05 Sep 2011, 16:57
މާލެތެރެ ބެލެހެއްޓުމަށް ހުސްވި ރޯދަ މަހާއި އީދު ބަންދުގައި ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަން ހުއްޓާނުލާ ކުރިއަށް ގެންދިއުމަށް ކޮމިޝަނާ އޮފް ޕޮލީސް އަހުމަދު ފަސީހު މިއަދު ނިންމަވައިފި އެވެ.
ފުލުހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، ކޮމިޝަނަރު އެގޮތަށް ނިންމެވީ ކުށްމަދު ކުރުމަށް ފިތުރު އީދު ބަންދު ތެރޭގައި ކުރި މަސައްކަތްތަކުގެ ކާމިޔާބީ ފާހަގަކުރުމަށް ޓަކައި މިއަދު އިސްކަންދަރު ބިލްޑިންގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ކަމަށެވެ.
ކޮމިޝާނަރުގެ ވާހަކަފުޅުގައި އީދު ބަންދު ތެރޭގައި ގިނަ އަދަދެއްގެ ފުލުހުން ރަށުތެރެ ބެލެހެއްޓުމަށް ހަރަކާތްތެރިވުމުން ވަރަށް ގިނަ ރައްޔިތުންގެ ތައުރީފް ލިބުމުގެ އިތުރުން އެ މުއްދަތުގައި އެކަށީގެންވާ މިންވަރަކަށް ކުށް ވެސް މަދުވެފައިވާކަން ފާހަގަކުރެއްވި އެވެ. އަދި ފުލުހުންގެ ވާޖިބުތައް އަދާކުރުމުގައި ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި އެ ގޮންޖެހުންތަކާ އެކު ވެސް ރައްޔިތުންނަށް ހިދުމަތްކުރުމުގައި ތެދުވެރިކަމާ އެކު ދެމިތިބުމަށް އެދިވަޑައިގެންނެވި އެވެ.
"މިއަދު ރާއްޖޭގައި ހިނގާ ކަންތައްތަކަށް އެކަނި ބަލައިގެން ތިބެވޭކަށް ނެތް. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ނޭދެވޭ ކަންތައްތަކަށް ލޯހުޅުވައި އެފަދަ ކަންކަން މި މުޖުތަމައުއަށް ވެސް އަތުވެދާނެކަން ވިސްނައިގެން ތިބެންވާނީ،" ކޮމިޝަނަރާ ހަވާލާދީ ފުލުހުން ނެރެފައިވާ ބަޔާނުގައިވެ އެވެ.
ކޮމިޝަނަރުގެ ވާހަކަފުޅުގައި ރައްޔިތުން ކަންބޮޑުވާ ކަންތައްތައް ހައްލުކޮށްދިނުމަށްޓަކައި ހުރިހާ ފުލުހުން ގުޅިގެން އަދިވެސް އިތުރަށް މަސައްކަތްކުރުމަށް ވަނީ ގޮވާލައްވާފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ކޮމިޝަނާ އެގޮތަށް ނިންމެވުމާ ގުޅިގެން ކުރިއަށް އޮތް ތަނުގައި އެޑްމިނިސްޓްރޭޓިވް ބައިގައި މަސައްކަތް ކުރާ މުވައްޒިފުންގެ ޒިންމާތަކުގެ ތެރެއަށް މާލެ ތެރެ ބެލެހެއްޓުމާއި ޕެޓްރޯލް ކުރުން އިތުރުވެގެންދާނެ ކަމަށެވެ.