18 May 2018, 12:25
ވޮޝިންޓަން(މޭ 18): އެމެރިކާގެ ޖާސޫސީ އިދާރާ، ސީއައިއޭގެ ޑިރެކްޓަރު ކަމަށް ފުރަތަމަ ފަހަރަށް އަންހެނަކު އައްޔަންކޮށްފިއެވެ.
ސީއައިއޭގައި މަސައްކަތް ކުރައްވާތާ 33 އަހަރުވެފައިވާ ޖީނާ ހާސްޕެލް އެއޭޖެންސީގެ ޑިރެކްޓަރު ކަމަށް އައްޔަން ކުރީ ސެނެޓުގެ 54 މެމްބަރުންގެ ވޯޓުންނެވެ. ހާސްޕެލް އައްޔަން ކުރުމާ ދެކޮޅަށް 45 މެމްބަރުން ވޯޓު ދެއްވިއެވެ.
ހާސްޕެލްއާ ދެކޮޅަށް ޑިމޮކްރެޓިކް ޕާޓީގެ ގިނަ މެމްބަރުންނާއި ރިޕަބްލިކަން ޕާޓީގެ ބައެއް މެމްބަރުން ވޯޓު ދެއްވީ، 2001ވަނަ އަހަރުގެ ސެޕްޓެމްބަރު އެމެރިކާއަށް ދިން ޓެރަރިސްޓު ހަމަލާތަކަށް ފަހު ސީއައިއޭއިން ކުރިއަށް ގެންދިޔަ އިންޓެރޮގޭޝަން ޕްރޮގްރާމްތަކުގައި އޭނާ އަދާ ކުރެއްވި ދައުރާ ގުޅިގެންނެވެ.
އެގޮތުން 2002 ވަނަ އަހަރު ސީއައިއޭއިން ވަނީ ތައިލޭންޑުގައި ހުންނަ ޖަލެއް ހިންގަން ހާސްޕެލްއާ ހަވާލުކޮށްފައެވެ. އަދި އެޖަލާ ބެހޭ ގޮތުން އެމެރިކާގެ ސެނެޓުގެ އިންޓެލިޖެންސް ކޮމިޓީން ނެރުނު ރިޕޯޓެއްގައިވާ ގޮތުން އެޖަލުގައި ވަނީ ގައިދީން ނިދިން މަހުރޫމު ކުރުމާއި އެމީހުން ކުޑަ ފޮށްޓެއްގެ ތެރެއަށްލާ ބަންދު ކުރުން ފަދަ އަނިޔާތައްކޮށްފައެވެ.
މީގެ އިތުރުން، އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ބުނާ ގޮތުގައި ހާސްޕެލް ވަނީ ތައިލޭންޑުގައި މަސައްކަތް ކުރެއްވުމަށް ފަހު އެމެރިކާއަށް ވަޑައިގެން، އިތުރު އަނިޔާވެރި އިންޓެރޮގޭޝަން ޕްރޮގްރާމުތައް ހިންގަވާފައެވެ. ނަމަވެސް ސީއައިއޭއިން ވަނީ އޭނާއާ ގުޅުން ހުރި ރެކޯޑުތައް ސިއްރުކޮށްފައެވެ.
ހާސްޕެލް ޑިރެކްޓަރު ކަމަށް އައްޔަން ކުރަން ވޯޓު ދެއްވި ޑިމޮކްރެޓިކް ޕާޓީގެ ސެނެޓަރުން ވިދާޅުވި ގޮތުގައި އޭނާއަށް ވޯޓު ދޭން ނިންމެވީ އަނިޔާވެރި އިންޓެރޮގޭޝަން ޕްރޮގްރާމްތައް ބޭނުން ނުކުރައްވާނެ ކަމަށް ހާސްޕެލް ވިދާޅުވުމުންނެވެ. (ބީބީސީ)