19 May 2018, 13:24
ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ރެއާލް މެޑްރިޑާއި ލިވަޕޫލް ވާދަކުރާ މެޗަށް، ރެއާލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ހުރީ 120 ޕަސެންޓް ފިޓްކޮށް ކަމަށް ކޯޗު ޒައިނުއްދީން ޒިދާން ބުނެފި އެވެ.
ޗެމްޕިއަންސްލީގުގެ ފައިނަލްގައި ލިވަޕޫލާއި ރެއާލް ވާދަކުރާ މެޗު މިމަހުގެ 26 ވަނަ ދުވަހު ޔުކުރެއިންގެ ކިއޭވްގައި އޮންނަ އިރު، ރެއާލްއިން ނުކުންނާނީ ޖެހިޖެހިގެން ތިންވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ތަށި ހޯދުމަށެވެ.
މިދިޔަ ދެ އަހަރު ޗެމްޕިއަންސް ލީގު ނެގުމަށް ވެސް ރެއާލްއަށް އެންމެ މުހިއްމު ރޯލެއް އަދާކޮށްދިން ރޮނާލްޑޯގެ ފައިގެ ކުޑަ ހުޅަށް އަނިޔާވެފައި ވަނީ މިމަހުގެ ކުރީ ކޮޅުގައި ބާސެލޯނާއާ ދެކޮޅަށް ކުޅުނު އެލް ކްލެސިކޯ މެޗުގަ އެވެ. އޭގެ ފަހުން ލީގުގައި ކުޅުނު މެޗުން ރޮނާލްޑޯ ފެނިފައިނުވާ އިރު، ވިލަރެއާލްއާ ދެކޮޅަށް ކުޅޭ މެޗަށް ރޮނާލްޑޯ ފިޓް ވެފައިވާ ކަމަށް ޒިދާން ވަނީ ބުނެފަ އެވެ.
"މިހާރު ރޮނާލްޑޯ ހުރީ 120 ޕަސެންޓް ފިޓްކޮށް. ރޮނާލްޑޯ އެ ފޯމުގައި ހުރިއްޔާ އަހަރެންގެ މައްސަލައެއް ނެތް. ރެއާލްއަށް ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ޗެމްޕިއަންސްލީގު އުފުލާލެވުމަކީ ވަރަށް ބޮޑު ހިތްހަމަ ޖެހުމަކަށް ވާނެ،" ޒިދާން ބުންޏެވެ.
ޒިދާން ބުނީ ރެއާލްގެ ކޯޗުކަމުގައި އޭނާ މިހާތަނަށް ހޭދަކުރި ދުވަސްތައް ވަރަށް ކާމިޔާބު ކަމަށާއި ބޭނުން ވަނީ ރެއާލްއާ އެކު އިތުރު ކާމިޔާބީތަކެއް ކަމަށެވެ.
މިހާތަނަށް ފަސް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ލިވަޕޫލާ ދެކޮޅަށް ނުކުންނަ ރެއާލް ވަނީ ޖުމްލަ 12 ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. ލިވަޕޫލުން އެންމެފަހުން ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލައިފައި ވަނީ 2005 ވަނަ އަހަރު ތުރުކީގެ އިސްތާންބޫލްގައި ކުޅުނު ފައިނަލްގަ އެވެ.