05 Sep 2011, 22:58
ކޮމިޓީގެ އެލަވަންސް ނެގުމާ މެދު ވަކި ގޮތެއް މަޖިލީހުގެ އިދާރާއަށް އެންގުމަށް ދިން ފުރުސަތު މިއަދު ހަވީރު ހަމަވިއިރު، އެލަވަންސް ބޭނުން ނުވާ ކަމަށް އަންގާފައިވަނީ 19 މެމްބަރުން ކަމަށާއި އެނޫން މެމްބަރުންނަށް ކޮމިޓީ އެލަވަންސް ޖަމާކޮށްދޭން ނިންމާފައިވާ ކަމަށް މަޖިލީހުގެ އިދާރާ އިން ބުނެފި އެވެ.
މަޖިލީހުގެ އަމީން އާއްމު ވިދާޅުވީ، އެލަވަންސް އެލަވަންސް ނަގަން ބޭނުން ނުވާ ނަމަ އެކަން އެންގުމަށް މެމްބަރުންނަށް ދިން ފުރުސަތު މިއަދު ހަވީރު 4:00 އަކަށް ހަމައިރު، އެލަވަންސް ބޭނުން ނުވާ ކަމަށް ހުށަހަޅާފައިވަނީ އެމްޑީޕީގެ 16 މެމްބަރުންނާއި ޑީއާރްޕީގެ ދެ މެމްބަރުންގެ އިތުރުން އަމިއްލަ މެމްބަރަކާއެކު ޖުމްލަ 19 މެމްބަރުން ކަމަށެވެ. އެހެންކަމުން އެ މެމްބަރުން ފިޔަވައި އެހެން މެމްބަރުންނަށް 20،000ރ. ގެ ކޮމިޓީ އެލަވަންސާއި ފާއިތުވި ހަތް މަސް ދުވަހުގެ އެލަވަންސްގެ ގޮތުގައި 140،000ރ. ގަނޑުކޮށް ކޮންމެ މެމްބަރަކަށް ދޫކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަމީން އާއްމު ވިދާޅުވީ، އެލަވަންސް ޖަމާކުރެވޭނީ ބަޖެޓް ލިބުމުން ކަމަށާއި އަދި މިއަދު ހެނދުނު ޗެކުކުރިއިރު އެ ބަޖެޓް ލިބިފައި ނުވާ ކަމަށެވެ.
"މިއަދު ހެނދުނު އަޅުގަނޑު ޗެކުކުރިއިރު އެ ބަޖެޓެއް ނުލިބޭ. ބަޖެޓް ލިބުނީމަ ]އެލަވަންސް[ ދޫކުރެވެނީ،" މަޖިލީހުގެ އަމީން އާއްމު ވިދާޅުވި އެވެ.
މުއްދަތު ހަމަވި ނަމަވެސް، މެމްބަރަކު ބޭނުންވާ ވަކި ގޮތެއް ވިދާޅުވުމުގެ ފުރުސަތު އަދިވެސް އޮންނާނެ ކަމުގައި އޭނާ ވިދާޅުވި އެވެ.
އެލަވަންސް ނުނަގާނެ ކަމަށް މިހާތަނަށް ވިދާޅުވެފައިވާ އެމްޑީޕީ މެމްބަރުންގެ ތެރޭގައި ހިމެނެނީ ހުޅުހެންވޭރު ދާއިރާގެ ރީކޯ މޫސާ މަނިކާއި ހުޅުމީދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހްމަދު ދީދީ އާއި ގަލޮޅު އުތުރު ދާއިރާގެ އީވާ އަބްދުﷲ އާއި މަޑަވެލީ ދާއިރާގެ މުހައްމަދު ނާޒިމާއި ފޭދޫ ދާއިރާގެ އަލްހާން ފަހުމީ އާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އާއި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި ތިނަދޫ ދާއިރާގެ މުހައްމަދު ގަސަމާއި މާފަންނު ދެކުނު ދާއިރާގެ އިބްރާހީމް ރަޝީދާއި ދިއްދޫ ދާއިރާގެ މެމްބަރު އަހްމަދު ސަމީރާއި މަހިބަދޫ ދާއިރާގެ ރުގިއްޔާ މުހައްމަދާއި ދާންދޫ ދާއިރާގެ މުހައްމަދު ރިޔާޒާއި ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދާއި ހެންވޭރު ދެކުނު ދާއިރާގެ ހާމިދު އަބުދުލްޣަފޫރް އަދި ނޮޅިވަރަމު ދާއިރާގެ މުހައްމަދު ނަޝީދު )ކާނަލް( އެވެ.
ޑީއާރްޕީގެ ޕާލިމެންޓްރީ ގްރޫޕުން ކެންދޫ ދާއިރާގެ އަހްމަދު ތަސްމީން އަލީ އާއި އޭނާގެ އަނބިކަނބަލުން މަޑުއްވަރީ ދާއިރާގެ ވިސާމް އަލީ ފިޔަވައި އެނޫން ހުރިހާ މެމްބަރުން ތިއްބެވީ އެލަވަންސް ނަގަން ތައްޔާރަށެވެ.
އެލަވަންސް ބޭނުން ނުވާ ކަމަށް ވިދާޅުވި އަމިއްލަ މެމްބަރަކީ ކުޅުއްދުއްފުށީ ދެކުނު ދާއިރާގެ މުހައްމަދު ނަޝީދެވެ.
އެލަވަންސް ބޭނުން ނުވާ ކަމަށް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވެސް އަންގަވާފައިވެ އެވެ. ނަމަވެސް، ކޮމިޓީއެއްގައި ހިމެނިވަޑައިނުގަންނަވާތީ އެ އެލަވަންސް އެމަނިކުފާނަކަށް ލިބިވަޑައެއްނުގަންނަވަ އެވެ.
އެހެންކަމުން މިހާރު އޮތް ގޮތުން މަޖިލީހުގެ 57 މެމްބަރުން އެލަވަންސް ނަންގަވާނެ އެވެ. މަޖިލީހުގެ މެމްބަރުންގެ މިހާރުގެ މުސާރައަކީ 62،500ރ. އެވެ. އެލަވަންސާއެކު މުސާރަ 82،500ރ. އަށް އަރާނެ އެވެ.
އެ އެލަވަންސް ދިނުމާ ދެކޮޅަށް ގިނަ ބަޔަކު ދަނީ އަޑުއުފުލަމުންނެވެ. އެފަރާތްތަކުން ވަނީ 1300 އަށް ވުރެ ގިނަ ސޮޔާއި އެކު ފިނޭންސް މިނިސްޓަރަށް ޕެޓިޝަނެއް ވެސް ހުށަހަޅައިފަ އެވެ. ނަމަވެސް، ރައީސް ނަޝީދު މިއަދު ވިދާޅުވީ، އެ އެލަވަންސް ސަރުކާރަށް ނުހިފެހެއްޓޭނެ ކަމަށެވެ.