ޖީއެމްއާރު އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި ބިޒްނަސް ކްލާހަށް ހާއްސަ ދެ ލޯންޖެއް ހުޅުވައިފި އެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގެ 16 ސަރަހައްދެއްގައި ބިޒްނަސް ކުލާސް ލޯންޖުގެ ހިދުމަތް ފޯރުކޮށްދޭ ޕްލާޒާ ޕްރިމިއަމްއާ ގުޅިގެން ހެދި ލަގްޒަރީ ދެ ލޯންޖް ވެސް ހުޅުވައިދެއްވީ މިއަދު މެންދުރު އެއާޕޯޓުގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި ޓޫރިޒަމް މިނިސްޓަރު މަރިޔަމް ޒުލްފާ އެވެ.

ކުރިންވެސް އެއާޕޯޓުގެ ލޯންޖްތައް ހުރި ބައިގައި ހަދާފައިވާ ބިޒްނަސް ލޯންޖްގައި 176 ފަސިންޖަރުންނަށް އެއްފަހަރާ ހިދުމަތް ދެވޭނެ އެވެ. އެތަން ފަރުމާކޮށްފައި ވަނީ ފަސިންޗަރުންނަށް ބޭނުންވާ ފުޓް މަސާޖާއި ކެއުމުގެ ހިދުމަތާއި އަދި އިންޓަނެޓުގެ އިތުރުން ބައްދަލުވުންތައް ބާއްވާލެވޭ ގޮތަށެވެ.

ގިނަ ވިޔަފާރިވެރިން ވެސް ބައިވެރިވި ލޯންޖް އިފްތިތާހުކުރުމުގެ ހަފްލާގައި ޓޫރިޒަމް މިނިސްޓަރު ޒުލްފާ ވަނީ ޖީއެމްއާރުން އެއާޕޯޓު ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތަކަށް ތައްރީފް ކުރައްވައިފަ އެވެ.

"ޖީއެމްއާރުން މިއަދު މިތައާރަފް ކުރި ހިދުމަތަކީ އެ ހިދުމަތަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ދަޑިވަޅެއްގައި ކޮންމެހެންވެސް ދޭންޖެހޭ މިހާރު ނެތް ހިދުމަތެއް. އަޅުގަނޑު ޔަގީން ކުރަން ޖީއެމްއާރުން ހިދުމަތް ހޯދާ ފަރާތްތަކަށް ބޭނުންވާ އެންމެ ފަހުގެ ހިދުމަތް ތައް ތައާރަފް ކުރަމުން އަންނާނެ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

ބިޒްނަސް ކްލާހަށް ހާއްސަ ދެ ލޯންޖު ވެސް އޮޕަރޭޓް ކުރާނީ ހޮންކޮންގެ ޕްލާޒާ ޕްރިމިއަމް ލޯންޗް މެނޭޖްމަންޓް ލިމިޓެޑްގެ ފަރާތުންނެވެ.

އެއާޕޯޓްގެ ސީއީއޯ އެންޑްރިއު ހެރިސަން ވިދާޅުވީ އެ ލޯންޖްތަކުގެ ސަބަބުން ރާއްޖެ ޒިޔާރަތްކުރާ ވިޔަފާރިވެރިންނަށް އުފުލަން ޖެހޭ ތަކްލީފުތަށް މަދުވެ "ހަގީގީ ދިވެހިރާއްޖެ" ފެނިގެން ދާނެ ކަމަށެވެ.

އިންޑިއާގެ ޖީއެމްއާރުން މިދިޔަ ނޮވެމްބަރު މަހު އެއާޕޯޓް ހިންގުމާ ހަވާލުވި ފަހުން އެ ކުންފުނިން އަންނަނީ އެއާޕޯޓުގެ އިންފްރާސްޓްރަކްޗާއަށް ބަދަލުތަކެއް ގެންނަމުންނެވެ.