18 May 2018, 20:07
ހުން އައިސްގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު އިތުރުވަމުން ދާތީވެ، އޭޑީކޭ ހޮސްޕިޓަލުގައި ހުން ކްލިނިކެއް ހުޅުވައިފި އެވެ.
އޭޑީކޭ ހޮސްޕިޓަލުން ބުނީ، މިމަހުގެ އެކަކުން ފެށިގެން މިދިޔަ ބުދަ ދުވަހާ ހަމައަށް ހުން އައިސްގެން 1114 މީހަކު އެ ހޮސްޕިޓަލުން ޑޮކްޓަރަށް ދައްކާފައިވާ ކަމަށެވެ.
އަދި ވޭތުވެދިޔަ ފަސް ދުވަހުގެ ތެރޭގައި އެވްރެޖްކޮށް ގާތްގަނޑަކަށް 90 މީހުން ޑޮކްޓަރަށް ދައްކާފައިވާ ކަމަށް އެ ހޮސްޕިޓަލުން ހިއްސާ ކޮށްފައިވާ ޗާޓުން އެނގެއެވެ.
އެހެންކަމުން، ހުން އައިސްގެން ޑޮކްޓަރަށް ދައްކާ މީހުންނަށް ހާއްސަކޮށްގެން، ހުން ކުލިނިކެއް އެ ހޮސްޕިޓަލުގައި ގާއިމްކުރީ އެފަދަ މީހުންނަށް ހިދުމަތް އަވަސް ކޮށްދިނުމުގެ ބޭނުމުގައި ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެއެވެ.
އޭޑީކޭ ހޮސްޕިޓަލުގެ ލޮބީ ތެރޭގައި ގާއިމްކޮށްފައިވާ އެ ހުން ކްލިނިކުން ކޮންމެ ދުވަހެއްގެ މެންދުރުފަހު 2:00 އިން މެންދަމު 12:00 އާ ހަމައަށް ހިދުމަތްދޭނެ އެވެ.
އޭޑީކޭ ހޮސްޕިޓަލުން ބުނީ، ހުން އައިސްގެން އެ ހޮސްޕިޓަލަށް ދާ މީހުން ސީދާ އެކަމަށް ކަނޑައެޅިފައިވާ މޭޒު ކައިރިއަށް ދިއުމުން ހިދުމަތް ލިބިގެންދާނެ ކަމަށެވެ.