19 May 2018, 11:44
ދިއްލީ (މޭ 19): އިންޑިއާގެ ކަރުނާޓަކާގެ ގާނޫނު ހަދާ މަޖިލީހަށް އަލަށް އިންތިހާބުވި އިދިކޮޅު ކޮންގްރެސް ޕާޓީއާއި ޖަނަތަ ދަލް-އެސް (ޖޭޑީ-އެސް)ގެ މެމްބަރުންނަށް ވެރިކަން ކުރާ ޕާޓީން ރިޝްވަތު ދޭން މަސައްކަތްކޮށްފާނެތީ، އެމެމްބަރުން ސިއްރު ތަންތަނަށް ގެންގޮސްފިއެވެ.
ކަރުނާޓަކާގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މަޖިލިސް އިންތިހާބުގައި އެއްވެސް ޕާޓީއަކަށް މަޖިލީހުގެ އަގުލަބިއްޔަތު ލިބިފައި ނުވެއެވެ. އެއިންތިހާބުގައި 104 ގޮނޑިއާ އެކު އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރީ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ)ންނެވެ. ނަމަވެސް މަޖިލީހުގެ އަގުލަބިއްޔަތު ލިބޭނީ 112 ގޮނޑި ކާމިޔާބު ކުރުމުންނެވެ.
އޭގެ ސަބަބުން އިންތިހާބުގެ ނަތީޖާ އިއުލާން ކުރުމާއެކު ކޮންގްރެސް ޕާޓީން ވަނީ ޖޭޑީ-އެސްއާ އެކު ކޯލިޝަނެއް ހަދާފައެވެ. އެއާއެކު އެކޯލިޝަނަށް ނިސްބަތްވާ ގޮނޑީގެ އަދަދު 117 އަށް އެރިއެވެ.
ނަމަވެސް ކަރުނާޓަކާގެ ގަވަރުނަރު، ވަޖުބައި ވާލާ އެ ސްޓޭޓުގެ ސަރުކާރު އެކުލަވާލުމަށް ދައުވަތު އެރުވީ ބީޖޭޕީއަށެވެ. އަދި އެޕާޓީގެ މެމްބަރެއް ކަމަށްވާ ބީއެސް ޔެދްޔުރައްޕާ ކަރުނާޓަކާގެ ޗީފް މިނިސްޓަރުކަމުގެ ހުވާ ކުރެއްވިއެވެ.
އޭގެ ސަބަބުން ކޮންގްރެސް ޕާޓީން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ. އެކޯޓުން ވަނީ ބީޖޭޕީއަށް މަޖިލީހުގެ އަގުލަބިއްޔަތު ލިބިފައިވާކަން މަޖިލިސް ބައްދަލުވުމެއްގައި މިއަދު ސާބިތުކޮށްދޭން އަމުރުކޮށްފައެވެ. އެއީ ޗީފް މިނިސްޓަރު ޔެދްޔުރައްޕާއަށް މަޖިލީހުގެ އިތުބާރު އޮތްކަން ކަށަވަރުކޮށްދިނުމެވެ.
އެނިންމުމާއެކު ކޮންގްރެސް ޕާޓީއާއި ޖޭޑީ-އެސް އިން ވަނީ އެޕާޓީތަކުގެ މެމްބަރުންނަށް ބީޖޭޕީން ބިރުދައްކަން ނުވަތަ ރިޝްވަތު ދޭން މަސައްކަތްކޮށްފާނެ ކަމަށް ބުނެފައެވެ. އަދި ބައެއް މެމްބަރުން ތެލަންގަނާއަށް ބަދަލުކޮށް އެހެން މެމްބަރުން ކެރަލާއަށް ގެންގޮސްފައެވެ.
ޖޭޑީ-އެސްއިން ވަނީ އެޕާޓީގެ 32 މެމްބަރަކަށް ބީޖޭޕީން 15 މިލިއަން ޑޮލަރު ހުށަހެޅި ކަމަށާއި ނަމަވެސް އެޕާޓީގެ މެމްބަރުން ރިޝްވަތު ގަބޫލުކުރައްވަން ދެކޮޅު ހެއްދެވި ކަމަށް ބުނެފައެވެ. ނަމަވެސް ބީޖޭޕީން ވަނީ އެތުހުމަތުތައް ދޮގުކޮށްފައެވެ.
އިންޑިއާގެ ބައެއް ނޫސްތަކުގައިވާ ގޮތުން މިއަދު އޮތް މަޖިލިސް ބައްދަލުވުމަށް ތައްޔާރުވުމުގެ ގޮތުން އިދިކޮޅު މެމްބަރުން މިހާރު ވަނީ އެނބުރި ކަރުނާޓަކާއަށް ވަޑައިގަންނަވަން ފަށާފައެވެ.