15 May 2018, 23:39
ދިވެހި ރާއްޖޭގެ މުއާސަލާތީ ގުޅުން، "ދިރާގު"ގެ 30 ވަނަ އަހަރީ ދުވަހުގެ ހަރަކާތްތައް ރަސްމީކޮށް ފެށުމުގެ ގޮތުން ދިރާގު ހެޑް އޮފީސް ތަފާތު އެކި ކުލަތަކުން ދިއްލާލައިފިއެވެ.
މިރޭ ސުނާމީ ބިނާ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި ދިރާގު ހެޑް އޮފީސް ލައިޓިން އިވެންޓް އިފްތިތާހް ކޮށްދެއްވީ ދިރާގުގެ ޗެއާމަން މުހައްމަދު އަޝްމަލީއާއި ދިރާގުގެ އެމްޑީ އަދި ސީއީއޯ އިސްމާއީލް ރަޝީދެވެ.

މިރޭ ސުނާމީ ބިނާ ސަރަހައްދުގައި ބޭއްވި ދިރާގު ހެޑް އޮފީސް ލައިޓިން އިވެންޓްގެ ތެރެއިން -- ސަންފޮޓޯ/ ޖަޒްލާން މުހައްމަދު
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސީއީއޯ އިސްމާއީލް ވިދާޅުވީ، ދިރާގަކީ މުޖުތަމައުގެ ކުރިއެރުމާއި، އަމިއްލަ ފަރާތްތަކާއި ވިޔަފާރިތަކުގެ ކުރިއެރުމަށްޓަކައި މުހިއްމު ރޯލެއް ކުޅެމުން އަންނަ ކުންފުންޏެއްކަމަށެވެ.
"ދިރާގަކީ ވަރަށް ޕްރައުޑް މާޒީއެއް އޮތް އަދި ވަރަށް މުހިއްމު މަސައްކަތްތަކެއް މިއަދުވެސް ރާއްޖެއާއި އާންމު ރައްޔިތުންގެ ތަރައްގީއަށްޓަކައި ހުރިހާ މުއައްސަސާތަކާއި ގުޅިގެން މަސައްކަތްކުރާ ކުންފުންޏެއް،" އިސްމައިލް ވިދާޅުވިއެވެ.

މިރޭ ސުނާމީ ބިނާ ސަރަހައްދުގައި ބޭއްވި ދިރާގު ހެޑް އޮފީސް ލައިޓިން އިވެންޓްގެ ތެރެއިން -- ސަންފޮޓޯ/ ޖަޒްލާން މުހައްމަދު
ދިރާގުގެ ޗެއާމަން އަޝްމަލީ ވިދާޅުވީ، ދިރާގަށް 30 އަހަރު ފުރެން ދާއިރު އެ ކުންފުންޏަކީ ވޭތުވެދިޔަ އަހަރުތަކުގައި ޓެކްނޮލޮޖީގެ ދާއިރާއިންނާއި ކޮމިއުނިކޭޝަންގެ ދާއިރާއިން ވަރަށްގިނަ ކަންތައްތަކެއް ރާއްޖެއަށް ކޮށްދީފައިވާ ކުންފުންޏެއް ކަމަށެވެ.
" އަޅުގަނޑު އެންމެ އުފާވަނީ، ދިރާގަކީ ގައުމުގެ ކުރިއަށްގެންދިއުމުގަޔާއި މިއައި ތަރައްގީގަ ޓެކްނޮލޮޖީގެ ދާއިރާއިންނާއި ކޮމިއުނިކޭޝަންގެ ދާއިރާއިން ވަރަށް ބޮޑު ހިއްސާއެއް އަދާ ކޮށްފައިވާ ކުންފުންޏަކަށްވާތީ،" އަޝްމަލީ ވިދާޅުވިއެވެ.

މިރޭ ސުނާމީ ބިނާ ސަރަހައްދުގައި ބޭއްވި ދިރާގު ހެޑް އޮފީސް ލައިޓިން އިވެންޓްގެ ތެރެއިން -- ސަންފޮޓޯ/ ޖަޒްލާން މުހައްމަދު
ދިރާގުގެ މުވައްޒަފުންގެ މާހެފުމާއެކު ކުރިއަށްގެންދިޔަ މިރޭގެ ރަސްމިއްޔާތުގައިވަނީ ދިރާގުގެ 30 އަހަރުގެ އަހަރީ ލޯގޯވެސް ރަސްމީކޮށް އިފްތިތާހް ކޮށްފައެވެ. އެ ލޯގޯއަކީ ދިރާގުގެ މުވައްޒަފުން ފަރުމާކޮށްފައިވާ ލޯގޯއެކެވެ.