19:00


ޕާކިސްތާނުގެ އިރުއުތުރުގެ ސަހަރެއް ކަމަށްވާ ލާހޯރުގެ ދެ މިސްކިތަކަށް ހަނގުރާމަވެރިން ދިން ނުރައްކާތެރި ހަމަލާތަކެއްގައި 80 މީހުން މަރުވެއްޖެ އެވެ.


އަލްޖަޒީރާއިން ބުނާގޮތުގައި ހަނގުރާމަވެރިން މިހަމަލާ އަމާޒުކޮށްފައިވަނީ ލާހޯރުގައި ދިރިއުޅޭ ބައިމަދު އަހުމަދީ މަޒުހަބަށް ނިސްބަތްވާ ބަޔަކަށެވެ. މިގޮތުން ލާހޯރުގައި ހުރި އަހުމަދީ މަޒުހަބުގެ ދެމިސްކިތަކަށް ހަނގުރާމަވެރިންގެ ޖަމާއަތަކުން ވަދެގަނެ އެމިސްކިތްތަކުގައި ތިބި މީހުންނަށް ހަމަލާދިނުމުގެ ސަބަބުން 80 މީހުން މަރުވެފައިވާއިރު އިތުރު އެތައް ބަޔަކަށް ތަފާތު އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ވެސް އަލްޖަޒީރާއިން ބުންޏެވެ.


މައުލޫމާތު ލިބޭގޮތުގައި މިހަމަލާތަކުގައި މަރުވި މީހުންގެ ޖަނާޒާގެ ރަސްމިއްޔާތު ނުބާއްވާ ގޮތަށް މިހާރު ވަނީ ހަމަޖައްސައިފައެވެ. މިކަމާ ގުޅިގެން އެސަހަރުގައި ދިރިއުޅޭ އަހުމަދީ މަޒުހަބަށް ނިސްބަތްވާ މީހުންގެ އިސްވެރިޔަކު ބުނެފައިވަނީ މިރަސްމިއްޔާތު ނުބާއްވާ ގޮތަށް ހަމަޖެއްސީ ސަލާމަތީ ފިޔަވަޅުތަކާ މެދު ހިތްހަމަނުޖެހޭތީ ކަމަށެވެ. އަދި މިރަސްމިއްޔާތު ބާއްވައިފިނަމަ ރަސްމިއްޔާތުގެ ތެރެއަށް ހަނގުރާމަވެރިން އަނެއްކާވެސް ހަމަލަދީ އަހުމަދީ މަޒުހަބަށް ނިސްބަތްވާ އިތުރު ބަޔަކު މަރާލާފާނެ ކަމުގެ ބިރުވެރިކަން އެބައޮތްކަމަށް ވެސް އޭނާ ބުންޏެވެ.


އެންމެ ފަހުގެ ރަސޫލާއަކީ މުހައްމަދުގެ ފާނު ކަމަށް ގަބޫލުނުކުރާ އަހުމަދީ މަޒުހަބަކީ މުސްލިމް މަޒުހަބެއް ކަމަށް ޕާކިސްތާނުން ގަބޫލެއް ނުކުރެ އެވެ. އެހެން ނަމަވެސް މިމަޒުހަބަށް ނިސްބަތްވާ ފަސް މިލިއަނެއްހާ މީހުން އެގައުމުގައި ދިރިއުޅެ އެވެ.