15 May 2018, 10:22
މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް އެންމެ އިސްކޮށް މަސައްކަތް ކުރެއްވި ކަމަށް ތުހުމަތު ކުރެވޭ އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް ފުލުހުންގެ ވަޒީފާއިން ވަކިކޮށްފިއެވެ.
އޭސީޕީ މަންނާނު ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވަނީ އިއްޔެ ބޭއްވި ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުގެ ބައްދަލުވުމަކުންނެވެ.
ކުރީގެ ކަމިޝަނަރ އޮފް ޕޮލިސް އަދި ގާނޫނީ ސަރުކާރު ބަދަލު ކުރުމަށް މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ އަހުމަދު އަރީފާ ގާތް ގުޅުމެއް އޮންނަ މަންނާނު ސަސްޕެންޑް ކުރި އިރު، އޭނާ ހުރީ އެކެއް ފެބްރުއަރީގެ އަމުރާއި ގުޅިގެން ހިނގައި ދިޔަ ކަންތައްތަކަށް ފަހު މަސްއޫލިއްޔަތު ތަކުން އެކަހެރިކޮށްފައިކަން ވަނީ އެނގިފައެވެ.
"ސަން" އަށް އެނގިފައިވާގޮތުގައި މަންނާނަކީ އެކެއް ފެބްރުއަރީގެ އަމުރު ތަންފީޒު ކުރުމަށް އިސްކޮށް މަސައްކަތް ކުރި ބޭފުޅެކެވެ. އެގޮތުން އަތޮޅު ތެރެއިން ގެންނަން ޖެހޭ ފުލުހުން ގެނައުމުގެ މަސައްކަތް ކުރުމާއި އޮޕަރޭޝަން ކުރިއަށް ގެންދަންވީގޮތް ރޭވި މީހުންގެ ތެރޭގައި އޭނާ ހިމެނޭ ކަމަށް ތުހުމަތު ކުރެވެއެވެ. އަދި މީގެ ކުރިންވެސް ސަރުކާރާ ދެކޮޅަށް ކުރި ބައެއް ކަންކަމުގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވެއެވެ.
މަންނާނު ފުލުހުންގެ ވަޒީފާ އިން ވަކިކުރީ ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިނާއި އިތުރު ބަޔަކާ ގުޅިގެން ސައްހަ ނޫން ކޯޓު އަމުރެއް ތައްޔާރުކޮށްގެން ރައީސް ޔާމީން ހައްޔަރުކުރަން އުޅުނު ކަމުގެ ތުހުމަތުގައިކަން ވަނީ އެނގިފައެވެ. އަދި މިކަމާ ގުޅިގެން ފުލުހުން ރަސްމީކޮށް އެއްޗެއް ބުނެފައެއްނުވެއެވެ.
މަންނާނު ވަޒީފާއިން ވަކިކޮށްފައިވާއިރު ފުލުހުންގެ ވަޒީފާއިން ދާދި ފަހުންވެސް ވަނީ ބައެއް މީހުން ވަކިކޮށްފައެވެ. އޭގެ ތެރޭގައި އެކެއް ފެބްރުއަރީގެ އަމުރު ތްނަފީޒު ކުރަން މަސައްކަތް ކުރި ފުލުހުން ހިމެނެއެވެ.