14:30


ޒުވާނުންނަށް ހެއުމަގު އަންގައިދީ ޤައުމުގެ އަމަންއަމާންކަމާއި ޤާނޫނީ، އިސްލާމީ، ވެށި ވިއްސިވިހާލިވެގެން ދިއުމުގެކުރިން އެކަންކަން އިސްލާހް ކުރުމަށް އަދާލަތު ޕާޓީން އިލްތިމާސްކޮށްފި އެވެ.


އަދާލަތު ޕާޓީން މިކަމަށް އިލްތިމާސްކޮށްފައި ވަނީ، މާފަންނު ސްޓޭޑިއަމުގައި ރޭ ބޭއްވި، ޑރ. ޒާކިރު ނައިކުގެ ދީނީ ދަރުސުގެ ތެރޭގައި، ތިމަންނާއަކީ އިސްލާމް ދީން ޤަބޫލު ނުކުރާ މީހެއްކަމަށް ޒުވާނަކު އިޢުލާންކޮށްފައިވާތީ، އެކަން ކުށްވެރިކޮށް އެ ޕާޓީން މިއަދު ނެރުނު ނޫސްބަޔާނެގައެވެ.


އެބަޔާނުގައި އަދާލަތު ޕާޓީން ބުނެފައިވަނީ، އިސްލާމް ދީނަށް ގޮންޖަހައި، ރާއްޖޭގެ ޤާނޫނު އަސާސީ މުގުރާލައި، މިރާއްޖޭގައި ޒަމާނުއްސުރެން އޮތް އާދަކާދަ އާއި އިސްލާމީ އެއްބައިވަންތަކަން ފުނޑުފުނޑުކޮށްލި އެ ޢަމަލަކީ، ޢަދާލަތު ޕާޓީން އިންތިހާއަށް ޙައިރާންވެ ދެރަވާ އަމަލެއް ކަމަށެވެ. އަދި ދިވެހި ޒުވާނުންގެ މިއަދުގެ ހާލަތަށް ވިސްނާއިރު ދެރަވާންޖެހޭ ކަމަށާއި، ބައެއް މީހުން ތިބީ ދީނާ ދުރަށް ގޮސް ހައްދުފަހަނަޅާ ދީނުން ބޭރުވާން ކައިރިވެފައިކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި އަނެއްބަޔަކު ދީނަށް ވަނުމުގެ ނަމުގައި އަނެއް ފަޅިން ބޭރުވެ ޝައްކާއި ވަހުމުގެ މާސިންގާ ކަނޑަކަށް ގޮސް އޮބާލަނީ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި ދިވެހި ރައްޔިތުންނަށް ފުރިހަމަ އިސްލާމް ދީން އަންގައިދީ، ރާއްޖޭގައި މިއޮތް އިސްލާމީ ވަޙުދަތުގައި ރެނދެއް އެޅިޔަނުދީ ހިފެހެއްޓުމަކީ ދިވެހި ދައުލަތަށް ވާޖިބުވެފައިވާ ކަމަކަށްވާތީ، މިޤައުމުގެ ބައެއް ލޮބުވެތި ޒުވާނުންނަށް ހެއުމަގު އަންގައި ދިނުމާއި އެކުދިންގެ އިސްލާމީ ވެށި އިސްލާޙު ކުރުމަކީ ޤާނޫނީގޮތުން ދިވެހި ސަރުކާރުގެ ބޮލުގައި އެޅިފައިވާ ޒިއްމާއެއް ކަމަށް ވެސް އަދާލު ޕާޓިގެ އެ ބަޔާނުގައި ބުނެފައިވެ އެވެ.