މިއަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީއިން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ފޯމް ހުށަހަޅުއްވައިފިއެވެ.

ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލަށް ލާން ހުކުމް ކުރިތާ 10 މަހާއި ތިން ދުވަސް ފަހުން، ބޭސްފަރުވާއަށް އިނގިރޭސި ވިލާތަށް ވަޑައިގެންނެވި ގޮތަށް އިނގިރޭސިވިލާތުގެ ހިމާޔަތް ހޯއްދަވައިގެން ރާއްޖޭން ބޭރުގައި އުޅުއްވަމުން ގެންދަވާ ރައީސް ނަޝީދުގެ ފަރާތުން މިއަދު ފޯމު ހުށަހެޅުއްވީ އެމަނިކުފާނުގެ ކެމްޕެއިން މެނޭޖަރު އަދި ރައްޔިތުން މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ.

އަސްލަމް ވަނީ އެމްޑީޕީ އޮފީހަށް ވަޑައިގެން، ޕްރައިމަރީގައި ވާދަކުރެއްވުމަށް ހުށަހަޅަންޖެހޭ ފޯމާއި ނަޝީދަށް ތާއީދުކުރާ ޕާޓީގެ ގިނަ އަދަދެއްގެ މެމްބަރުންގެ ތާއީދު ފޯމާ ހަވާލު ކޮށްފައެވެ.

އެމްޑީޕީގެ ފަރާތުން އެ ފޯމްތަކާއި ހަވާލުވެވަޑައިގަތީ އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފެވެ.

އެމްޑީޕީން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ބަންދުވާއިރު، ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައި ވަނީ ވެސް ރައީސް ނަޝީދު އެކަންޏެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.

ނަޝީދަށް އިއްވާފައިވާ ހުކުމާ ހެދި، ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް ސަރުކާރުން ބުނަމުންދިޔަ ނަމަވެސް، ނަޝީދު ވިދާޅުވަމުން ގެންދަވަނީ އެ ފުރުސަތު ފަހު ވަގުތު ލިބިވަޑައިގަންނަވާނެ ކަމަށެވެ. އަދި އެކަމަށް ނަޝީދު ގެންދަވަނީ ލަންކާގައި ހުންނަވައިގެން ކެމްޕެއިންވެސް ކުރައްވަމުންނެވެ.

އެގޮތުން "ޖަޒީރާ ރައީސް"ގެ ސްލޯގަންގެ ދަށުން ނަޝީދު ގެންދަވަނީ އަތޮޅުތަކުގައި ތިއްބަވައި އެމްޑީޕީގެ ރައްޔިތުންނާއި ސްކައިޕް މެދުވެރިކޮށް ބައްދަލުކުރައްވަމުންނެވެ.