15 May 2018, 01:43
އިސްރާއީލުގެ ތެލްއަވީވްގައި ހުންނަ އެމެރިކާގެ އެމްބަސީ، ގުދުސަށް ބަދަލުކުރުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފުކަމެއް ކަމަށް ވިލާތުގެ ގައުމުތަކުން ބުނެ، އެއަމަލު ވަރަށް ބޮޑަށް ކުށްވެރިކޮށްފިއެވެ.
އެމެރިކާގެ އެމްބަސީ ގުދުސަށް ބަދަލުކުރުމާ ގުޅިގެން، ފަރަންސޭސި ޚާރިޖީ ވުޒާރާއިން ހޯމަދުވަހު ނެރުނު ބަޔާނުގައި ބުނީ، އެ އަމަލަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ފުށޫއަރާ، އަދި އދ.ގެ ސަލާމަތީ މަޖިލީގާއި އާންމު މަޖިލީހުން ފާސްކޮށްފައިވާ ގަރާރުތަކާވެސް ޚިލާފު އަމަލެއް ކަމަށެވެ.
ފަރަންސޭސި ޚާރިޖީ ވުޒާރާއިން ބުނީ، އެމެރިކާއާއި އިސްރާއީލްގެ މި އަމަލުގެ ސަބަބުން، އެ ސަރަހައްދުގެ ހާލަތު އިތުރަށް ގޯސްވަމުން ދާކަމަށެވެ. އަދި މިކަމުގައި ޝާމިލްވާ އެއްވެސް ފަރާތަކުން، އިތުރަށް "ހުޅު ރޯވުމަށް" ފުރުސަތު ނުދީ، ޒިންމާދާރުކަމާއެކު މަސައްކަތްކުރުމަށް ގޮވާލާ ކަމަށެވެ.
ފަރަންސޭސި ޚާރިޖީ ވުޒާރާއިން ވަނީ، މެދުއިރުމަތީގައި މިހާރުވެސް ވަރަށް ބޮޑަށް ނުތަނަވަސްކަން އުފެދިިފައިވާ މި ދަނޑިވަޅުގައި، މައްސަލަތަކަށް ސިޔާސީ ހައްލެއް ހޯދުމަށް ގޮވާލައިފައެވެ.
ތުރުކީގެ ޚާރިޖީ ވުޒާރާއިން ބުނީ، އެމެރިކާއާއި އިސްރާއީލުގެ މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެއީ މުޅިން ބާތިލު، އަދި ޣައިރުޤާނޫނީ އަމަލެއް ކަމަށެވެ.
އައިރިޝް ޚާރިޖީ ވަޒީރު ސައިމަން ކޮވެނީ ވިދާޅުވީ، އެމެރިކާގެ މި އަމަލަކީ ފަލަސްތީނާ އިސްރާއީލާ ދެމެދު ގޯސްވެފައިވާ ގުޅުން އިތުރަށް "ރޯކުރުން" ކަަމަށެވެ.
ވިލާތުގެ ގައުމުތަކުގެ އިތުރުން، އިސްލާމީ ގައުމުތަކާއި އަދި އެނޫންވެސް ގައުމުތަކުން ދަނީ، އެމެރިކާއާއި އިސްރާއީލުގެ މި ޖާހިލް އަމަލުތައް ކުށްވެރިކުރަމުންނެވެ.
އެމެރިކާގެ އެމްބަސީ ގުދުސަށް ބަދަލުކުރުމާ ގުޅިގެން، ފަލަސްތީނުގެ ޣައްޒާގައި މިހާރު ކުރިއަށްދާ އިހްތިޖާޖުތަކަށް އަމާޒުކޮށް އިސްރާއީލްގެ އިންސާނިއްޔަތުކަމެއް ނެތް ސިފައިން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 55 މީހަކު ވަނީ ޝަހީދުވެފައެވެ. އަދި ޒަޚަމްވީ މީހުންގެ އަދަދު 2400އަށް ވުރެ ގިނައެވެ.
އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުކޮށް، ދެމުންދާ ހަމަލާތަކަކީ ގަތުލުއާންމެއްގެ ގޮތުގައި ސިފަކޮށް، ފަލަސްތީނުން ވަނީ އެކަން ހުއްޓުވައި ދިނުމަށް އެދި ބައިނަލްއަގްވާމީ މަސްރަހުގައި އެދިފައެވެ.
ޣައްޒާގައި މުޒާހަރާތައް ކުރިއަށްދާ އިރު، ގުދުސްގައި އެމެރިކާ އެމްބަސީ ހުޅުވުމާ ދެކޮޅަށް އަޑުއުފުލައި ހުޅަނގު އައްސޭރީގެ ރާމަﷲއާއި ހަބްރޫންގައިވެސް ދަނީ މުޒާހަރާ ކުރަމުންނެވެ.
ހޯމަ ދުވަހު ގުދުސްގައި އެމެރިކާގެ އެމްބަސީ ހުޅުވުމަށްޓަކައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަރިކަނބަލުންނާއި ދަނބިދަރިކަލުން ގުދުސަށް ވަޑައިގަތެވެ.
ޣައްޒާގެ އާބާދީ ދެ މިލިއަނަށް އަރާ އިރު އޭގެ ތެރެއިން 70 އިންސައްތަ މީހުންގެ ކާބަފައިންނަކީ ރެފިއުޖީންނެވެ.