15 May 2018, 16:29
އިޓަލީ ގައުމީ ޓީމުގެ ކޯޗުގެ މަގާމަށް މެންޗެސްޓާ ސިޓީގެ ކުރީގެ ކޯޗު، ރޮބާޓޯ މަންޗިނީ ހަމަޖައްސައިފިއެވެ.
އުމުރުން 53 އަހަރުގެ މަންޗިނީ އިޓަލީގެ ކޯޗުކަމުގެ މާގަމަށް ހަމަޖެއްސީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. އިޓަލީއަށް މި އަހަރުގެ ވޯލްޑް ކަޕްގެ ޖާގަ ގެއްލުމާއެކު އޭރު ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމުގައި ހުރި ޖިއާން ޕިއެރޮ ވެންތޫރާ ވަނީ އެ މަގާމުން ވަކިކޮށްފައެވެ.
މަންޗިނީ އިޓަލީގެ ކޯޗުކަމާ ހަވާލުވީ ރަޝިޔާގެ ޒެނިތު އެސްސީ ޕީޓާސްބާގުގެ ކޯޗުގެ މަގާމު ދޫކޮށްލައިފައެވެ. އެޓަލީ ވެގެންދާނީ މަންޗިނީ އިރުޝާދު ދޭ ފުރަތަމަ ގައުމީ ޓީމަށެވެ.
އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީއަށް 44 އަހަރަށްފަހު ފުރަތަމަ ފަހަރަށް 2012 ވަނަ އަހަރުގެ ލީގު ހޯދައިދިން މެންޗިނީ އެޓީމު ދޫކޮށްލީ ޖެހިގެން އައި ސީޒަންގައެވެ. އޭގެ ފަހުން މަންޗިނީ ވަނީ ތުރުކީގެ ގަލަޓަސަރާއީއާއި އިޓަލީގެ އިންޓަ މިލާންގެ ކޯޗު ކަމުގައިވެސް މަސައްކަތް ކޮށްފައެވެ.
ވޯލްޑް ކަޕްގެ ޖާގަ ގެއްލި، އިޓަލީ އޮތީ އުނދަގޫ ހާލަތެއްގައެވެ. ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް ގައުމީ ޓީމުން ރިޓަޔާކޮށްފައިވާ އިރު، މަންޗިނީއަށް ކުރިމަތިވާނެ އެންމެ ބޮޑު ޗެލެންޖަކީ އިޓަލީއަށް ޒުވާން ކުޅުންތެރިންތަކެއް ބިނާކުރަން ޖެހިފައި އޮތުމެވެ.