މުޖުތަމައުގައި މައިންގެ ރޯލު އަންގައިދިނުމަށާއި މުޖުތަމައު ބިނާކުރުމުގައި މައިންގެ ރޯލު އަންގައިދިނުމަށް ރަފީ ޖަމްއިއްޔާ އިން ކުރިއަށް ގެންދިޔަ "މަދާ ކުއީން" ޕްރޮގްރާމް ނިންމާލައިފިއެވެ.

މިދިޔަ މަހުގެ 23 އިން މިމަހުގެ 11 އަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމު ކާމިޔާބުކަމާއެކު ނިންމާލާފައިވަނީ 29 މަންމައިންނެވެ. ޕްރޮގްރާމް ކުރިއަށް ގެންދިޔައީ މަންމައިންނާ ދަރިން ބައިވެރިކޮށްގެންނެވެ. ކޮންމެ މަންމައަކަށްވެސް ޕްރޮގްރާމުގެ ތެރޭ (އެމީހެއްގެ އަމިއްލަ ނޫން) ދަރިއެއް އެޓޭޗް ކުރެވުނެވެ.

މަންމައިންނާއި ދަރިންގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިކޮށް ދިރިއުޅުމުގައި އެ ދެމީހުންގެ ހިއްސާ އާ ގުޅޭގޮތުން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމު ނިންމުމުގެ ހަފްލާގައި ވާހަކަ ދައްކަވަމުން ރަފީ ޖަމްއިއްޔާގެ ފައުންޑިން ޕްރެޒިޓެންޓް ޑރ. އާއިޝަތު ރަފިއްޔާ ވިދާޅުވީ އަންހެނަކަށް ވީތީ ފަހަށް ޖެހޭނެ ކަމެއް ނެތް ކަމަށާއި މަންމައިނަކީ މުޖުތަމައުގެ ހަކަތަ ކަަމަށެވެ.

އަންހެންދަރިންނާއި ފިރިހެން ދަރިންގެ މެދުގައި ގެންގޫޅޭ ކަމަށް ބުނާ ފަރަގު ކުޑަކުރުމަށް ރަފިއްޔާ ގޮވާލެއްވިއެވެ.

ޕްރޮގްރާމުގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެންނެވީ ސިމްޑީ ގްރޫޕުގެ ސީއީއޯ އަދި ރާއްޖެއިން ބެލްޖިއަމަށް ކަނޑައަޅުއްވާފައި ހުންނަވާ އޮނަރަރީ ކޮންސިއުލް ޑރ. މަރިޔަމް ޝަކީލާ އެވެ. ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. ޝަކީލާ ވިދާޅުވީ ޒަވާޖީ ހަޔާތެއް ފަށައި ދަރިން ލިބުމަކީ ކެރިއަރު ދޫކޮށްލަންވީ ސަބަބެއް ނޫން ކަމަށެވެ. އަދި ދަރިން ލިބުމުން މައިން އެމީހުންގެ ވަޒީފާ ދޫކޮށް ގޭގައި ތިބޭނަމަ އެއީ ގައުމުގެ އިގްތިސާދަށް އޭގެ ނުރަނގަޅު އަސަރު ކުރާނެ ކަމެއް ކަމަށް ޑރ. ޝަކީލާ ވިދާޅުވިއެވެ.