ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މެމްބަރުންނަށް މަޖިލީހުގައި އާ ޕާޓީއެއް ތަމްސީލު ނުކުރެއްވޭނެ ކަމަށް މަޖިލީހުގެ އިދާރާ އިން ބުނެފި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފައްދަވާ އާ ޕާޓީއާ ގުޅިވަޑައިގަންނަވާ މަޖިލީހުގެ މެމްބަރުންނަށް އެ ޕާޓީ ރަސްމީ ސިފައެއްގައި މަޖިލީހުގައި ތަމްސީލު ނުކުރެއްވޭނެ ކަން ކަށަވަރުކޮށްދެއްވައި މަޖިލީހުގެ އަމީން އާއްމު އަހްމަދު މުހައްމަދު ވިދާޅުވީ، "މަޖިލީހުގެ ގަވައިދު އޮންނަނީ އެކަން ވާ ގޮތަށް ނޫން" ކަމަށެވެ.

އެގޮތުން މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކަކީ އާއްމު އިންތިހާބުގައި ވާދަކޮށް، މަޖިލީހުގެ ގޮނޑި ކާމިޔާބުކޮށްފައިވާ މެމްބަރުން ނިސްބަތްވާ ޕާޓީތަކަށް ވާން ޖެހޭ ކަމަށް އަހްމަދު ވިދާޅުވި އެވެ.

މަޖިލީހުގެ ގަވައިދުގެ 29 ވަނަ މާއްދާގެ )ނ( ގައި ބުނަނީ، "މި ގަވައިދުގެ ބޭނުމަށްޓަކައި ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުންކަމަށް ބުނެފައި ވަނީ ސިޔާސީ ޕާޓީގެ ނަމުގައި އާއްމު އިންތިހާބަށް ކުރިމަތިލައިގެން ހޮވިފައިވާ މެމްބަރުންނަށް" ކަމަށެވެ. އަދި އެމާއްދާގެ )ނ(ގައި ބުނެފައިވަނީ، "މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތައް ކަމުގައިވާނީ ޕާޓީގެ ނަމުގައި އިންތިހާބަށް ކުރިމަތިލައިގެން މަޖިލީހަށް އިންތިހާބުވި މެމްބަރަކު ނުވަތަ މެމްބަރުން ހިމެނޭ ޕާޓީ"ތައް ކަމަށެވެ.

މަޖިލީހުގައި ރަސްމީ ސިފައެއްގައި މިހާރު ފަސް ސިޔާސީ ޕާޓީ ތަމްސީލު ކުރަމުން އަންނަ އިރު، އެއިން ޕާޓީއަކާ ގުޅި އަދި ވަކިވުމުގެ ފުރުސަތު ގަވައިދުގެ ދަށުން އޮވެ އެވެ. ނަމަވެސް އާ ޕާޓީއަކަށް މަޖިލީހުގައި ބައިވެރިވެވޭނީ ގޮނޑިއެއް ހުސްވެއްޖެ ހާލަތެއްގައި ބާއްވާ ބައި އިލެކްޝަނެއް އެ ޕާޓީއަކުން ކާމިޔާބުކޮށްގެންނެވެ.

އަމީން އާއްމު މިއަދު ވިދާޅުވި ގޮތުގައި، ޑީއާރްޕީން އިސްތިއުފާދެއްވާފައިވާ އެ ޕާލިމެންޓްރީ ގްރޫޕުގެ ހަތް މެމްބަރުން މަޖިލީހުގައި ހިމެނޭ އިތުރު ޕާޓީއަކާ ގުޅިވަޑައިނުގަންނަވާ ކަމުގައިވާ ނަމަ އެ މެމްބަރުން ވާނީ އަމިއްލަ މެމްބަރުންނަށެވެ.

އެހެންކަމުން މަޖިލީހުގެ ހިމެނޭ ކޮމިޓީތައް އެކުލެވިފައިވާ ގޮތަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެ މައްސަލަ ނިންމާނީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.