17 May 2018, 21:28
ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި އޭޑީކޭ ގްރޫޕްގެ މުވައްޒަފުން ހިންގާ ރިކްރިއޭޝަނަލް ކްލަބް "އޭޑީކޭ ސިނާޖީ"ގެ މެމްބަރުން މި ރަމަޟާން މަހު 100 ކިލޯމީޓަރަށް ދުވާގޮތަށް ނިންމައިފައިފިއެވެ.
ރާއްޖޭގެ އެންމެ ބޮޑު އެއް ހޮސްޕިޓަލުވެސް ހިންގަމުންދަނި އޭޑީކޭ ގްރޫޕުންނެވެ.
އޭޑީކޭ ސިނާޖީގެ ފައުންޑާ މެމްބަރު އަދި އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލު "ސަން" އަށް ވިދާޅުވީ، މިއީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް އަހުލުވެރިކުރުމުގެ ގޮތުން ހިންގާ ޕްރޮގްރާމެއް ކަމަށެވެ.
" ރޯދަ މަހުގެ 21 ދުވަހުން އެ މެމްބަރުން 100 ކިލޯމީޓަރަށް ދުވާނެ. ދުވަން ފަށާނީ ރަސްފަންނު ސަރަހައްދުން. އެންމެ ފުރަތަމަ ދުވަސްކޮޅު މިދުވަނީ އެންމެ ތިން ކިލޯމީޓަރަށް. ދެން އެންމެ ފަހު ރޭ 10 ކިލޯމީޓަރަށް ދުވާނެ. މިއީ އޭޑީކޭގެ މުވައްޒިފުންނަށް ހުޅުވާލާ ޗެލެންޖެއް،" އައްފާލު ވިދާޅުވިއެވެ.
ސަތޭކަ ކިލޯމީޓަރު ފުރިހަމަ ކުރާ މުވައްޒަފުންނަށް ސެޓްފިކެޓާއި މެޑަލު ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އައްފާލު ވިދާޅުވިއެވެ.
އައްފާލު ވިދާޅުވީ، އެ ޕްރޮގްރާމްގައި މިހާރުވެސް 50 މުވައްޒަފުން ބައިވެރިވެފައިވާ ކަމަށާއި އަދި އޭގެ ތެރޭގައި އެކިއެކި އުމުރުފުރައިގެ މުވައްޒިފުން ހިމެނޭ ކަމަށެވެ.