18 May 2018, 14:06
އިނގިރޭސިވިލާތުގެ ވޯލްޑް ކަޕް ސްކޮޑުގައި ހިމެން ޖެހޭކަމަށް ގަބޫލުކުރާ ކަމަށް އާސެނަލްގެ މިޑްފީލްޑަރު ޖެކް ވިލްޝެއާ ބުނެފިއެވެ.
އަނިޔާގެ މައްސަލަތަކެއްގައި ކެރިއާގެ ގިނަ ދުވަސްތަކެއް ހޭދަކުރި ވިލްޝެއާ ކުޅުމާ ދުރުގަައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށްފަހު ފިޓްކޮށް ނުކުތީ މި ސީޒަނަށެވެ. މި ސީޒަންގައި އާސެނަލާއެކު ވިލްޝެއާ 38 މެޗު ކުޅެފައިވާ އިރު، ޕްރިމިއާ ލީގުގެ 12 މެޗެއްގެ ފުރަތަމަ 11އިން އޭނާ ފެނިފައިވެއެވެ.
މި ސީޒަންގައި ރަނގަޅު ފޯމެއްގައި ހުރި ވިލްޝެއާ އެންމެފަހުން އިނގިރޭސި ގައުމީ ޓީމަށް ކުޅެފައި ވަނީ 2016 ވަނަ އަހަރު ޔޫރޯގައި އައިސްލޭންޑް އަތުން ބަލިވި މެޗުގައެވެ. އޭނާ ވަނީ މިހާތަނަށް ގައުމީ ޓީމަށް 34 މެޗު ކުޅެދީފައެވެ.
އިނގިރޭސި ގައުމީ ޓީމުން ވޯލްޑް ކަޕަށް އިއުލާންކުރި 23 ކުޅުންތެރިންގެ ސްކޮޑުން ޖާގަ ގެއްލުމުން ވިލްޝެއާ ބުނީ ކޯޗުގެ ނިންމުމަށް ފުރިހަމައަށް އިހުތިޔާރުކުރާ ކަމަށާއި އެހެން ނަމަވެސް ސްކޮޑުން ފުރުސަތު ލިބުމަކީ މާޔޫސް ވި ކަމެއް ކަމަށެވެ.
"އަހަރެން ގަބޫލުކުރަނީ ސްކޮޑުގައި ހިމެނެން ޖެހޭނެ ކަމަށް. ކޯޗުގެ ނިންމުމަށް ފުރިހަމައަށް އިހުތިރާމް ކުރަން. އަހަރެން އެދެނީ އިނގިރޭސި ގައުމީ ޓީމަށް ފުރިހަމަ ކާމިޔާބީއަށް. އަހަންނަކީ އަބަދުވެސް އިނގިރޭސި ގައުމީ ޓީމުގެ ސަޕޯޓަރެއް،" ވިލްޝެއާ ބުންޏެވެ.
ވިލްޝެއާ ސްކޮޑަށް ނުނެގުމާ ގުޅިގެން އިނގިރޭސި ގައުމީ ޓީމުގެ ކޯޗު ގެރެތު ސައުތުގޭޓް ވަނީ އޭނާގެ ނިންމުން ދިފާއުކޮށްފައެވެ.
"ވިލްޝެއާއަކީ އަބަދުވެސް ވިސްނުމަށް އަންނަ ކުޅުންތެރިއެއް. މި ސީޒަންގެ ކުރީ ކޮޅުގައި ވިލްޝެއާގެ ކުޅުން ފާހަގަކޮށްލެވުނު ނަމަވެސް ސީޒަން ނިމެން ދިޔަ އިރު، އޭނާއަށް ފޯމު ނުހިފެހެއްޓޭ. މި ކަމުގައި އަހަރެން ބޭނުން ވަނީ ވަރަށް ސާފްކޮށް ކިޔައިދޭން،" ސައުތުގޭޓް ބުންޏެވެ.
މިއަހަރު ވޯލްޑް ކަޕަށް ދާ އިނގެރޭސި ގައުމީ ޓީމުން ޖާގަ ގެއްލުނު ބައެއް ސީނިއާ ކުޅުންތެރިންގެ ތެރޭގައި ކީޕަރު ޖޯ ހާޓާއި މެންޗެސްޓާ ޔުނައިޓެޑްގެ ޑިފެންޑަރު ކްރިސް ސްމޯލިން ހިމެނެއެވެ.