މަހުގެ ފުރަތަމަ ހަފުތާ ނިމޭ އިރު، ޑޮކްޓަރުންނާއި މުވައްޒަފުންނަށް މުސާރަ ނުދެވިގެން އުޅެނިކޮށް، ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުގެ ޑިޕާޓްމަންޓްތަކުގެ އިސް ވެރިންގެ މުސާރަ ބޮޑުކޮށްފި އެވެ.

މާލޭ ހެލްތު ކޯޕަރޭޝަން ސާވިސްގެ މެނޭޖިން ޑައިރެކްޓަރު އަދި އައިޖީއެމްއެޗުގެ ޗީފް އޮޕަރޭޓިން އޮފިސާ ކެތަރީން ޖޭން ވޯޓާސް ވެސް ވަނީ އިސް ވެރިންގެ މުސާރަ ބޮޑު ކުރިކަން ކަށަވަރުކޮށްދެއްވައިފަ އެވެ. ނަމަވެސް އޭނާ ނެރުއްވި ކުރު ސްޓޭޓްމަންޓެއްގައި މުސާރަ ބޮޑު ކުރީ ކިހާ ވަރަކަށް ކަމެއް ބުނެފައެއް ނުވެ އެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި ޑިޕާޓްމަންޓް ހެޑުންގެ މުސާރަ ބޮޑުކުރީ، 14،000ރ. އިން 20،800ރ. އަށެވެ.

ކެތަރީން ވިދާޅުވީ ޑިޕާޓްމަންޓްތަކުގެ އިސް ވެރިންގެ މުސާރަ ބޮޑު ކުރީ އެ މީހުންގެ ޒިންމާ އާއި މަސްއޫލިއްޔަތު ބޮޑުކޮށް، އަދި އައިޖީއެމްއެޗުގައި ކުރާ މަސައްކަތުގެ އިތުރަށް މާލޭ ހެލްތު ސާވިސް ކޯޕަރޭޝަނުގެ މަސައްކަތް ވެސް ކުރާ ގޮތަށް ކަމަށެވެ. އަދި އޭނާ ވިދާޅުވި ގޮތުގައި މި މަހުން ފެށިގެން މުސާރަ ބޮޑު ކުރީ ރިސްކް އެލަވަންސް ހުއްޓާލައި އަދި އިތުރު ގަޑީގެ ފައިސާ ވެސް ބޮޑުތަނުން އުނިކުރުމަށް ފަހު ކަމަށެވެ.

އައިޖީއެމްއެޗުން ބުނި ގޮތުގައި އެ ހޮސްޕިޓަލުގެ ކްލިނިކަލް ސްޓާފުންގެ މުސާރަ ވެސް ކުރިއަށް އޮތް ދެތިން މަހުގެ ތެރޭގައި އަލުން މުރާޖާ ކުރާނެ ކަމަށެވެ.

އެ ހޮސްޕިޓަލުގެ ވެރިންގެ މުސާރަ ބޮޑު ކުރި އިރު އަދި ވެސް ވަނީ ބައެއް މީހުންނަށް މުސާރަ ނުދެވި އެވެ.
ސަރުކާރުން ސަބްސިޑީގެ ގޮތުގައި އައިޖީއެމްއެޗަށް ކޮންމެ މަހަކު 15 މިލިއަން ރުފިޔާ ދޫކުރެ އެވެ. ނަމަވެސް އައިޖީއެމްއެޗުގެ މުވައްޒަފުންގެ މުސާރަ އެކަނި ވެސް 20 މިލިއަން ނޫނީ 22 މިލިއަން ރުފިޔާ ވަރު އަރަ އެވެ.