އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކު ހޮވުމަށް މިމަހުގެ 30 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ރާއްޖޭގެ އިތުރުން ހަތަރު ގައުމެއްގައި ބަހައްޓާނެ ކަމަށް އެ ޕާޓީ އިން ބުނެފިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ގުޅޭގޮތުން މިއަދު އެޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމެއްގައި އެމްޑީޕީގެ އިންތިޚާބާ ބެހޭ ކޮމެޓީގެ މުގައްރިރު މުހައްމަދު އިބްރާހިމް މަނިކު ވިދާޅުވީ މެލޭޝިއާގެ ކުއަލަލަމްޕޫރާއި، އިންޑިއާގެ ޓްރެވިންޑްރަމް އަދި ބެންގަލޫރު، އިނގިރޭސިވިލާތުގެ ލަންޑަން، ސްރީލަންކާގެ ކޮލަމްބޯ އާއި ކޭންޑީ ގައި ވޯޓްފޮށި ބަހައްޓާނެ ކަމަށެވެ.

އިންތިޚާބާ ގުޅޭގޮތުން މަނިކު ވިދާޅުވީ އިންތިޚާބުގައި ވޯޓުލެވޭނީ މިއަދުގެ ނިޔަލަށް އެމްޑީޕީގެ މެމްބާޝިޕް ފޯމް ފުރައި އެޕާޓީގެ އޮފީހަށް ހުށަހަޅާ މީހުންނަށް ކަމަށެވެ.

މިމަހުގެ 18 ގައި ވޯޓާސް ލިސްޓު އާންމު ކުރާނެ ކަމަށާއި އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޭގެ އަނެއްދުވަހު ހުޅުވާލާނެ ކަމަށް މަނިކު ވިދާޅުވިއެވެ. ޕްރައިމަރީ އަށް ކުރިމަތި ލެއްވި ފަރާތްތަކުގެ ނަންތައް މިމަހުގެ 21 ވަނަ ދުވަހު އިއުލާނުކުރާނެ ކަމަށް ވެސް އެ ޕާޓީ އިން ބުނެއެވެ. ޕްރައިމަރީ އަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން މިމަހުގެ 19 އަށް ވަނީ ހުޅުވާލައިފައެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ރޭގަނޑު 21:00 އިން މެންދަމު އެކަކަށެވެ. އެގޮތަށް ވަގުތު ކަނޑައެޅީ ރަމަޟާން މަހާ ދިމާވާތީ ކަމަށް އެޕާޓީ އިން ބުނެއެވެ.

ރިޔާސީ ޕްރައިމަރީ އާގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް މިހާރު ވަނީ ކޮމެޓީ އެއްވެސް އެކުލަވާލައިފައެވެ. އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ކުރީގެ ހޯމް މިނިސްޓަރު ހަސަން އަފީފާއި ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހުގެ އިތުރުން އެމްޑީޕީ ގައުމީ މަޖިލީހުގެ މެމްބަރު މޫސާ އަލިމަނިކެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެއް ކެނޑިޑޭޓަކު ނެރުމުގެ މަޝްވަރާތައް އަދިވެސް ކުރިއަށް އެބަދާކަމަށާއި އެތެރޭގެ އިންތިޚާބުތަކުގެ ސަބަބުން އެކަމަށް ހުރަހެއް ނެތްކަމަށް އެމްޑީޕީ އިން ބުނެއެވެ. އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ ޕަޓީތަކުގެއެތެރޭގެ އިންތިޚާބަށް ފަހު ހުށަހެޅޭ ކެންޑިޑޭޓަކާއެކު ކުރިއަށްދާންނެ ގޮތެއް ވަރަށް އަވަހަށް ކަނޑައެޅިގެންދާނެ ކަމަށެވެ.

އަދި ޕްރައިމަރީ އިން ހޮވޭ ކެނޑިޑޭޓަކަށް އިންތިޚާބުގައި ވާދަނުކުރެވޭނެ ހާލަތެއް ދިމާވެއްޖެނަމަ ޕަޓީގެ އަސާސީ ގަވައިދާ އެއްގޮތަށް ގޮތެއް ނިންމާނެ ކަމަށް އަނަސް ވިދާޅުވިއެވެ.

އެމްޑީޕީގެ ޕްރައިމަރީ އިއުލާނުކޮށްފައިވާ އިރު މިހާތަނަށް މި އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަންޏެވެ.

"ޖަޒީރާ ރައީސް" މި ސްލޯގަންގެ ދަށުން ނަޝީދު މިހާރު ވަނީ ކެމްޕެއިން ވެސް ފައްޓަވައިފަ އެވެ.

ތޭރަ އަހަރުގެ ޖަލު ހުކުމެއް އިއްވަވާފައި ވަނިކޮށް ބޭސްފަރުވާއަށް ކަމަށް ބުނެ ރާއްޖެ އިން ބޭރަށް ވަޑައިގެންނެވި ގޮތަށް އިނގިރޭސި ވިލާތުގެ ހިމާޔަތް ހޯއްދަވައިގެން ހުންނެވި ނަޝީދު މިދިޔަ މަހުގެ 29 ވަނަ ދުވަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމްޑީޕީ ޕްރައިމަރީގައި އެމަނިކުފާނުގެ ކެމްޕޭން މެނޭޖަރަކީ ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު އަސްލަމް ކަމަށެވެ.