ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން 20،000ރ. ގެ ކޮމިޓީ އެލަވަންސް ނެގުމާ ދެކޮޅަށް އެތައް ބަޔަކު އަޑުއުފުލައި، އެ އެލަވަންސް ދޫނުކުރުމަށް އެދި ހާހަކަށް ވުރެ ގިނަ ސިޓީ ސަރުކާރަށް ހުށަހަޅާފައި ވަނިކޮށް، އެ އެލަވަންސަކީ މާ ކުރިން މަޖިލީހުން ބަޖެޓްކޮށްފައިވާ އެއްޗަކަށްވާތީ އެ އެލަވަންސް ދޫކުރަން ޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީގައި އޮތް ބައްދަލުވުމަކުން ނުކުމެވަޑައިގަތުމަށްފަހު، ކޮމިޓީ އެލަވަންސާ ދެކޮޅަށް މިނިސްޓްރީ ބޭރުގައި އަޑުއުފުލަމުންދިޔަ މީހުންނާ ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެ އެލަވަންސް ނެގުމަށް މަޖިލީހުން ނިންމައި، ބަޖެޓްކޮށްފައިވާތީ، އެ އެލަވަންސް ދޫކުރުން ގާނޫނީ ގޮތުން "ހުއްޓުވޭނެ" ގޮތެއް ސަރުކާރަށް ނޯންނާނެ ކަމަށެވެ.

"މަޖިލީހުން ފައިސާ ނަގާނެ ވަރު މަޖިލީހުން ބަޖެޓް ކުރައްވައިފަ އޮތީ. ގާނޫނީ ގޮތުން ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ]އެލަވަންސް ދިނުން[ ލާޒިމްކުރީމަކާއެއް ސަރުކާރުގެ ނޯންނާނެ އެއްވެސް އިހުތިޔާރެއް އެކަން ]އެލަވަންސް ދިނުން[ ހުއްޓުވޭނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އަދި މަޖިލިސް މެމްބަރުންގެ ތެރޭގައި މާލެ އަށް ނިސްބަތް ނުވާ ގިނަ މެމްބަރުންތަކެއް އެބަތިއްބެވި ކަމަށާއި އެމެމްބަރުން މާލޭގައި ދިރިއުޅުއްވުމަށް ބޮޑެތި ހަރަދުތަކެއް ކުރައްވަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ނަމަވެސް، އެލަވަންސްގެ ގޮތުގައި ދޭން ޖެހޭ މިންވަރު "ކުޑަ" ނޫން ކަމަށާއި އޭގެ މައްސަލަތަކެއް އުޅޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. "އަޅުގަނޑު އެލަވަންސް ދިފާއު ކުރަނީއެއް ނޫން" ރައީސް ވިދާޅުވި އެވެ.

އެލަވަންސް ދޫކުރުން ނޫން އެހެން ގޮތެއް ސަރުކާރަށް ނެތް ކަމަށް ރައީސް ވިދާޅުވުމާ ގުޅިގެން އެއްވެ ތިބި މީހުން ވަނީ އެކަމާ ނުރުހުން ފާޅުކޮށްފަ އެވެ. އަދި އެލަވަންސް ހިފެހެއްޓުމުގެ ޕެޓިޝަނުގައި ސޮއިކުރެއްވުމަށް ތަކުރާރުކޮށް ދެންނެވުމުން ވެސް އެމަނިކުފާނު ސޮއެއް ނުކުރެއްވި އެވެ.

"އަޅުގަނޑު ސޮއިކުރަންވީ އަޅުގަނޑަށް އޭތި ހުށަހަޅަން؟ ތިބޭފުޅުންގެ މި ޕެޓިޝަން ރައްދުވާ އެންމެ ފަހުގެ ފަރާތަކީ އަޅުގަނޑު،" ރައީސް ވިދާޅުވި އެވެ.

އެލަވަންސް ހިފެހެއްޓުމުގެ ޕެޓިޝަން ފިނޭންސް މިނިސްޓްރީއާ މިއަދު ހަވާލުކުރި އިރު، 1365 މީހުން ވަނީ އޭގައި ސޮއިކޮށްފަ އެވެ. ކެބިނެޓުގެ އަށް މިނިސްޓަރުން ވެސް ސޮއިކުރައްވާފައިވެ އެވެ.

ކޮމިޓީ އެލަވަންސް ނުހިފެހެއްޓޭނެ ކަމަށް ރައީސް ވިދާޅުވުމާ ގުޅިގެން އެއްވެ ތިބި މީހުން ވަނީ ކޯޓު އަމުރާ ހިލާފަށް ސިވިލް ސާވަންޓުންގެ މުސާރަ އިއާދަނުކޮށް ސަރުކާރުން ހިފެހެއްޓި މައްސަލައާ މަސްވެރިންގެ ސަބްސިޑީ ނުދީ ހިފެހެއްޓި މައްސަލަ ފާހަގަކޮށްފަ އެވެ. ނަމަވެސް ރައީސް މިއަދު ވެސް ވިދާޅުވީ، އެ ފައިސާ ދޫނުކުރީ ބަޖެޓުގައި ފައިސާ ނެތިގެން ކަމަށެވެ.

"ސަން" އާ ވާހަކަދައްކަވަމުން ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އައިމަން ރަޝީދު މިއަދު ވިދާޅުވީ، އެލަވަންސް ސަރުކާރަށް ހިފެހެއްޓޭނެ ގޮތެއް ނެތް ކަމަށް ރައީސް ވިދާޅުވުމުން ދޭހަވަނީ ސަރުކާރުގެ "ޑަބްލް ސްޓެންޑަޑް" ކަމަށެވެ.

"މަސްވެރިންނަށް ސަބްސިޑީ ދޭން ބަޖެޓުގައި ހިމަނައިފަ އޮތީ. ސިވިލް ސާވަންޓުންގެ މުސާރަވެސް ކޯޓުން ނިންމާ ގޮތަކަށް ދެވޭ ގޮތަށް ބަޖެޓްގައި އޮތީ. އެއީ ކޯޓުގައި މައްސަލަ އޮއްވާ މަޖިލީހަށް އެކަމާމެދު ގޮތެއް ނުނިންމޭނެތީ. އެކަމަކު މިއަދު އެއް ގޮތަކަށް އޮތް ދެ ކަމެއްގައި ސަރުކާރުން މި ގެންގުޅެނީ ޑަބްލް ސްޓެންޑަޑެއް،" އައިމަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، "ހަމައެކަނި އެލަވަންސަކަށް" އަހަރަކު 18 މިލިއަން ރުފިޔާ ސަރުކާރުން ހަރަދުކުރަން އެއްބަސްވާއިރު، އެހެން އިޖްތިމާއީ އަދި އިގުތިސާދީ ކަންކަމަށް ކަނޑައަޅާފައިވާ އަދަދުތައް އެއަށް ވުރެ އެތައް ތަނެއް ކުޑަ ކަމަށެވެ.

"މަސްތުވާތަކެއްޗާ ދެކޮޅަށް ހަރަދުކުރަން މުޅި އަހަރަށް ކަނޑައަޅައިފަ މިއޮތީ 14 މިލިއަން ރުފިޔާ. ބޭސްވެރިކަމަށް އެހީވުމަށް 14 މިލިއަން، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަރައްގީ ކުރުމަށް 16 މިލިއަން. އެކަމަކު ހަމައެކަނި އެލަވަންސަކަށް އެކަނި 18 މިލިއަން ރުފިޔާ." އައިމަން ވިދާޅުވި އެވެ.

އަދި އެލަވަންސް ނަގަނީ ދާއިރާގެ ރައްޔިތުންނަށް ހަރަދުކުރުމަށް ކަމަށް މެމްބަރުން ވިދާޅުވާއިރު އެކަމަކީ ދައުލަތުގެ ފައިސާ އިން ކެމްޕޭން ކުރުން ކަމަށާއި އެކަމުން ސީދާ ކޮރަޕްޝަނަށް މަގުފަހިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ރައްޔިތުންނަށް ކަމެއް ކޮށްދޭން ބޭނުންވާ ނަމަ، އެލަވަންސް ނުނަންގަވާ އެ ފައިސާ ބަޖެޓުގައި ހިމެނޭ އިޖުތިމާއީ ކަމަކަށް ހަރަދުކުރާ ފައިސާގެ ތެރެއަށް ލެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.