21 May 2018, 11:57
ތަފާތު ޓްރެންޑެކެވެ. މާލެ އާއި އަތޮޅު ތެރެއަށް ކުއްލިއަކަށް އައި ތަފާތު ކަމެކެވެ. ކުރިން ފަހަތުގަ އެވެ. މިހާރު ކުރީގަ އެވެ. މި ކުޑަކުޑަ ދިވެހިރާއްޖޭގެ އާބާދީގެ ބޮޑު ޕަސެންޓޭޖެއް އަންހެނުން ހިއްސާކުރާ އިރު އެ ކަނބަލުންގެ ފަރާތުން ކުއްލިއަކަށް ފެންނަން ފެށި ރަނގަޅު އާދައެކެވެ.
މާލޭގެ މަގުތަކުން ފަށަމާހެއްޔެވެ. މާލޭގެ މަގުތަކުގައި ކުރިން ވައިސޫރިއަޅާފައި ދާ ސައިކަލުގައި ތިބެނީ ފިރިހެންވެރިންނެވެ. އަންހެންވެރިންނަށް އޭރު އޮތް ޖާގަ އަކީ ސައިކަލުގެ ފަހަތެވެ. ރައްޓެހިވެގެން އުޅޭ ދެމީހުން ސައިކަލުގެ ސީޓްތައް ހިއްސާކުރާ އިރު ވިޔަފާރި ކުރުމާއި ކުރުނބާ ބޯންދާ ދެމަފިރިން ސައިކަލުތަކުގައި ފެނުމަކީ އޭރު އާންމު ކަމެކެވެ. މި ނޫން ގޮތަކަށް އަންހެނުންނަކީ އޭރު ސައިކަލާ ދޯޅު ބައެއް ނޫނެވެ.
އެކަން މާޒިވެ ނިމުނީ އެވެ. ދެން ދައްކާނީ މި ޒަމާނުގެ ވާހަކަ އެވެ. މި ޒަމާނުގެ ޒަމާނީ ކަނބަލުންގެ ވާހަކަ އެވެ. މާލެ އާއި އަތޮޅު ތެރެއިން މިއަދު ފެންނަމުންދާ ހަގީގަތަކީ ސައިކަލުތަކުގެ ފަހަތު ސީޓް މިހާރު އަންހެނުންނަށް ބައު ވެއްޖެ ކަމެވެ. މިއަދު އެމީހުންގެ މަގާމަކީ ކުރީ ސީޓެވެ. މިއަދު މަގުތަކުގައި އެވެރިން ފިރިހެނުންނެކޭ އެއް ފެންވަރަށް ފައި ހަމަ ކުރަމުންދާ އިރު ފިރިހެނަކަށް އެންމެ ތަންފުކެއް ވެސް ހަމަ ދޫ ނުކުރަނީ އެވެ.
20 މެއި، 2018: އަންހެނަކު މާލޭ މަގުމަތީގައި ސައިކަލް ދުވަނީ: ފަހަކަށް އައިސް ސައިކަލް ދުއްވާ އަންހެން ކަންބަލުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މީގެ ކުރިން ދަރިން ސްކޫލަށް ދާން ތައްޔާރުވުމުން އެ ކުއްޖާ ސްކޫލަށްލާން ދިއުމަކީ ފިރިމީހާގެ ޒިންމާ އެވެ. އެހެން ނަމަވެސް މިހާރު އެކަން ވެސް މާޒިވެގެން ދިޔައީ އެވެ. އެއް ކުއްޖަކު ހުންނަ ދެމަފިރިއެއް ނަމަ އެ ފަހަރަކު ދެވޭ މީހަކު ކުއްޖާ ސްކޫލަށް ލާން ދަނީ އެވެ. ބައްޕައަށް ނާދެވިގެން ދަރިފުޅުގެ ގަޑިޖެހޭތީ އިހުވީ ހާސްވުން މިއަދު ވާކަށް ނުޖެހެ އެވެ. ބުރުގާ ރީތިކޮށްލުމަށް ފަހު ދަރިފުޅު ގޮވައިގެން އެހެރަ ނައްޓާލީ މަންމަ ވިއްޔާ އެވެ. ދެ ކުދިން ތިބޭނަމަ ދެ ކުދިން ގޮވައިގެން ދެމަފިރިންނެވެ.
"އަސްލު ވަރަށް ފަސޭހަ މިހާރު. ކުރިން ހަޒް [ ފިރިމީހާ] އަންނަންދެން އެބަޖެހޭ ދަރިފުޅު ރެޑީކޮށްގެން އެތައް އިރަކު މަޑުކުރަން. މިހާރު އެހެނެއް ނޫން. ދެމީހުން އަތުގައި ވެސް ސައިކަލު ހުރޭ. މިހާރު ދަނީ ދެ މީހުން ދެ ކުދިން ގޮވައިގެން،" ސައިކަލު ދުއްވާ މަންމަ އަކު ކިޔައިދިނެވެ.
މީގެ ކުރިން އައްޑޫ އަދި ފުވައްމުލަކު ސިޓީގެ މަގުތަކަށް ބަލައިފި ނަމަ އަންހެނުން ސައިކަލުގައި އުޅޭ މަންޒަރަކީ އެހާ އާންމު މަންޒަރެއްނޫނެވެ. ނަމަވެސް ވެރިރަށް މާލެ އާއި އަތޮޅު ތެރެއަށް މި ޓްރެންޑް އައީ ކުއްލި އަކަށެވެ. މިގޮތަށް ސައިކަލު ދުއްވާ އަންހެން ކުދިން ގަބޫލު ކުރާ ގޮތުގައި ސައިކަލު ދުއްވުމަކީ ގިނަ ބޭނުންތަކަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާ ކަމެއް ކަމަށެވެ.
20 މެއި، 2018: އަންހެނަކު މާލޭ މަގުމަތީގައި ސައިކަލް ދުވަނީ: ފަހަކަށް އައިސް ސައިކަލް ދުއްވާ އަންހެން ކަންބަލުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
"މިސާލަކަށް ކޮލެޖު ނިންމާފައި ގެއަށް މިދަނީ އެކަނި. މަގުމަތިން ގިނަ ބަޔަކު ދިމާ ކުރޭ. އެކަމަކު ސައިކަލުގައި ދާއިރު ވަރަށް އެގޮތަށް އެކަން ދިމާނުވޭ،" ކޮލެޖްގައި ކިޔަވާ އަންހެން ދަރިވަރަކު ބުންޏެވެ.
ސައިކަލުގައި އުޅޭ އަންހެނުން ފާހަގަކުރާ ގޮތުގައި ސައިކަލު ދުއްވަން ދަސްވެ ސައިލުގައި އުޅުމަކީ އެމީހުންގެ ދިރިއުޅުމުގެ ގިނަ ކަންކަން އޭގެ ސަބަބުން ފަސޭހަވެގެން ދިޔަ ކަމެކެވެ. އެގޮތުން އެމީހުން ފާހަގަ ކުރި ގޮތުގައި އެންމެ ފަސޭހަވަނީ ބާޒާރު ކުރުމަށާއި އަދި ކުދިން ސްކޫލަށް ގެއްދިއުން ފަދަ ކަންކަމެވެ.
20 މެއި، 2018: އަންހެނަކު މާލޭ މަގުމަތީގައި ސައިކަލް ދުވަނީ: ފަހަކަށް އައިސް ސައިކަލް ދުއްވާ އަންހެން ކަންބަލުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
"އަސްލު ކުރިންވެއްޖެއްޔާ ވަރަށް އުނދަގޫ ހިނގާފައި ބާޒާރަށްދާން. އެކަމަކު މިހާރު ވަރަށް ފަސޭހަ ބާޒާރަށް ދިޔުމާއި ކަންކަން. އަސްލު ސައިކަލުގައި އުޅުމަކީ ދިރިއުޅުމަށް ފަސޭހަތަކެއް ލިބޭ ކަމެއް. ހާއްސަކޮށް އަންހެނުންނަށް،" ޒުވާން އުމުރުގެ މަންމައަކު ބުންޏެވެ.
ސައިކަލުގައި އުޅޭ އަންހެންވެރިން ފާހަގަ ކުރާ ގޮންޖެހުންތަކެއް ވެސް އެބަހުރި އެވެ. ހާއްސަގޮތެއްގައި މަގުމަތީގައި އެހެން މީހުންގެ ފަރާތުން ލިބޭ ފުރައްސާރަ އާއި ފޮށުން އެމީހުން ފާހަގަކުރެ އެވެ. އަދި ލައިސަންސް ލިބުމުގައި ދަތިތަކެއް އޮތް ކަމަށް ވެސް ފާހަގަކުރެ އެެވެ.
މާލޭގެ މަގުތަކަށް ބަލާއިރު އަންހެންވެރިން ދަނީ މަގުތައް ފަތަހަ ކުރަމުންނެވެ. ޒަމާނުންސުރެ އަންހެންވެރިންނަށް ސައިކަލުގައި ލިބުނު ފަހަތު ސީޓް ދޫކޮށްލާ ކުރީ ސީޓަށް އެވެރިން ޖެހިލާފައިވާ އިރު މިއީ ތަރައްގީވަމުން އަންނަ ދިވެހިރާއްޖެ އިން ފެންނަ ހިތްގައިމު މަންޒަރެކެވެ. މިގޮތް ވެސް ސަޅި އެވެ.