19 May 2018, 02:44
މިދޔަ އަހަރާ އަޅައިބަލާއިރު، މިއަހަރުގެ ރޯދަ މަސް ފެށުމުގެ ކުރީން ތިން ގުނައަށް މުދާ ކްލިއާ ކޮށްފައިވާ ކަމަށާއި އެހެންކަމުން މުދާ ކްލިއާ ނުކުރެވިގެން ކަމަށް ބުނެ ބާޒާރުގެ ތަކެތީގެ އަގު ބޮޑުވެގެން ނުވާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.
ރޯދައާ ދިމާކޮށް އެމްޕީއެލްގެ މަސައްކަތްތަކުގެ މައުލޫމާތު މީޑިއާތަކަށް ހިއްސާކުރުމަށް އެމްޕީއެލް ޕޯޓް ސަރަހައްދުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ ކުންފުނީގެ އެސިސްޓަންޓް ސީއީއޯ އަދި އޮޕަރޭޝަން ޑިވިޝަންގެ ހެޑް ރާބިހް މުހައްމަދު ވިދާޅުވީ، ކޮންމެ އަހަރަކުވެސް ރޯދަ މަހަށް ގެންނަ މުދާތައް ކްލިއާ ކުރުމަށް ރޯދަ ފެށުމުގެ ކުރިން އެމްޕީއެލް އިން މަސައްކަތް ފަށާ ކަމަށެވެ.
އެގޮތުން މިދިޔަ އަހަރު ރޯދަ މަސް ފެށުމުގެ 10 ދުވަސް ކުރީން މުދަލާއެކު ރާއްޖެ އައި ފަސް ބޯޓަކުން މުދާ ހުސްކޮށް 36000 ޕެކޭޖް ކްލިއާ ކޮށްފައިވާނެ ކަމަށާއި އެހެން ނަމަވެސް މިއަހަރު އެ އަދަދު ތިން ގުނަ އިތުރު ވެފައިވާ ކަމަށް ވިދާޅުވި އެވެ.
ރާބިހް ވިދާޅުވީ މިއަހަރު ރޯދަ މަސް ފެށުމުގެ 10 ދުވަސް ކުރީން މުދާ ހިފައިގެން ރާއްޖެއައި 15 ބޯޓަކުން ގެނައި 76000 ޕެކޭޖް ކްލިއާކޮށް ބަނދަރުން ބޭރުކޮށްފައިވާނެ ކަމަށެވެ. އަދި އިމްޕޯޓް ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ނޯތް ހާބަރާއި ޓީ ޖެޓީ ސަރަހައްދުގައި ކާޑަށާއި ފެނަށް ޖާގަ ދީގެން ބޯޓަކަށް މުދާ އެރުމުގެ ފަސޭހަ ތަކެއް ވެސް ދީފައިވާނެ ކަމަށް ވިދާޅުވި އެވެ.
އެހެންކަމުން، އެމްޕީއެލްގައި އެއްވެސް މުދަލެއް ގުދަން ކޮށް، ތޮއްޖެހިފައި މިހާރު ނުހުންނާނެ ކަމަށާއި ކްލިއާ ކުރުމުގައި ލަސްވެގެން މުދަލުގެ އަގު ބޮޑުވެގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެމްޕީއެލްގެ ހެޑް އޮފް ކާގޯ ކްލިއަރެންސް ޑިޕާޓްމަންޓްގެ ހެޑް އަހުމަދު އިނާން ވިދާޅުވީ، އެމްޕީއެލްއަށް މިހާރު ބޭނުންވާ މިންވަރަށް ވެހިކަލް އެބަހުރި ކަމަށާއި އެކަމުގައި ދަތިކަމެއް ނެތް ކަމަށެވެ. އަދި ބޯޓުން މުދާ ބާލާ ވަރަކަށް ދޫކުރަމުންދާނެ ކަމަށާއި އެދުވަހު ބާލައި މުދަލެއް އެދުވަހު ބަނދަރުން ހުސްވެގެންދާނެ ކަމަށް ވިދާޅުވި އެވެ.
"ބޯޓުން މުދާ ބާލާ ވަރަކަށް ދޫކުރަމުންދާނީ. ނަމަވެސް ދުވާލުގަޑީގައި ވެހިކަލްތަކަށް މަގުމައްޗަށް ނުނިކުމެވޭތީ އެ އެއްޗެހި އަޅުގަނޑުމެން ހުންނާނީ ގުދަން ތެރޭގައި ސްޓޯކޮށްފައި. ހުޅުވާލުމާއެކު މުދާ ބަލާ އަންނަ ވަރަކުން އަޅުގަނޑުމެން ދޫކުރަމުންދާނީ. އެދުވަހު ބޭލޭ މުދަލެއް އެދުވަހު ބަނދަރުން ހުސްވެގެންދާނެ. ބޯޓަކުން މުދާ ހުސްކުރަން 24 ގަޑިއިރުވެސް މިހާރު ނުނަގާނެ،" އިނާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ދުވާލެއްގެ މައްޗަށް 20 ފޫޓުގެ 200 ވަރަކަށް ކޮންޓެއިނަރު އެމްޕީއެލް އިން ދޫކުރާއިރު މުދާ ބަރުކޮށްގެން ޕޯޓް ސަރަހައްދުން 388 ލޮރީ ނުކުންނާނެ ކަމަށެވެ. އަދި ދުވާލަކު 28 ދޯންޏަކަށް މުދާ ބަރުކޮށްގެން އެމްޕީއެލްގެ ސަރަހައްދުތަކުން ނުކުމެގެންދާނެ ކަމަށް ވިދާޅުވި އެވެ.
"އެމްޕީއެލްގެ މުވައްޒަފުން ވެސް މަސައްކަތްކުރަމުންދަނީ 24 ގަޑިއިރު ތިން ޝިފްޓަކަށް ބަހާލައިގެން، ކަސްޓަމަރުންނަށް އެއްވެސް ދަތިކަމެއް ނާންނާނެހެން މަސައްކަތްތައް ރޭވިފައި މިހުރީ،" އިނާން ވިދާޅުވި އެވެ.