ހަވާނާ (މޭ 19) : ފަސިންޖަރުންނާއި ފަޅުވެރިން ހިމެނޭ ގޮތަށް 110 މީހުންނާ އެކު ދަތުރުކުރި ކިޔުބާގެ މަތިންދާ ބޯޓެއް ވެއްޓިއްޖެ އެވެ.

އެމެރިކާގައި އުފައްދާ "ބޮއިންގް 737" މަރުކާގެ އެބޯޓު ވެއްޓުނީ ހަވާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރިތާ ކުޑައިރުކޮޅެއްގެ ތެރޭގަ އެވެ. ކިޔުބާގެ ގައުމީ އެއާލައިން ކަމަށްވާ "ކިޔުބާނާ" އަށް ނިސްބަތްވާ އެބޯޓު ހަވާނާ އެއާޕޯޓުން ފުރައިގެން ދަތުރުކުރީ ކިޔުބާގެ އެހެން ސިޓީއެއްކަމަށްވާ ހޮލްގުއިން އަށެވެ.

ބޯޓު ވެއްޓުނީ ހަވާނާގެ ދެކުނުން 20 ކިލޯ މީޓަރު ދުރުގައިވާ ސެންޓިޔޭގޯ ޑިލެވިގަސް އާއި ބުވޭރޮސް ވިލެޖާ ދެމެދުގައިވާ ވިނަ ދަނޑަކަށް ކަމަށް ކިޔުބާގެ ރަސްމީ ޓީވީ ބުނެފައިވެ އެވެ.

އެބޯޓުން ދަތުރުކުރީ 105 ފަސިންޖަރުންނާއި ފަސް ފަޅުވެރިންނެވެ. ފަސިންޖަރުންގެ ތެރޭގައި ހިމެނެނީ ކިޔުބާގެ 100 މީހުންނާއި އެހެންގައުމުތަކުގެ ފަސް މީހެކެވެ. މި 5 މީހުންގެ ތެރެއިން ދެ މީހުންނަކީ އާޖެންޓީނާ ގެ ދެމީހުންނެވެ. އެ ހާދިސާގައި ފުރާނަ ސަލާމަތްވީ އެންމެ ތިން މީހުންގެއެވެ.

ކިޔުބާގެ ސިވިލްއޭވިއޭޝަނުން ބުނީ އެބޯޓު ވެއްޓުނު ސަރަހައްދަށް ކަމާބެހޭ ފަންނީ މީހުން ގޮސް ބޯޓު ވެއްޓުމަށް މެދުވެރިވި ސަބަބުތައް ހޯދުމުގެ ތަހްގީގްތައް ފަށާފައިވާ ކަމުގަ އެވެ. ބޯޓު ވެއްޓުނީ ފަންނީ މައްސަލައެއްގެ ސަބަބުންކަމަށް ބެލެވޭ ކަމަށް ވެސް ބުނެފައިވެ އެވެ.

ވެއްޓުނު "ބޮއިންގް 737" މަރުކާގެ އެބޯޓަކީ ކިޔުބާގެ ގައުމީ އެއާލައިން ކަމަށްވާ "ކިޔުބާނާ" އިން ކުއްޔަށް ހިފައިގެން ބޭނުންކުރާ މެކްސިކޯ ގެ ބޯޓެކެވެ. އެބޯޓުގެ ފަސް ފަޅުވެރިންނަކީ ވެސް މެކްސިކޯ މީހުންނެވެ.

ކިއުބާގެ ރައީސް މިގުއެލް ޑަޔާޒް ކަނެލް ވަނީ އެބޯޓު ވެއްޓުނު ތަނަށް ވަޑައިގެން އެތަން ބައްލަވާލައްވައި ފަސިންޖަރުންނާއި ފަޅުވެރިންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވައިފަ އެވެ.

ވެއްޓުނު ބޯޓަކީ 1979ގައި އުފައްދާފައިވާ ވަރަށް ބައު ބޯޓެއްކަމަށް ވެ އެވެ. (ނޫސްއެޖެންސީތައް)