15 May 2018, 21:36
ސާދަ ސަތޭކަ ތިރީސް ނުވަވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ (މުލަ ރޯދަދުވަހަކީ) މާދަމާ (16 މޭ 2018، ބުދަދުވަސް) ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުމަށް އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާއަށް ފަހު، ރަމަޟާން މަހުގެ ހަނދާ ބެހޭ ގަރާރުގައި ބުނެފައިވާ ގޮތުން، މާދަމާއަކީ މި އަހަރުގެ މުލަ ރޯދަ ދުވަސް ކަމަށް ހަމަޖެއްސީ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މިއަދުގެ އިރު އޮއްސުމަށް ފަހުގައި ހުޅެވި ހަނދު ފެންމަތީގައި ހުންނާނެ ކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުތަކުން ޔަގީންވާތީ އާއި ބައެއް އިސްލާމީ ގައުމުތަކަށް މިރޭ ހަނދު ސާބިތުވެފައިވާތީއެވެ.
އެ ގަރާރުގައި ބުނެފައިވާ ގޮތުން ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމަށް ރާއްޖޭގައި އަމަލު ކުރުމަށް ހަމަޖެހިފައިވާ އުސޫލުގެ ދަށުން މީލާދީ ސަނަތުން 2018 ވަނަ އަހަރުގެ މެއި މަހުގެ 16 ވަނަ ދުވަހަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް ވަނީ ކަނޑައަޅައިފައެވެ.
އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ބާގިރު ސޮއިކުރައްވައި ނެރެފައިވާ ގަރާރު ނިންމާލަމުން ވަނީ، ރޯދައިގެ އަޅުކަމަށް ރައްކާތެރިވުމަށާއި ﷲ ސުބުހާނަހޫ ވަތައާލާގެ ރުއްސެވުމާއި މަގުފިރަތަށް އެދި ހެޔޮ ކަންތައް ގިނަ ކުރުމަށް ގޮވާލައިފައެވެ.
ހަނދު ސާބިތުވެ މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް ކަނޑައެޅުމާއި އެކު ސިފައިންވަނީ ހަތް ބަޑީގެ ސަލާމެއް އަރުވައި އެކަން އިއުލާންކޮށްފައެވެ.