05 Sep 2011, 20:23
ކ. ތުލުސްދޫގައި ބޭއްވި އެމްޑީޕީގެ ޖަލްސާއެއްގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ އެޑްވައިޒަރު އިބުރާހިމް އިސްމާއިލް )އިބުރާ( އަދުލު އިންސާފުގެ ދާއިރާއާބެހޭ ގޮތުން ދެއްކެވި ވާހަކަފުޅުތަކަކީ ގާނޫނު އަސާސީ އާއި ޑިމޮކްރެޓިކް އުސޫލުތަކާއި ހިލާފު، ދައުލަތު އަމާން ކަމާއި ސަލާމަތްތެރިކަން ގެއްލި ގައުމު ހަލަބޮލި ކަމެއްގެ ތެރެއަށް ހިނގައިދާނެ އަމަލެއް ކަމަށް ބުނެ ސުޕްރީމް ކޯޓުން ބަޔާނެއް ނެރެފި އެވެ.
މިރޭ ސުޕްރީމް ކޯޓުން ނެރުނު ބަޔާނުގައި ބުނަނީ ރާއްޖޭގެ ޖުމްހޫރީ ދައުލަތަކީ ތަހުޒީބާއި ތަމައްދުންގެ އުސޫލުން ގާއިމު ކުރެވިފައިވާ އެހެނިހެން ޖުމްހޫރީ ދައުލަތްތަކެކޭ އެއްފަދައިން ގާނޫނު އަސާސީ އާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ގާނޫނުގެ ވެރިކަން ނަގަހައްޓަން ޖެހޭ ޖުމްހޫރީ ދައުލަތެއް ކަމަށެވެ.
ދިވެހި ދައުލަތުގެ ބާރު ހިނގާ ސަރަހައްދުގެ ތެރޭގައި ހުރި ކޮންމެ މީހެއްގެ މައްޗަށް އެއްވެސް އިސްތިސްނާއެއް ނެތި ގާނޫނު އަސާސީ އާއި ގާނޫނުތަކަށް ބޯލެނބުން ގާނޫނު އަސާސީގެ 299 ވަނަ މާއްދާގެ )ހ( ގެ ދަށުން ލާޒިމުވާ ކަމަށް ވެސް ބުނެފައި ވެއެވެ.
ގާނޫނު އަސާސީން ރައްކާތެރިކަމާއި ހިމާޔަތްދޭ ކޯޓުތަކާއި ފަނޑިޔާރުންގެ މަގާމުގެ ހައިސިއްޔަތާއި ގަދަރަށް އިހާނާތް ރައްދުވާ ގޮތަށް އަދި ރައްޔިތުން ނުކުމެ އަދުލު އިންސާފު ގާއުމު ކުރުމުގެ ބާރުގެ މަސައްކަތް ގާނޫނާ ހިލާފަށް ހުއްޓުވުމަކަށް ގެންނަން ހިތްވަރުދީ އިބުރާހިމް އިސްމާއިލް ކ. ތުލުސްދޫގައި ދެއްކެވި ކަމަށް ހަބަރު ފަތުރާ ވަސީލަތްތަކުން ހާމަކޮށްފައިވާ ވާހަކަތަކަކީ ގާނޫނު އަސާސީ އާއި ޑިމޮކްރެޓިކް އުސޫލުތަކާއ ހިލާފު، ދިވެހި ދައުލަތު އަމަން އަމާން ކަމާއި ސަލާމަތްތެރިކަން ގެއްލި މުޅި ގައުމު ހަލަބޮލި ކަމުގެ ތެރެއަށް ވެއްޓިގެން ދިއުމަށް މަގު ފަހިކޮށްދޭ އަމަލެއް ކަމަށް ސުޕްރީމް ކޯޓުން ވަނީ ބުނެފައެވެ.
ހަބަރު ފަތުރާ ވަސީލަތްތަކާ ހަވާލާދީ ސުޕްރީމް ކޯޓުން ބުނެފައިވާ ވާހަކަފުޅު އިބުރާ ދައްކަވާފައި ވަނީ ސެޕްޓެމްބަރު 2 ، 2011 ވަނަ ދުވަހުގެ ރޭ ކ. ތުލުސްދޫގައި ބޭއްވި އެމްޑީޕީގެ ޖަލްސާއެއްގަ އެވެ. އެޖަލްސާގައި އިބުރާ ވިދާޅުވެފައި ވަނީ ފަނޑިޔާރުން ހުކުމް ކުރައްވަނީ ހިތުހުރި ގޮތަކަށް ކަމަށާއި އެކަން ހަމައަކަށް އެޅުވޭނީ ރައްޔިތުން ނުކުމެގެން ކަމަށެވެ.
"...ގާނޫނުގެ ވެރިކަން ހިނގާ މިނިވަން ދިމުގުރާތީ މުޖުތަމައެއްގައި އެފަދަ ވާހަކަ ދެއްކުމަކީ ތަހުޒީބާއި ތަމައްދުންގެ އުސޫލުތަކާއ ހިލާފަށް ދިވެހި މުޖުތަމައުގައި އެފަދަ އެއްވެސް ޣައިރު ގާނޫނީ އަމަލެއް ހިންގުމަށް ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ ތަން ނުދޭކަން ހަނދުމަފުޅުކޮށް އެރުވުމަށް މި ފުރުސަތުގެ ބޭނުން ހިފާއިރު އެއްވެސް ސަބަބަކަށްޓަކައި ދިވެހި ރާއްޖޭގައި ގާއިމުވެފައިވާ ޑިމޮކްރެޓިކް ނިޒާމާއި ދިމިގުރާތީ މުއައްސަސާތަކާއި ދިވެހި ރައްޔިތުންނާއި ދިވެހި ދައުލަތުގެ ހައްގުތަކަށް އުނިކަމެއް ލިބިދާނެ ފަދަ އެއްވެސް އަމަލަކަށް ދިވެހި ރާއްޖޭގައި ފުރުސަތު ލިބި ނުދެވޭނެ ކަމުގެ ޔަގީންކަން ގާނޫނު އަސާސީ އާއި ގާނޫނުތަކުގެ ބެލެނިވެރިޔާގެ ހައިސިއްޔަތުން ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން ދިވެހި ރާއްޖޭގައި ދިރިއުޅޭ އެނެމެހާ ފަރާތްތަކަށް ކަށަވަރުކޮށްދެމެވެ،" ބަޔާނުގައި ވެއެވެ.
އަދި ބުނެފައި ވަނީ ދިވެހި ރާއްޖޭގެ ޖުމްހޫރީ ދައުލަތުގެ މިނިވަން ކަމާއި ސިޔާދަތާއި އިދިކޮޅަށް ގަސްދުގައި ދިވހި ދައުލަތް ގާނޫނީ ހުސްކަމެއްގެ ތެރެއަށް ގެނައުމަށްޓަކައި އެއްވެސް ކަމެއް ކުރުމަކީ ގާނޫނު އަސާސީގެ ބާރު ކަނޑުވައިލުން ކަމަށެވެ.
ފަރުދަކު ވިޔަސް ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެ ހުރި މީހަކު ކަމަށް ވިޔަސް ފަނޑިޔާރުންގެ މަސައްކަތާބެހި ނުފޫޒު ފޯރުވާ ހަދައިގެން ނުވާނެ ކަމަށް ގާނޫނު އަސާސީގެ 141 ގެ )ނ( ގައި ސާފު ބަހުން ކަނޑައަޅައި ބަޔާންކޮށްފައިވާއިރު ކޯޓުތަކުގެ މިނިވަންކަން ރައްކާތެރި ކުރުމަށާއި ކޯޓުތަކުގެ ހައިބަތާއި ގަދަރު ހިމާޔަތްކޮށްދީ ކޯޓުތަކަށް އެހީތެރިވާން ވާނެ ކަމަށް 141 ވަނަ މާއްދާގެ )ރ( ގައި ސާފުބަހުން ބުނާ ކަމަށެވެ. އަދި ކޯޓުތަކާއި ފަނޑިޔާރުންނަށް އިހާނާތްތެރިވުމަކީ ގާނޫނީ ގޮތުން ހުއްދަ އަމަލެއް ނޫން ކަމަށެވެ.
ސުޕްރީމް ކޯޓުން މި ބަޔާން ނެރެފައިވާއިރު ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމަވާފައި ވަނީ އިބުރާ ދެއްކެވި ކަމަށް ބުނާ ވާހަކަތަކުގެ މައްސަލަ ބަލައި ތަހުގީގު ކުރަން ކަމާބެހޭ ފަރާތްތަކުގައި ދެންނެވުމަށެވެ.