17 May 2018, 10:37
ޑައިރެކްޓަރު އަޝްވިނީ އައްޔާރް ތިވާރީގެ ކުރިއަށް އޮތް ފިލްމުން ހުނަރުވެރި ބަތަލާ އާލިއާ ބަޓް ފެނިގެންދާނެ ކަން ޔަގީންވެއްޖެ އެވެ.
އަޝްވިނީގެ ފިލްމަށް އެއްބަސްވެފައި ވާކަން ހާމަކުރީ އާލިއާ އެވެ. އާލިއާ ބުނީ ވަރަށް އަވަހަށް ފިލްމު އުފައްދާ ފަރާތުން އެކަން ރަސްމީކޮށް އިއުލާނު ކުރާނެ ކަމަށާއި، އެކަމަކު އަޝްވިނީގެ ފިލްމުން އޭނާ ފެންނާނެ ކަން ޔަގީން ކަމަށެވެ.
މިދިޔަ އަހަރު ރިލީޒް ކުރި ކާމިޔާބު ފިލްމު "ބަރޭލީ ކީ ބަރްފީ" ގެ ޑައިރެކްޓަރު އަޝްވިނީ ދެން ޑައިރެކް ކުރަން ހަމަޖެހިފައި ވަނީ މަޖާ ފިލްމެކެވެ.
އާލިއާ ބުނީ އަޝްވިނީގެ ކޮންސެޕްޓު ވަރަށް މޮޅު ކަމަށާއި، ވަރަށް ގިނަ ސީރިއަސް ފިލްމުތައް ކުޅުމަށްފަހު ޚުދު އޭނާ ވެސް ބަދަލެއް ބޭނުންވެފައި ހުރި ކަމަށެވެ.
އާލިއާ އަކީ މިވަގުތު ބޮލީވުޑްގައި ހުރި އެންމެ ޑިމާންޑު ބޮޑު ބަތަލާ އެވެ. މިދިޔަ ހަފްތާގައި ރިލީޒް ކުރި އާލިއާގެ ފިލްމު "ރާޒީ" އަށް ބޮކްސްއޮފީހުގައި ބޮޑު ތަރުހީބެއް ލިބެމުން އަންނަ އިރު، އާލިއާ މިހާރު ވެސް އަންނަނީ ތިން ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ.
އެއީ ޒޯޔާ އަޚްތަރުގެ "ގަލީ ބޯއީ"، އަޔާން މުކަރްޖީގެ "ބްރަހްމާޝްތުރަ" އަދި ކަރަން ޖޯހަރުގެ ކުރިއަށް އޮތް ފިލްމު "ކަލަންކް"ގެ އެވެ.
އާލިއާ ބުނީ އޭނާ އަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރާ މީހެއް ކަމަށާއި، އެކަމުގެ ސަބަބުން އޭނާ އަށް އުފާވެރިކަމާއި ވަރުބަލިކަން ވެސް ގެނުވާ ކަމަށެވެ. ނަމަވެސް ދިރިއުޅުން ކުރިއަށްދާ ގޮތާއިމެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށް އާލިއާ ބުންޏެވެ.