18 May 2018, 20:54
ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ އެތެރޭގައި މިހާރު ކުރިއަށް ދާ ކަންކަމަކީ ކުރިއަށް މިއޮތް ރިޔާސީ އިންތިޚާބަށް އެއް ކެނޑިޑޭޓަކު ނެރުމަށް ކޮނެމެހެން ކުރަން ޖެހޭ މަސައްކަތްތަކެއް ކަމަށް އިދިކޮޅު ޕާޓީތަކުން ބުނެފި އެވެ.
އިދިކޮޅު ޕާޓީތަކުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދާލަތު ޕާޓީގެ މީޑިއާ ކޮމިޓީގެ ރައީސް އަލީ ނަޒީރު ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ހަރަކާތްތައް މަދުކަން ބައެއް ފަރާތުން ފާހަގަކުރާ ކަމަށާއި ނަމަވެސް އެ ފަރާތްތަކުގެ މެދުގައި އެއްވެސް މައްސަލައެއް އުފެދިފައި ނުވާ ކަމަށެވެ.
އެގޮތުން ކުރީގެ ދެ ރައީސުން ކަމަށްވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި މައުމޫން އަބްދުލް ގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ އާ ދެމެދު ބަދަހި ގުޅުމެއް އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީން ކުރިއަށް މިއޮތް ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓަކު ނެރެން ކުރާ މަސައްކަތަށް އިޝާރާތްކުރައްވައި ނަޒީރު ވިދާޅުވީ އެ މަސައްކަތަކީ އިދިކޮޅު އެއް ކެންޑިޑޭޓަކު ނެރުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ.
"އަޅުގަނޑުމެން ކުރީގައި ވެސް ކުރި މަސައްކަތްތައް ހަމަ އެގޮތުގައި ހިނގަމުން އެބަދޭ. ޕާޓީތަކުގެ އެތެރޭގައި ހިންގާ ކަންކަން އެއީ ޕާޓީއެއްގެ ޕްރައިމަރީ ކަމުގައި ވިޔަސް އަދި އެއީ ޕާޓީއެއްގެ ކޮންގްރެސްއެއް ކަމަށްވިޔަސް އަދި ޕާޓީއަކުން ކެމްޕެއިންގެ އެހެން ހަރަކާތެއް ހިންގި ކަމަށްވިޔަސް އެކަމަކީ 2018 ގެ ރިޔާސީ އިންތިހާބަށް ގުޅިފައިވާ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ދެއްކުމަށްޓަކައި އަޅުގަނޑުމެން ހިންގަމުން ގެންދާ ކަންކަމުގެ ތެރެއިން ޕާޓީތަކުގެ ތެރޭގައި ހިންގަން ޖެހޭ ހަރަކާތްތަކެއްކަމަށްވަތީ ހިންގަމުންދާ ކަންކަން،" ނަޒީރު ވިދާޅުވި އެވެ.
ގުޅިފައިވާ ޕާޓީތަކުގެ އެތެރޭގެ ހަރަކާތްތަކުގެ ސަބަބުން އެއް ކެންޑިޑޭޓަކު ނެރުމަށް ފަސޭހަ ވާނެ ކަމަށް ނަޒީރު ވިދާޅުވި އެވެ. އެގޮތުން އެ މަސައްކަތް ނިމޭއިރު ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން ނިކުންނާނެ އެއް ކެންޑިޑޭޓަކު ފެނިގެން ދާނެ ކަމަށް ނަޒީރު ވިދާޅުވި އެވެ.
މިއަހަރު އޮންނަ ރިޔާސީ އިންތިހާބްގައި ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވައި ކެމްޕެއިން މިހާތަނަށް ފައްޓަވާފައި ވަނީ ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުއެވެ.
އިދިކޮޅު ފަރާތްތަކުން ކުރިއަށް މިއޮތް ރިޔާސީ އިންތިޚާބުގައި އެއް ކެންޑިޑޭޓަކު ނެރުމުގެ މަޝްވަރާތަކަށް މީގެކުރިން ވަނީ ކޮމެޓީއެއް އެކުލަވާލައި ބައްދަލުވުންތަކެއް ބާއްވާފަ އެވެ. ނަމަވެސް އެއް ކެންޑިޑޭޓަކު ނެރުމަށް ހުރިހާ ސިޔާސީ ޕާޓީތަކަށް އެއްބަސްވެވިފައެއްނުވެ އެވެ.
އެމްޑީޕީން ބުނީ އެ ޕާޓީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނީ ރައީސް ނަޝީދު ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީން ބުނީ އެ ޕާޓީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނީ ގާސިމް އިބްރާހިމް ކަމަށެވެ. ނަމަވެސް އެ ދެ ބޭފުޅުންނަކީ އިންތިޚާބުގައި ވާދަކުރުމުގެ ޝަރުތު ފުރިހަމަވާ ދެ ބޭފުޅުންނެއް ނޫނެވެ.