ ޕްރޮގްރާމްގެ ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތްކުރެއްވީ ކޮންރަޑް އިތާ އަންޑަ ވޯޓާ ރެސްޓޯރެންޓް ކައިރީގައި މުރަކަ އާލާކުރުމުގެ ޕްރޮގްރާމްގައި އަމަލީ ގޮތުން ބައިވެރިވެފައިވާ އަދި އެފަދަ ގިނަ ޕްރޮޖެކްޓު ތަކެއްގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ތަޖުރިބާކާރު ޑައިވަރެއް ކަމަށްވާ ޅައިމަގު، މުރަކަ، އިސްމާއިލް ޝަރީފެވެ.
އިސްމާއިލް ޝަރީފަކީ 2014 ވަނަ އަހަރު މޯލްޑިވްސް ބޯޓިން އެވޯޑްސްގައި ޑައިވް ގައިޑް އޮފް ދަ އިޔާ ހާސިލް ކޮށްފައިވާ މީހާ އެވެ.