ރޫހާނީ ގޮތުންނާއި ޖިސްމާނީ ގޮތުންވެސް ހިތްތަކުގެ ބަލިތަކަށް އޮތް ފަރުވާއަކީ ކީރިތި ޤުރުއާން ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް މެންކް ވިދާޅުވެއްޖެއެެވެ.

ރާއްޖޭގައި ބޭއްވި ފުރަތަމަ ބައިނަލްއަގްވާމީ ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ހަފްލާ ޝަރަފްވެރިކޮށްދެއްވައި ވާހަަކަ ދައްކަވަމުން މުފްތީ މެންކް ވިދާޅުވީ، ކީރިތި ޤުރުއާން އަޑުއެހުމުން ހިތަށް ފިނިކަން ގެނެސްދޭ ކަމަށެވެ.

"އަޅުގަނޑަށް މައުލޫމާތު ލިބިފައި އެބަހުރި ޣައިރު މުސްލިމުންގެ ގައުމުތަކުގައި އެމީހުން ބޭނުންކޮށްގެން ކީރިތި ޤުރުއާން އަޑުއިއްވައިގެން ކޮށްފައިވާ ތަހުލީލުތައް. އޭގެ ތެރޭގައި އެމީހުންނަށް ކީރިތި ގުރުއާން އަޑުއިވުމުން އަންނަ ބަދަލުތައް. އެމީހުންނަށް ނޭނގޭ އެ އަޑުއަހާފައި އެއީ ޤުރުއާން ކަމެއް. އެ އަޑުއަހާފައި އެމީހުންނަށް ވެސް ހިތްހަމަޖެހުން ލިބޭ،" މުފްތީ ވިދާޅުވިއެވެ.

މުފްތީ ވިދާޅުވީ، މާތް ﷲ އާ ތިބާއާ އެންމެ ގާތްވުމުގެ އެއް ނިޝާނަކީ ހިތްތިރިކަމާއި މަޑުމައިތިރިވުން ކަމަށެވެ. އަދި އޭގެ ބަދަލުގައި ތިބާއަކީ ހަރުކަށި މީހެއް ނަމަ އެއިން ދައްކުވައިދެނީ ތިބާ ޤުރުއާނާ ވަރަށް ދުރުކަން ކަމަށެވެ.

ކީރިތި ރަސޫލާގެ ޝަހުސިއްޔާތާ ބެހޭގޮތުން އައިޝަތުގެފާނާ ސުވާލުކުރެއްވުމުން، ރަސޫލާގެ ޝަހުސިއްޔަތު ބިނާވެފައިވަނީ ޤުރުއާނުގެ މައްޗަށް ކަމަށް އެކަމަނާ ވިދާޅުވިކަންވެސް މުފްތީގެ ވާހަަކަ ފުޅުގައި ވަނި ފާހަގަކުރައްވައިފައެވެ.

ކީރިތި ޤުރުއާނަކީ ހަމައެކަނީ ރޫހާނީ ގޮތުން ހިތުގެ ބަލިތަކަށް ހުރި ޝިފާއެއް ނޫން ކަމަށާއި އަދި އެއިން ޖިސްމާނީގޮތުން ވެސް ޝިފާ ލިބޭ ކަމަށްބެސް މުފްތީ ވިދާޅުވިއެވެ. އަދި ވިދާޅުވީ ކީރިތި ޤުރުއާނުން ހިތްތަކުގެ ޖިސްމާނީ ބަލިތަަކަށް މާތް ﷲ ޝިފާ ދެއްވާނެ ކަމަށެވެ.

ކީރިތި ޤުރުއާނުން ޝިފާ ހޯދަން ބޭނުންނަަމަ އެއް ބަނޑޭރި ގަނޑުން އަނެއް ބަނޑޭރި ގަނޑަށް ކިޔެވުމަށް މުފްތީ މެންކް ވަނީ ގޮވާލައްވައިފައެވެ.

" އަޅުގަނޑުމެން ކިޔަވަމުންދާއިރު އަޅުގަނޑުމެންނަކަށް ނޭނގޭ ގައިގަ ހުރި ބަލިތަކެއް. އަދި އަޅުގަނޑަކަށް ނޭނގޭ ގުރުއާނުގެ ކޮން އާޔަތަކުން ކަމެއް ޝިފާ ލިބެނީއެއް،" މުފްތީ ވިދާޅުވިއެވެ.

ކޮންމެ ދުވަހަކުވެސް ޤުރުއާނުގެ އެއް އާޔަތް އެންމެ މަދުވެގެން ކިޔަވަން އާދަކުރުމަށް މުފްތީ ވަނީ މިރޭ އިލްތިމާސްކޮށްފައެވެ. އަދި ވިދާޅުވީ، އެގޮތަށް ކަންތައް ކޮށްފިނަމަ އިންސާނާގެ މުޅި ދިރިއުޅުން ބަދަލުވެގެން ދާނެ ކަމަށެވެ.