އަށް އަހަރުން ދަށުގެ ކުދިންނަށް އަމާޒުކޮށްގެން އައިލެންޑް އޭވިއޭޝަން ސާވިސްގެ ފަރާތުން ބާއްވާ ޤުރުއާން މުބާރާތް އަންނަ މަހު ބާއްވާގޮތަށް ނިންމައިފިއެވެ.

އައިއޭއެސް އިން ބުނީ މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ގަވާއިދު މިހާރު ވެސް ކުންފުނީގެ ކޯޕަރޭޓް ހެޑް އޮފީހުންނާއި ކުންފުނީގެ ވެބްސައިޓުން ލިބޭނެ ކަމަށެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ ހަތްވަނަ ދުވަހުގެ 13:30 އެވެ.

ފޯމް ހުށަހަޅަންޖެހެނީ ކުންފުނީގެ ކޯޕަރޭޓް ހެޑް އޮފީހަށެވެ. މުބާރާތް ބާއްވާ ސީދާ ތާރީޚް އަދި އިއުލާނެއް ނުކުރެއެވެ.

މުބާރާތުގައި ވަނަތައް ހޮވުމަށް ހަމަޖެހިފައި ވަނީ ދެ ގޮފި ވަކިންނެވެ. އެގޮތުން މުބާރާތުގެ ބަލައިގެންނާއި ނުބަލާ ކިޔެވުމުގެ ގޮފިން އެންމެ މޮޅު 10 ދަރިވަރުންނާއި ކޮންމެ ގޮއްޕަކުން އެއްވަނަ ދެ ވަނަ އަދި ތިން ވަނަ ހޮވާނެއެވެ.

ކީރިތި ޤުރުއާނަށް ލޯބި ޖައްސައި ދަރިންގެ ހިތްތަކުގައި ޤުރުއާން ކިޔެވުމުގެ ރޫހް އާލާކޮށް އިތުރުކުރުމުގެ އިތުރުން ތަޖުވީދުގެ ހަމަތަކާއި ރީތި ރާގުގައި ޤުރުއާން ކިޔަވާ ދިވެހި ދަރިންތަކެއް އުފެއްދުމުގެ މަގުސަދުގައި ބާއްވާ މި މުބާރާތް މިދިޔަ އަހަރުވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.