05 Sep 2011, 22:18
ހޮލެންޑް ތަރި ވެސްލޭ ސަނެއިޑާ ގާތު، އިންޓަމިލާނުގައި މަޑުކޮށް މެންޗެސްޓާ ޔުނައިޓެޑްގެ ހުށަހެޅުން ދޫކޮށްލުމަށް ރެއާލް މެޑްރިޑްގެ ކޯޗް ހޯސޭ މޮރީނިއޯ އެދިފައިވާކަމަށް އޭނާ ބުނެފި އެވެ.
މޮރީނިއޯ އިންޓަމިލާނުގައި ހުރެ 2009-10 ވަނަ ސީޒަންގެ އިޓަލީ ލީގާއި އެ ސީޒަނުގެ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދިން އިރު މެދުތެރޭގައި ޕްލޭމޭކަރެއްގެ ގޮތުގައި ކުޅުވީ ސްނެއިޑާ ލައްވައެވެ. މޮރީނިއޯ ޗެލްސީއަށް ކޯޗުކޮށްދިން ދުވަސްވަރު އެންމެ ވާދަވެރި ޓީމު ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑުން ސްނެއިޑާއަށް ހުށަހެޅި ހުށަހެޅުން ދޫކޮށްލުމުގެ ފަހަތުގައި މޮރީނިއޯގެ ހިއްސާއެއް ވާކަން ރިޕޯޓްތަކުން ހާމަވެގެންދެ އެވެ.
"މޮރީނިއޯ އަހަރެންނަށް ގުޅާފަ ބުނި އިންޓަމިލާންގައި މަޑުކުރާށޭ. އަހަރެން އިންޓަމިލާނުގައި މިހިރީ އުފަލާއެކު އަހަރެން ކުލަބު ދޫކޮށްލުމުގެ ހިޔާލެއް ނުގެންގުޅެން. މެންޔުނައިޓެޑްގެ ވާހަކަ ނުދެއްކިއްޔާ ރަނގަޅުވާނީ." ސްނެއިޑާ ބުންޏެވެ.
މެންޗެސްޓާ ޔުނައިޓެޑުން ސްނެއިޑާއަށް ހުށަހެޅި 30 މިލިޔަން ޕައުންޑަށް އެ ކުލަބަށް ދިއުމަށް ގާތުގައި ވީނަމަވެސް އިންޓަމިލާނުގެ ކެމަރޫން ތަރި ސެމުއަލް އެޓޫ އަންޒީއަށް ބަދަލުވުމާއި ގުޅިގެން އެހެން ތަރިއެއް ކުލަބުން ދޫކޮށްލުމަށް ދެކޮޅު ހަދާފައިވެއެވެ.
"އަހަރެންގެ އެޖެންޓު ބުނި އިންޓަމިލާނުން އަހަރެން ވިއްކާލުމުގެ ހިޔާލެއް ކުރިން ގެންގުޅުނުކަމަށް. ނަމަވެސް އެޓޫ އަންޒީއަށް ބަދަލުވުމާ ގާތަށް ދިއުމުން އަހަރެން ދޫކޮށްލުމުގެ ހިޔާލު ކުލަބުން ބަދަލު ކުރި." ސްނެއިޑާ ބުންޏެވެ.
ރެއާލް މެޑްރިޑަށް ކުޅުމަށްފަހު 2009 ވަނަ އަހަރު އިންޓަމިލާނަށް ބަދަލުވި ސްނެއިޑާ ވަނީ އެކުލަބުގެ މެދުތެރެއަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްދީފައެވެ. އެގޮތުން 2009-10 ވަނަ ސީޒަނުގެ ޗެމްޕިއަންސް ލީގު އިންޓަމިލާނަށް ކާމިޔާބުކޮށް ދިނުމުގައި ސްނެއިޑާ ބޮޑު ދައުރެއް އަދާކޮށްދީފައި ވެއެވެ.