15 May 2018, 09:01
މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީ އިން ވާދަކުރާނެ ކެނޑިޑޭޓަކު ހޮވުމަށް މިމަހުގެ 30 ގައި ބާއްވަން ނިންމާފައިވާ ޕްރައިމަރީ އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެ ޕާޓީ އިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ޕްރައިމަރީގައި ވާދަކުރުމަށް، ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 19 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
އެމްޑީޕީގެ ޕްރައިމަރީ އިއުލާނުކޮށްފައިވާ އިރު މިހާތަނަށް މި އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަންޏެވެ.
"ޖަޒީރާ ރައީސް" މި ސްލޯގަންގެ ދަށުން ނަޝީދު މިހާރު ވަނީ ކެމްޕެއިން ވެސް ފައްޓަވައިފަ އެވެ.
ތޭރަ އަހަރުގެ ޖަލު ހުކުމެއް އިއްވަވާފައި ވަނިކޮށް ބޭސްފަރުވާއަށް ކަމަށް ބުނެ ރާއްޖެ އިން ބޭރަށް ވަޑައިގެންނެވި ގޮތަށް އިނގިރޭސި ވިލާތުގެ ހިމާޔަތް ހޯއްދަވައިގެން ހުންނެވި ނަޝީދު މިދިޔަ މަހުގެ 29 ވަނަ ދުވަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމްޑީޕީ ޕްރައިމަރީގައި އެމަނިކުފާނުގެ ކެމްޕޭން މެނޭޖަރަކީ ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު އަސްލަމް ކަމަށެވެ.
އެމްޑީޕީން މިއަދު ބުނީ، ގައުމީ މަޖިލީހުގެ ގަރާރުގައި ޕްރައިމަރީ ބޭއްވުމަށާއި ޕާޓީން އިންތިޚާބުކުރާ ކެންޑިޑޭޓަކަށް ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެވޭނެ ހާލަތެއް މެދުވެރިވެއްޖެ ހިނދެއްގައި، ދެން ޕާޓީން އަމަލުކުރާނެ ގޮތެއް ނިންމާނީ ވެސް އެ ޕާޓީގެ ގައުމީ މަޖިލީހުން ކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއެއް ބޭއްވި ނަމަވެސް، ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން އެއްބަސްވެފައި ވަނީ އެންމެން އެއްބަސްވާ އެއް ކެންޑިޑޭޓެއް ރިޔާސީ އިންތިޚާބަށް ނެރުމަށް ކަމަށް އެ ޕާޓީތަކުން އަންނަނީ ބުނަމުންނެވެ.
ނަމަވެސް އެ ކެންޑިޑޭޓެއް ކަނޑައަޅާނީ ވަކި ޕާޓީތަކުން ބާއްވާ ޕްރައިމަރީތަކަށް ފަހު ކަމަށް އެޕާޓީތަކުން ބުނެ އެވެ.