ފްރާންސްގެ ފޯވަޑް އެންޓޮއިން ގްރީޒްމަންގެ މޮޅު ކުޅުމާއެކި އެތުލެޓިކޯ މެޑްރިޑުން ތިން ވަނަ ފަހަރަށް ޔޫއެފާ ޔޫރޮޕާ ލީގުގެ ތަށި އުފުލާލައިފި އެވެ.

އެތުލެޓިކޯއިން ޔޫރޮޕާ ލީގުގެ ތަށި އުފުލާލީ ރޭ ކުޅުނު ފައިނަލް މެޗުގައި 3-0ގެ ނަތީޖާއަކުން ފްރާންސްގެ މާސޭ ބަލިކޮށްގެންނެވެ.

ރޭގެ މެޗުގެ ފުރަތަމަ ކޮޅުގައި ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިފައިވާ އިރު، މެޗުގެ ކުރީކޮޅުގައި ކުރިއަށް ޖެހި އެޓޭކް ކޮށްފައި ވަނީ މާސޭއިންނެވެ. އެހެން ނަމަވެސް މާސޭއަށް މާޔޫސްކަން ކުރިމަތިވީ މެޗުގެ 32 ވަނަ މިނެޓުގައި އެޓީމުގެ ކެޕްޓަން ޑިމިޓްރީ ޕަޔެޓަށް ލިބުނު އަނިޔާއާއެކު އޭނާ ބަދަލުކުރަން ޖެހުމުންނެވެ.

ފްރާންސްގެ ވޯލްޑް ކަޕް ސްކޮޑު މިއަދު އިއުލާން ކުރުމަށް ހަމަޖެހިފައިވާ އިރު، ޕަޔެޓަށް ލިބުނު އަނިޔާގެ ތަފްސީލު އަދި ހާމަކޮށްފައެއް ނުވެ އެވެ. ޕަޔެޓް ނުލާ ވޯލްޑް ކަޕަށް ދާން ޖެހުން ވެގެންދާނީ ފްރާންސަށް ލިބޭނެ ބޮޑު ގެއްލުމަކަށެވެ.

ޕަޔެޓް ބޭލުމާ އެކު މާސޭގެ އެޓޭކްތައް މަޑުޖެހިލި އިރު، މެޗުގެ 21 ވަނަ މިނެޓުގައި ގްރީޒްމަންގެ ގޯލާއެކު އެތުލެޓިކޯއިން ލީޑު ނެގިއެވެ. އެތުލެޓިކޯއިން ލީޑުގައި އޮވެ ފުރަތަމަ ހާފް ނިންމާލި އިރު، މެޗުގެ ދެވަނަ ހާފް ވެސް ވަރުގަދަކޮށް ފެށީ އެތުލެޓިކޯއިންނެވެ.

އެގޮތުން މެޗުގެ 49 ވަނަ މިނެޓުގައި ގްރީޒްމަންގެ ދެވަނަ ގޯލާއެކު އެތުލެޓިކޯ އިން ވަނީ ލީޑު ފުޅާކޮށްފަ އެވެ. މެދުތެރެއިން ކޮކޭ ދިން ބޯޅައަށް މާސޭގެ އޭރިއާތެރެއަށް ވަދެ، ގްރީޒްމަން ގޯލް ޖެހީ ކީޕަރުގެ ގައި މަތިން ބޯޅަ ޗިޕް ކޮށްލައިގެންނެވެ.

އެތުލެޓިކޯ މެޑްރިޑުން ޔޫރޮޕާ ލީގުގެ ތަށި އިފުލާލަނީ --- ފޮޓޯ/ އޭޕީ

ދެ ގޯލްގެ ލީޑާ އެކު ކުޅެމުން ދިޔަ އެތުލެޓިކޯގެ ތިންވަނަ ގޯލް މެޗު ނިމެންދަނިކޮށް ކާމިޔާބުކޮށްދިނީ ކެޕްޓަން ގަބީ އެވެ.

އެތުލެޓިކޯ މެޑްރިޑުން 2010 ވަނަ އަހަރާއި 2012 ވަނަ އަހަރު ވެސް ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައިވާ އިރު، ރޭގެ މެޗު އެންމެ ހާއްސަވީ އެޓީމުގެ ފޯވަޑް ފެނާންޑޯ ޓޮރެސްއަށެވެ. އެތުލެޓިކޯ ކެޕްޓަނާ އެކު ރޭ ތަށި އުފުލާލީވެސް ޓޮރެސް އެވެ.

ދެހާސް އެއް ވަނަ އަހަރުން 2007 ވަނަ އަހަރާ ހަމައަށް އެތުލެޓިކޯއަށް ކުޅުމަށް ފަހު އިނގިރޭސި ލީގަށް ބަދަލުވެ، ޓޮރެސް ވަނީ ޔޫރަޕްގެ ގިނަ ކްލަބުތަކަކަށް ކުޅެފަ އެވެ. ދެހާސް ފަނަރަ ވަނަ އަހަރު ޓޮރެސް އެނބުރި އޭނާގެ ހޯމް ކްލަބް އެތުލެޓިކޯއަށް ގޮސްފައިވާ އިރު، މި ސީޒަނަށް ފަހު އަނެއްކާ ވެސް ކްލަބު ދޫކޮށްލާނެ ކަމަށް ޓޮރެސް ވަނީ ބުނެފަ އެވެ. އަދި ރޭގެ ޓްރޮފީއަކީ އެތުލެޓިކޯއާ އެކު ޓޮރެސް އުފުލާލި ފުރަތަމަ ޓްރޮފީ ވެސް މެއެވެ.