17 May 2018, 13:15
އަންނަ ޖޫމް މަހު ރަޝިޔާގައި ފެށުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕަށްދާ 23 ކުޅުންތެރިންގެ އިނގިރޭސި ގައުމީ ޓީމުގެ ސްކޮޑު އިއްޔެ އިއުލާންކޮށްފިއެވެ.
އިނގެރޭސިވިލާތުގެ ގައުމީ ޓީމުން އާއްމުކޮށް ޖާގަ ލިބޭ ބައެއް ކުޅުންތެރިންގެ ނަން، ކޯޗު ގެރެތު ސައުތުގޭޓްގެ ވޯލްޑް ކަޕް ސްކޮޑުގައި ހިމަނާފައެއް ނުވެއެވެ. އެގޮތުން ފާހަގަކޮށްލެވޭ ބައެއް ކުޅުންތެރިންގެ ތެރޭގައި 2014 ވަނަ އަހަރު ވޯލްޑް ކަޕްގައިވެސް އިނގެރޭސި ގައުމީ ޓީމުގެ ގޯލް ބެލެހެއްޓި ކީޕަރު ޖޯ ހާޓްގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑްގެ ސެންޓާ ބެކް ކްރިސް ސްމޯލިން އަދި އާސެނަލަށް ކުޅެމުން އަންނަ މިޑްފީލްޑަރު ޖެކް ވިލްޝެއާވެސް މިއަހަރު ވޯލްޑް ކަޕް ސްކޮޑުގައި ނުހިމެނެވެ.
މެންޗެސްޓާ ސިޓީގެ ފުރަތަމަ 11ގައި ގިނަ ދުވަސްތަކެއް ކުޅުމަށްފަހު ހާޓަށް ފުރަތަމަ 11އިން ޖާގަ ގެއްލެން ފެށީ 2016 ވަނަ އަހަރު ޕެޕް ގާޑިއޯލާ އެޓީމާ ހަވާލުވުމުންނެވެ. ގާޑިއޯލާގެ ފުރަތަމަ ސީޒަންގައިވެސް ހާޓް ލޯން އެއްބަސްވުމެއްގެ ދަށުން ހޭދަކުރީ އިޓަލީގެ ޓޮރީނޯގައެވެ. އަދި މިދިޔަ ސީޒަންގައި ހާޓްގެ ފަރާތުން ގިނަ މިސްޓޭކްތަކެއް ފާހަގަކުރެވިފައިވާ އިރު، އޭނާ ހުރީ ލޯންގައި ވެސްޓް ހަމްގައެވެ.
އާސެނަލްގެ މިޑްފީލްޑަރު ވިލްޝެއާގެ ކެރިއަރުގެ ބޮޑު ބައެއްގައި އަނިޔާގައި ހޭދަކުރި ނަމަވެސް، އަނިޔާއިން އެނބުރިއައިސް އޭނާ ވަނީ މި ސީޒަންގައި އާސެނަލަށް މޮޅު ކުޅުމެއދައްކައިފައެވެ. އަދި އެންމެފަހުން އިނގެރޭސިވިލާތުން ކުޅުނު މެޗުތަކުގައި އޭނާ ފެނިގެންގޮސްފައިވެސްވެއެވެ. އެހެން ނަމަވެސް ސައުތުގޭޓް ގެ ވޯލްޑް ކަޕް ސްކޮޑުން ވިލްޝެއާއަށް ޖާގައެއް ނުލިބުނެވެ. ވިލްޝެއާއާއި ޖޯ ހާޓް އަދި ސްމޯލިންގެ އިތުރުންވެސް ރަޔަން ބާޓްރެންޑާއި އެޑަމް ލަލާނާއަށްވެސް މިއަހަރުގެ ސްކޮޑުން ފުރުސަތެއް ނެތެވެ. ލަލާނާއަކީ ސްޓޭންޑްބައިގައި ތިބި ފަސް ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިއެކެވެ.
އެވަރެޖްކޮށް ޒުވާން ސްކޮޑެއް އިނގިރޭސިވިލާތުގައި އޮތް އިރު، އުމުރުން 19 އަހަރުގެ ލިވަޕޫލް ޑިފެންޑަރު އެލެގްޒެންްޑްރާ އާނޯލްޑަށް ސައުތުގޭޓް ވަނީ ފުރަތަމަ ފަހަރަށް ގައުމީ ޓީމުން ފުރުސަތު ދީފައެވެ.
އިނގިރޭސިވިލާތުގެ ވޯލްޑް ކަޕް ސްކޮޑު:
ގޯލްކީޕަރުން - ޖެކް ބަޓްލޭންޑް (ސްޓޯކް ސިޓީ)، ޖޯޑަން ޕިކްފޯޑް (އެވަޓަން)، ނިކް ޕޯޕް (ބާންލީ)
ފުލް ބެކުން – އެލެގްޒެންޑްރާ އާނޯލްޑް (ލިވަޕޫލް)، ފަބިއަން ޑެލްފް (މެންޗެސްޓާ ސިޓީ)، ޑެނީ ރޯސް (ޓޮޓެންހަމް)، ކިއެރެން ޓްރިޕިއާ (ޓޮޓެންހަމް)، ކައިލް ވޯކާ (މެންޗެސްޓާ ސިޓީ)، އެޝްލީ ޔަންގް (މެންޗެސްޓާ ޔުނައިޓެޑް)
ސެންޓާ ބެކުން – ގެރީ ކޭހިލް (ޗެލްސީ)، ފިލް ޖޯންސް (މެންޗެސްޓާ ޔުނައިޓެޑް)، ހެރީ މެގުއޭރާ (ލެސްޓާ ސިޓީ)، ޖޯން ސްޓޯންސް (މެންޗެސްޓާ ސިޓީ)
މިޑްފީލްޑަރުން – ޑެލީ އަލީ (ޓޮޓެންހަމް)، އެރިކް ޑަޔާ (ޓޮޓެންހަމް)، ޖޯޑަން ހެންޑަސަން (ލިވަޕޫލް)، ޖެސޭ ލިންގާޑް (މެންޗެސްޓާ ޔުނައިޓެޑް)، ރޫބެން ލޮފްޓަސްޗީކު (ޗެލްސީ)
ފޯވާޑުން –ހެރީ ކޭން (ޓޮޓެންހަމް)، މާކަސް ރަޝްފޯޑް (މެންޗެސްޓާ ޔުނައިޓެޑް)، ޖޭމީ ވާޑީ (ލެސްޓާ ސިޓީ)، ރަހީމް ސްޓާލިންގް (މެންޗެސްޓާ ސިޓީ)، ޑެނީ ވެލްބެކް (އާސެނަލް)
ސްޓޭންޑް ބައި - ލެވިސް ކުކް (ބޯންމައުތު)، ޓޮމް ހީޓަން (ބާންލީ)، އެޑަމް ލަލާނާ (ލިވަޕޫލް)، ޖޭކް ލިވަމޯ (ވެސްޓް ބްރޮމް)، ޖޭމްސް ޓާކޯސްކީ (ބާންލީ)