17 May 2018, 20:51
ޣައްޒާގެ 1000 އާއިލާއަށް ކެއުން ފޯރުކޮށްދިނުމަށް އެހީގެ ކެމްޕޭނެއް ރާއްޖޭގައި ފަށައިފިއެވެ.
ދާދިފަހުން ރޮހިންގާ މުސްލިމުންނަށްވެސް އެހީ ފޯރުކޮށްދިނުމަށް ރާއްޖޭގައި ކެމްޕޭން ކުރި އިންޓަނޭޝަނަލް އެއިޑް ކެމްޕޭނުން ކުރިއަށް ގެންދާ އެ ޕްރޮގްރާމަށް ފައިސާ ފޮނުވުމަށް ހުޅުވާލައިފައިވާ ކަމަށް އެ ކެމްޕޭން އިންތިޒާމްކުރި އެހީ ޖަމިއްޔާއިން ބުންޏެވެ.
އިންޓަނޭޝަނަލް އެއިޑް ކެމްޕޭންގެ މީޑިއާ ހެޑް އާދަމް ނާއިފް ވިދާޅުވީ އެ ކެމްޕޭނަށް އެހީވުމަށް 20 އެމެރިކާ ޑޮލަރު ނުވަތަ އެއާ އެއްވަރުގެ ދިވެހި ފައިސާ ހޭދަކޮށްގެން ޣައްޒާގެ އާއިލާއަަކަށް ކޮންމެ ދުވަހަކު ކެއުމުގެ އިންތިޒާމް ހަމަޖެެއްސިދާނެ ކަމަށެވެ.
އިންޓަނޭޝަނަލް އެއިޑް ކެމްޕޭނުން ބުނީ އެ ކެމްޕޭނުން ލިބޭ ފައިސާ ފޯރުކޮށްދޭނީ ޣައްޒާގެ އަލް ފަލާހު ބިނެލޮވެންޓް ސޮސައިޓީއަށް ކަމަށެވެ. ޣައްޒާގެ އާއިލާތަކަށް ފޯރުކޮށްދިނުމަށް ހަމަޖައްސައިފައިވާ ކާބޯތަކެތީގެ ތެރޭގައި ޓޮމާޓޯއާއި، ކިއުކަމްބާއާއި، އަލުއްވާއި، ކެބެޖާއި، ކުކުޅާއި، ކުކިން އޮއިލްގެ އިތުރުން ޕާން ހިމެނޭ ކަމަށް ނާއިފް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ލިބޭ ވަރަކުން ކޮންމެެ 5000 ޑޮލަރަކުން ފައިސާ އެކޮޅަށް ފޮނުވަމުންދާ ގޮތަށް އޮތީ ނިންމާފައި،" ނާއިފް ވިދާޅުވިއެވެ.
ކެމްޕޭނަށް އެހީތެރިވުމަށް
ބީއެމްއެލް އެކައުންޓް ނަންބަރު: 7770000014818 (އެހީ ޖަމިއްޔާ)
ޑޮލަރު އެކައުންޓް ނަންބަރު: 7770000014817 (އެހީ ޖަމިއްޔާ)