ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރު ކުރަން ތައްޔާރުކުރި ސައްހަ ނޫން ކޯޓު އަމުރު ތަންފީޒުކުރަން އުޅުނުކަމުގެ ތުހުމަތުގައި ފުލުހުންގެ ޑިސިޕްލިނަރީ ކޮމެޓީއަށް ހުށަހެޅި އެސިސްޓެންޓް ކޮމިސަނަރ އޮފް ޕޮލިސް އަލީ ރަޝީދުގެ މައްސަލަ އެ ކޮމެޓީން ނުބަލަން ނިންމައިފިއެވެ.

ޑިސިޕްލިނަރީ ކޮމިޓީން މިިގޮތަށް ނިންމާފައިވަނީ އަންގާރަ ދުވަހު ބޭއްވި އެ ކޮމެޓިގެ ބައްދަލުވުމުގައެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި އޭސީޕީ އަލީ ރަޝީދާ ދެކޮޅަށްވެސް، މި މައްސަލާގައި ދާދި ފަހުން ފުލުހުންގެ ވަޒީފާއިން ވަކިކުރި އޭސީޕީ އަބްދުލް މަންނާނު ޔޫސުފާ ދެކޮޅަށް ހުށަހެޅުނު ހެކިތައް ވަނީ ހުށަހަޅާފައެވެ. ނަމަވެސް ބޮޑެތި ބަދަލުތަކެއް ގެނެސް އަލުން އެކުލަވާލާފައިވާ ފުލުހުންގެ ޑިސިޕްލިނަރީ ކޮމިޓީން އެ މައްސަލަވަނީ ނުބަލަން ނިންމައި ބޭރުކޮށްލާފައެވެ.

ފުލުހުންގެ ޑިސިޕްލިނަރީ ކޮމިޓީއަށް ދާދި ފަހުން ވަނީ ފުލުހުންގެ ތަރުޖަމާނު އަދި ކޮމިޝަނަރ ބިއުރޯގެ ހެޑް ޗީފް ސުޕްރިޑެންޓެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން އާއި ޗީފް ސުޕްރިޑެންޓެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދު އައްޔަންކޮށްފައެވެ. އެ ދެ ބޭފުޅުން އައްޔަންކޮށްފައިވަނީ ސުޕްރިޑެންޓަންޓް އޮފް ޕޮލިސް އަބްދުﷲ ޝަތީހު އާއި ސުޕްރިޑެންޓަންޓް އޮފް ޕޮލިސް މުހައްމަދު ރަޝީދު ބޯޑުން ވަކިކުރުމަށް ފަހުއެވެ.

މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ތަރުޖަމާނު ޗީފް ސުޕްރިންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ "ޑިސިޕްލިނަރީ ކޮމިޓީގެ ނިންމުން ތަކާ ގުޅޭ މައުލޫމާތު މީޑިއާއާ ހިއްސާ ނުކުރާ" ކަމަށެވެ.

އޭސީޕީ އަލީ ރަޝީދު މިވަގުތު ހުންނެވީ ފުލުހުންނާ ގުޅުން ހުރި ފައިސާއާ ގުޅޭ ޑިޕާޓްމަންޓެއްގެ އިސްވެރިއެއްގައެވެ.

ހަމަ އެ މައްސަލާގައި އޭސީޕީ މަންނާނު ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.

ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިނާއި އިތުރު ބަޔަކާ ގުޅިގެން ސައްހަ ނޫން ކޯޓު އަމުރެއް ތައްޔާރުކޮށްގެން ރައީސް ޔާމީން ހައްޔަރުކުރަން އުޅުނުކަން ސާބިތުވެ، އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާނަށް ވެސް ވަނީ 17 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.