05 Sep 2011, 15:35
އިންޑިޔާއަށް ކިޔަވަންދާ ކުދިންނަށް އެއް ފަހަރާ ފަސް އަހަރު ދުވަހަށް ވިސާ ދޫކުރާ ގޮތަށް މިހާރު ހަމަޖައްސާފައިވާ ކަމަށް އިންޑިޔަން ހައިކޮމިޝަނުން މިއަދު ބުނެފި އެވެ.
އިންޑިޔާ ސަރުކާރާ ދިވެހި ސަރުކާރު ގުޅިގެން ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި ރާއްޖޭގައި ހުންނަވާ އިންޑިޔާގެ ހައިކޮމިޝަނަރު ޑީއެމް މުލޭ ވިދާޅުވީ ކިޔަވާ ކުދިން އެކުދިންގެ ވިސާ ހޯދުމަށް ހުށައަޅަން ޖެހޭ ލިއުންތައް ހުށައެޅުމުން ފަސް އަހަރު ދުވަހަށް ވިސާ ދޫކުރާ ގޮތަށް އިންޑިޔާ ސަރުކާރުން މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.
މުލޭ ވިދާޅުވީ އިންޑިޔާ ސަރުކާރުން މިގޮތަށް ހަމަޖެއްސީ އެގައުމުގައި ކިޔަވަމުންދާ ދަރިވަރުން ވިސާ އާ ކުރުމަށް އެކުދިންގެ ގައުމަށް އެނބުރިދާން ޖެހުމުގެ ސަބަބުން ތަފާތު ދަތިތައް ކުރިމަތިވަމުންދާ ކަން ފާހަގަ ކުރެވިގެން ކަމަށެވެ.
ކިޔަވާ ކުދިންނަށް ފަސް އަހަރު ދުވަހަށް ވިސާ ދޫކުރި ނަމަވެސް އެކުދިންގެ ބެލެނިވެރިން ވިސާ އާކުރުމަށް ރާއްޖެ އަންނަން ޖެހޭނެ ކަމަށާއި ބެލެނިވެރިންނަށް ހާއްސަ ވަކި ވިސާއެއް ނޯންނަ ކަމަށް ވެސް މުލޭ ވިދާޅުވި އެވެ.
އިންޑިޔާގައި އޯވަސްޓޭ ވުމުގެ ސަބަބުން ބައެއް ދިވެހިން އެގައުމުގައި ހައްޔަރުކޮށްފައިވާ ކަމަށް މީޑިޔާގައި ދެކެވޭ ވާހަތަކާ ބެހޭ ގޮތުން ނޫސްވެރިއަކު ސުވާލު ދެންނެވުމުން މުލޭ ވަނީ އެކަމާ ވަކި އެއްޗެއް ވިދާޅުވާން ދެކޮޅު ހައްދަވާފަ އެވެ. އޭނާ ވިދާޅުވީ އެފަދަ މައުލޫމާތެއް އަދި ލިބިވަޑައިގެންފައި ނުވާ ކަމަށާއި އެހެންވީމާ އެކަމާ ބެހޭ ގޮތުން އަދި ވާހަކަ ނުދެއްކޭނެ ކަމަށެވެ.