އިންޑިޔާ އަށް ޓޫރިސްޓް ވިސާއެއްގައި ދަތުރުކޮށް، އެ ވިސާ ހަމަ ވުމަށް ފަހު ދެ މަސް ދުވަސް ނުވަނީސް އަލުން ޓޫރިސްޓް ވިސާ ދޫ ނުކުރުމަކީ ހަމަ އެކަނި ދިވެހިންނަށް އޮތް އުސޫލެއް ނޫން ކަށާއި އެއީ ޓޫރިސްޓް ވިސާގައި އިންޑިޔާ އަށް ދަތުރުކުރާ ކޮންމެ ގައުމެއްގެ ރައްޔިތަކަށް ވެސް އެކަން އޮންނަ އުސޫލު ކަމަށް އިންޑިޔާ ސަރުކާރުން މިއަދު ބުނެފި އެވެ.

ފޮރިން މިނިސްޓްރީގައި މިއަދު އޮތް ގުޅިފައިވާ ނޫސްކޮންސްފަރެންސްގައި، ރާއްޖޭގައި ހުންނަވާ އިންޑިޔާގެ ހައިކޮމިޝަނަރު ޑީއެން، މުލޭ ވިދާޅުވީ އެއީ ހުރިހާ ގައުމެއްގެ ރައްޔިތުންނަށް ވެސް އިންޑިޔާ ސަރުކާރުން ހަމަ ޖައްސާފައިވާ އުސޫލެއް ކަމަށާއި އެކަން އެހެން އޮތް ނަމަވެސް ދެ މަސް ދުވަސް ހަމަވުމުގެ ކުރިން ވެސް އިންޑިޔާ އަށް އެތެރެވާން ބޭނުންވާ ދިވެހިން ރާއްޖޭގައި ހުންނަ އިންޑިޔާ ހައިކޮމިޝަނާ ގުޅިގެން މަސައްކަތް ކުރެވިދާނެ ކަމަށެވެ.
އަދި އިންޑިޔާ އަށް ދަތުރުކުރާ ދިވެހިންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް އިންޑިޔާ ހައިކޮމިޝަނުން އަބަދު ވެސް މަސައްކަތް ކުރަމުންދާނެ ކަމަށް ވެސް މުލޭ ވިދާޅުވި އެވެ.

މިއަދުގެ ޕްރެސް ކޮންފަރެންސްގައި ރާއްޖޭގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމު ވިދާޅުވީ އިންޑިޔާ އަށް ދަތުރުކުރާ ދިވެހިންނަށް ވިސާ ދިނުމުގައި މިހާރު އަމަލުކުރަމުންދާ ގޮތް ރިވިއު ކުރުމުގެ މަސައްކަތް ދެސަރުކާރުން މިހާރު ކުރަމުން އަންނަ ކަމަށާއި އެކަން ނިމުމުން އިންޑިޔާ އަށް ދަތުރުކުރުމުގައި އިތުރު ފަސޭހަތައް ލިބިގެން ދާނެ ކަމަށެވެ. ނަމަވެސް ވާހަކަތައް އަދި ކުރިއަށް ދާތީ ލިބޭނެ ފަސޭހަތަކުގެ ތަފްސީލު އަދި ދެއްވެން ނެތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރު މިދަނީ އިންޑިޔާ ސަރުކާރާ ވާހަކަ ދައްކަމުން ، މުޅި ވިސާގެ ކަންތައް ރިވިއު ކުރުމަށް، އެވާހަތައް ދައްކަމުންދާތާ މިހާރު އަށް މަސް ދުވަސް ވެއްޖެ، އެކަން ރިވިއުކޮށް ނިމުމުން އިތުރު ލުއިތައް ލިބިގެންދާނެ." ފޮރިން މިނިސްޓަރު އަހުމަދު ނަސީމު ވިދާޅުވި އެވެ.

ދުނިޔޭގެ ކޮންމެ ގައުމަކަށް ދަތުރުކުރި ނަމަވެސް އެ ގައުމެއްގެ ގަވައިދުތަކަށް ކަމޭ ހިތުމަށް ފޮރިން މިނިސްޓަރު ނަސޭހަތްތެރި ވެވަޑައިގެންނެވި އެވެ.

އިންޑިޔާގައި ދިވެހިން އޯވަ ސްޓޭ ވުމުގެ ސަބަބުން ބައެއް ދިވެހިންނަށް މައްސަލަތަކާ ކުރިމަތިވެފައިވާ މައްސަލައިގައި މިނިސްޓަރު ވިދާޅުވީ ކޮންމެ ގައުމެއްގައި ނަމަވެސް އެގައުމެއްގެ ގަވައިދުތަކާ ހިލާފުވުމުން ކުރިމަތިލާން ޖެހޭ ކަންތައްތަކާ ޖެހޭނީ ކުރިމަތިލާން ކަމަށެވެ. ނަމަވެސް އެގޮތުން ދިމާވާ މައްސަލަތައް ވެސް ހައްލުކޮށް ދިނުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.